Roadha Mihaaru
ލަންކާގެ ދެ މަސްބޯޓް މާލެ ގެނެސް ތަހުގީގު ފަށައިފި

ލަންކާގެ ދެ މަސްބޯޓު މާލެ ގެނެސް ތަހުގީގު ފަށައިފި

01 ޑިސެމްބަރ 2017

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ސްރީލަންކާގެ ދެ މަސް ބޯޓާއި ބޯޓުތަކުގައި ތިބި މީހުން މާލެ ގެނެސް، ފުލުހުން ތަހުގީގު ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަން ސްރީލަންކާގެ ދެ މަސް ބޯޓާއި ބޯޓުތަކުގައި ތިބި މީހުން މާލެ ގެނެސް، ފުލުހުން ތަހުގީގު ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ލަންކާގެ ދެ މަސް ބޯޓުގެ ތެރެއިން އެއް ބޯޓު ސިފައިންގެ ބެލުމުގެ ދަށުން މާލެ ގެނައީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އަދި އަނެއް ބޯޓު ގެނައީ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި މި ބޯޓުތަކާ ގުޅޭ ތަހުގީގު ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ ދެ މަސް ބޯޓް ފެނިފައިވަނީ އެމްއެންޑީއެފުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު މޮނީޓާ ކުރަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ކޯސްޓްގާޑުގެ ލޯންޗަކަށެވެ. ދެ މަސްބޯޓުގައި ވެސް ފަސް މީހުން ތިއްބެވެ.

މި މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖެ ސަރަހައްދުން ލަންކާގެ ހަތަރު މަސްބޯޓް ފެނިފަ އެވެ. އެކަން މަސްވެރިންތަކެއް ސިފައިންނަށް އެންގުމުން ސިފައިން ޗެކް ކުރުމަށްފަހު އެ ބޯޓްތަކަކީ ހުއްދަ ނަގައިގެން ވަތް ބޯޓްތަކެއް ކަމަށް ބުނެ ފަހުން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނީ ރާއްޖޭގެ ސަރަހައްދުން ފެނުނު ސްރީ ލަންކާގެ މަސްބޯޓުތައް ރާއްޖޭ ސަރަހައްދަށް ވަދެފައި ވަނީ ހުއްދަ ނެތި ކަމަށެވެ.

ރާއްޖޭގެ ގާނޫނުތައް ބުނާ ގޮތުން އިނޮސެންޓް ޕެސެޖް (އެއް ގައުމުން އަނެއް ގައުމަށް ދާން ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ) އަދި ހާއްސަ ހާލަތެއް މެދުވެރިވެގެން ނޫން ގޮތަކަށް ރާއްޖެ ސަރަހައްދު ހުރަސްކޮށް ދަތުރުކުރާ ނަމަ ހުއްދަ ނަގަން ޖެހެ އެވެ.