Roadha Mihaaru
އޭ ދިވެހިންނޭވެ! މައުމޫން މަތިން ހަނދާން އެބަހުރިތަ!

އޭ ދިވެހިންނޭވެ! މައުމޫން މަތިން ހަނދާން އެބަ ހުރި ހެއްޔެވެ؟

20 ސެޕްޓެމްބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަތިން ދިވެހިން ހަނދާން ނެތިދާނެ ހެއްޔެވެ؟

މޫސާ ލަތީފް މޫސާ ލަތީފް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މަތިން ދިވެހިން ހަނދާން ނެތިދާނެ ހެއްޔެވެ؟

ފަހަރެއްގައި މައުމޫން ޖަލަށް ލީ ބަޔަކަށް އެހެން ހީވެދާނެ އެވެ. މިދިއަ ފެބްރުއަރީ މަހުން ފެށިގެން އެމަނިކުފާނު އެ ހުންނެވީ ޖަލުގަ އެވެ. ދިވެހިން ނުކުންނަން ތައްޔާރުވަނީ ރިޔާސީ އިންތިހާބުގެ ވޯޓަށެވެ. މިއީ 1978 ގެ ފަހުން ރިޔާސީ އިންތިހާބެއްގައި މައުމޫންގެ އަޑުފުޅު ނީވި، ދިވެހިން ގޮތެއް ނިންމަން ޖެހޭ ފުރަތަމަ ފަހަރެވެ.

އެކަމަކު އެމަނިކުފާނު ހުންނެވި ގޮތް އެންމެންނަށް ވެސް އެނގެ އެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށް، ޖަލަށް ލީ ސަބަބު ވެސް އެނގެ އެވެ: ރައީސް އަބްދުﷲ ޔާމީނަށް ސިޔާސީ ގޮތުން އޮތް ޗެލެންޖެވެ.

މީގެ ދެ އަހަރު ކުރިން ޝީ ބިލްޑިންގުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ، މައުމޫން ވަނީ، އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު، ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާންކުރައްވައިފަ އެވެ. އެއީ ސިޔާސީ ގޮތުން ވަރަށް ބޮޑު ނިންމެވުމެކެވެ. ރައީސް ޔާމީން ދޫކުރައްވައި، ސިޔާސީ ގޮތުން ދުރަށް ޖެހިވަޑައިގަތުމަކީ، ދިވެހިންނަށް އޭރު ވެސް އެމަނިކުފާނު ދެއްވި މެސެޖެކެވެ.

ރައީސް ޔާމީންގެ އަމަލްފުޅުތައް ހުރި ގޮތަށް ބަލާ އިރު، ބޮނޑިއެއް ލިބިވަޑައިގެންފާނެކަން މައުމޫން އަމިއްލަފުޅަށް ވެސް ގަބޫލުކުރައްވާނެ އެވެ. އެކަން އައިސް ލައިގަތީ ފެބްރުއަރީ 1 ގެ ސުޕްރީމް ކޯޓުގެ އަމުރާ އެކު އެވެ. އެއީ ސިޔާސީ ހައްޔަރެއް ނޫންކަން ރައީސް ޔާމީން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ގައުމީ ޔުނިވަސިޓީގައި އެމަނިކުފާނު ގިނިކަންޏާ ކުރެއްވި "ރިޔާސީ ބަހުސް"ގައި ވެސް، ވަރަށް ސާފުކޮށް އެ ވާހަކަ ވިދާޅުވި އެވެ.

އެކަމަކު މައުމޫން ކުރެއްވީ ސިޔާސީ މަސައްކަތްޕުޅެކެވެ. ދިވެހިންނަށް އެކަން އެނގޭނެ އެވެ. ރައީސް ޔާމީނާ ދެކޮޅަށް މައުމޫން ނުކުމެ ހުންނެވީ އެކަން އިއުލާން ވެސް ކުރައްވައިގެންނެވެ.

ސިޔާސީ މަސައްކަތަކީ ކޮބައި ހެއްޔެވެ؟ ރައްޔިތުންގެ މަޖިލިހުގެ އަގުލަބިއްޔަތު ސަރުކާރަށް ގެއްލުމުން، 12 މެމްބަރަކު އެ މަޖިލިހަށް ނުވަދެވޭ ގޮތަށް، ސިފައިންނާއި ފުލުހުން ލައްވާ ހުރަސް އެޅުމަކީ، ސިޔާސީ ކަމެއް ހެއްޔެވެ؟ އޭގެ ފަހުން ސުޕްރީމް ކޯޓު ތެރެއަށް، ސިފައިންގެ ވެރިންނާއި ސަރުކާރުގެ ވެރިން ވަދެވަޑައިގެން، ފަނޑިޔާރުންނަށް "ވިސްނައިދިން ވިސްނައިދިނުމަކީ" ސިޔާސީ މަސައްކަތެއް ހެއްޔެވެ؟

އާނއެކެވެ. ސިޔާސީ ގޮތުން ކުރިމަތިވި/ވެދާނެ ގޮންޖެހުންތަކަށް ހޯދި ސިޔާސީ ނިޔަތް ހިމެނޭ ހައްލުތަކެވެ.

މައުމޫނާއި އެހެން އިދިކޮޅު ލީޑަރުން ވެސް ކުރައްވަމުން ގެންދަވަނީ، ރައީސް ޔާމީން ފަދައިން، ހަމަ އެ މަސައްކަތެވެ. އަދި މައުމޫން ޖަލަށް ލައިގެން، ދިގު މުއްދަތުގެ ހުކުމެއްގެ ތެރެއިން އެމަނިކުފާނުގެ އަޑު ކަނޑުވާލައިގެން، ސިޔާސީ ހަނގުރާމަ ކާމިޔާބުކުރެވިދާނެ ކަމަކަށެއް ނުފެނެ އެވެ.

އުމުރުފުޅުން 80 އަހަރުގެ މައުމޫންގެ މަތިން ދިވެހިން ހަނދާނެއް ނުނެތެ އެވެ. ނުވެސް ނެތޭނެ އެވެ.

އެއީ ބާރުތައް މަސްހުނިކޮށްގެން 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވުމަށް ފަހު، ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުވީ އިރު ހުންނެވި ވެރިޔާ އެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމަށް "ބުރައަކަށް ވެފައިވާ" ގާނޫނުއަސާސީ ހަދަން ރައްޔިތުންގެ ހާއްސަ މަޖިލިސް އެއްކުރެއްވި އަދި މީގެ 10 އަހަރު ކުރިން އެ ގާނޫނުއަސާސީ ތަސްދީގުކުރެއްވި ރައީސެވެ. ފުރަތަމަ ފަހަރަށް އޮތް ވާދަވެރި އިންތިހާބެއްގައި ބަލިވެވަޑައިގަތުމުން، ހަމަ އެރޭ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް މަރުހަބާ ވިދާޅުވެ، އަނެއް ދުވަހު ރައީސް އޮފީހުގައި ބައްދަލުކުރެއްވި ރައީސެވެ.

އެކަމަކު އަމާންކަމާ އެކު ވެރިކަން ބަދަލުވިޔަސް، ސިޔާސީ މަސައްކަތުގައި ގޮންޖެހުންތައް ހުންނާނެ އެވެ. ރޮލާ އޮތް ރާއްޖޭގެ ޑިމޮކްރަސީގައި، މާޒީގެ ހިތި ތަޖުރިބާ އާއި އަނިޔާގެ ބަދަލުހިފުމުގެ ރޫހު ވެސް، ފުރަތަމަކޮޅު، ދިރިގެން އަންނާނެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ހުކުމްކުރުމުގެ ކުރިން، ޖޭޕީގެ މައި ޖަގަހާގައި މައުމޫނާ ބައްދަލުކުރައްވަނީ --ފޮޓޯ/މިހާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކޮށް ހުކުމްކުރުމުގެ ކުރިން، ޖޭޕީގެ މައި ޖަގަހާގައި މައުމޫނާ ބައްދަލުކުރައްވަނީ --ފޮޓޯ/މިހާރު

ރައީސް ނަޝީދުގެ ވެރިކަމުގައި މައުމޫނަށް ކުރިމަތިވެވަޑައިގަތީ، އެހާ ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ރައީސަކަށް، ގިނަ ފަހަރަށް ދިމާވާ މައްސަލަތަކެވެ. ބޮޑު ހަމަނުޖެހުމެއްގެ ތެރެއިން ފުލުހުންގެ އޮފީހަށް މައުމޫން ހާޒިރުކޮށް ސުވާލު ވެސް ކުރި އެވެ. މައުމޫންގެ ޚިޔާނާތުގެ މައްސަލަތައް ބަލަން ރިޔާސީ ކޮމިޝަނެއް ވެސް އުފެއްދި އެވެ. ސިޔާސީ ކަންކަމުން ދުރުވެވަޑައިގަތުމަށް މައުމޫނަށް މަޖުބޫރުކުރުންތައް ވެސް އަ އެވެ.

އެކަމަކު އިދިކޮޅު ލީޑަރެއްގެ ގޮތުން ކުރައްވަމުން ގެންދެވި މަސައްކަތްޕުޅާ ގުޅިގެން މައުމޫން ޖަލަކަށް ނުލަ އެވެ. ސިޔާސީ މަސައްކަތްތައް ކުރިއަށް ގެންދެވި އެވެ. އަދި އެ މަސައްކަތަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަކަށް، އެމަނިކުފާނު ދެކެ އެންމެ ރުޅިއަންނަ މީހުން ވެސް، ގަބޫލެއް ނުކުރާނެ އެވެ.

އެކަމަކު ކޮއްކޯފުޅުގެ ވެރިކަމުގައި އެ ހުންނެވީ ޖަލުގަ އެވެ. ކުރިފުޅުމަތީގައި އޮތީ ޓެރަރިޒަމްގެ ދައުވާ އެވެ.

އާ ގާނޫނުއަސާސީގެ މައިގަނޑު ބިންގަލަކީ ނުހައްގު އަނިޔާތަކާއި އަދަބުތަކާއި ބޭއިންސާފު ހުކުމްތަކުން ރައްޔިތުން ސަލާމަތްކޮށްދީ، ވަކި މީހެއްގެ އަތް ދަށަށް ގައުމުގެ ހުރިހާ ބާރެއް ދިޔަ ނުދިނުމެވެ. ދިވެހިން ވަނީ އެފަދަ ހައްގުތަކުން މަހޫރުމްވެ، އެތައް އަނިޔާއެއް ތަހައްމަލްކޮށް، ބޭއިންސާފު ނިންމުންތަކުގެ ހިތި ތަޖުރިބާ، ދިގު މުއްދަތެއްގައި ކޮށްފަ އެވެ. އެކަމަކު ގާނޫނުއަސާސީގައި އެ ހައްގުތައް އަދި ކަށަވަރުވިޔަކަސް، މިނިވަން މުއައްސަސާތައް ހިންގަން "ފިނޑިންގެ ލަސްކަރެއް" ލައިގެން އެ މަގުސަދު ހާސިލްނުވާނެކަން، މައުމޫނަށް މިއަދު ޖައްސާފައިވާ ހާލުން ވެސް، އެނގި ސާބިތުވެ އެވެ.

ކެރިގެން ބަހެއް ބުނެލާނެ ވެރިޔަކު އެއިން ތަނަކު ނެތެވެ. "ތިއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެކޭ، ވަޒީފާ ގެއްލުނަސް ތިކަމެއް ނުކުރާނަމޭ" ބުނެލާނެ ފަހުލަވާނަކު ނުފެނެ އެވެ. އެކަމަކު މައުމޫންގެ ވެރިކަން ނިމިގެން ދިޔައީ، އެ ހިތްވަރު ދިވެހިންނަށް ލިބި، އެތައް ބަޔަކު އޭގެ ބޭނުންކޮށް، އަދި ކުރިމަގުގައި ވެސް ދިވެހިން ދިވެހިންނަށްޓަކައި ގާނޫނުއަސާސީ ހިމާޔަތްކުރާނެކަމުގެ އުއްމީދު ގެނެސްދީފަ އެވެ.

ޖަލަކީ، ކިތައްމެ ރީއްޗަށް ހަދާފައި ހުއްޓަސް، އަދި މައުމޫނަށް ފަރުވާ ދޭން ހުރިހާ ސާމާނަކާ އެކު "އައި ކްލިނިކް" ފަދަ ސިއްހީ ޚިދުމަތް ގާއިމްކުރިޔަސް، ހަމަ ޖަލެވެ. އެތަނުގައި އޮންނާނީ އެކަނިވެރިކަމެވެ. އެހެން މީހުންނާ މުޅިން ވަކިން އުޅެން ޖެހޭ ބަންދުވުމެކެވެ. ބައެއް އިންސާނުން ބަލިކޮށްލަ އެވެ. މާޔޫސްކޮށްލަ އެވެ.

އެކަމަކު މައުމޫން ހުންނެވީ ހިތްވަރާ އެކު، ކޮއްކޯފުޅާ ދެކޮޅަށްކަން އެންމެންނަށް ވެސް މިހާރު އެނގެ އެވެ. އިންތިހާބުގެ ކުރިން "ޑީލެއް ހައްދަވައިގެން" ނުކުންނަވައި، އެއްޗެކޭ ވިދާޅުނުވެ ގެކޮޅުގައި ހުންނަވަން ނުނިންމެވުމުން، ދިވެހިންނަށް އެނގި ކަށަވަރު މިވީ، ޝީ ބިލްޑިންގައި އޮތް ހަފުލާގައި، "އަޅުގަނޑު ރައީސް ޔާމީނަށް ކުރި ތާއީދު އަނބުރާ ގެންގޮސްފިން" ކަމަށް އިއުލާންކުރެއްވުމަކީ، މައުމޫން ހަމަ އަސްލު ވެސް ހުންނެވި ގޮތް ކަމެވެ.

މައުމޫން ޖަލުގައި އެ ހުންނެވީ، 2008 ގެ އިންތިހާބަށް ފަހު، ރައީސް އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ނަޝީދު ވިދާޅުވި ފަދަ "ދުނިޔޭގައި ވެސް ވަރަށް މަދު ލީޑަރެއްގެ ފަރާތުން ނޫނީ ނުފެންނަ ނަމޫނާއެއް" ދައްކަވައިފަ އެވެ: އެއީ ޚުދުމުޚުތާރު ވެރިކަމަކުން، ހުޅުވިފައިވާ ޑިމޮކްރަސީއެއް ގައުމާ ހަވާލުކުރެއްވުމެވެ. އެ ޑިމޮކްރަސީގެ އެންމެ ބޮޑު އެއް ހައްގު ކަމަށް ވާ، މިނިވަންކަމާ އެކު ވޯޓު ލުމުގެ ފުރުސަތުގެ ބޭނުން ހިފަން ދިވެހިން ތިބީ ތައްޔާރުވެގެންނެވެ.

މައުމޫންގެ ހާލަތަށް އެކަނި ވިސްނާލިޔަސް މިހާރު ރާއްޖޭގެ ޑިމޮކްރަސީ އޮތީ ކޮން ހާލަތެއްގައިކަން، ދިވެހިންނަށް އެނގޭނެ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވެވަޑައި ނުގެންނެވުނަސް، ހަމަ ޔަގީނެވެ، ދިވެހިން މައުމޫންގެ މަތިން ހަނދާނެއް ނުނެތެ އެވެ. އަދި ހަނދާން ނައްތައެއް ވެސް ނުލާނެ އެވެ.