Roadha Mihaaru
ބައެއް ރަށްރަށަށް ކާޑާއި ގޭސް ފޯރުކޮށްދޭން ފަށައިފި

ބައެއް ރަށްރަށަށް ކާޑާއި ގޭހުގެ އެހީތެރިކަން ފޯރުކޮށްދެނީ

01 ޑިސެމްބަރ 2017

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ދިމާކޮށް، ބައެއް ރަށްރަށުން ގޭހާއި ކާޑު ހުސްވަމުން އަންނާތީ އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައާ ދިމާކޮށް، ބައެއް ރަށްރަށުން ގޭހާއި ކާޑު ހުސްވަމުން އަންނާތީ އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް "މިހާރު" އަށް މިރޭ ވިދާޅުވީ ނޭޝަނަލް ޑިޒާސްޓާ ސެންޓަރުންނާއި ރަށު ކައުންސިލްތަކުން މިހާތަނަށް ދިން މައުލޫމާތާއެކު ކާޑު ހުސްވެފައިވަނީ ހަތް ރަށަކުން ކަމަށެވެ. އަދި ގޭސް ހުސްވެގެން ދެ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ހާލެއްގައި ކާޑަށް ޖެހިގެނެއް ނޫން މި އުޅެނީ. ހާލުގައެއް ވެސް ނުޖެހޭ. ރަށްރަށުގެ ފިހާރަތަކުން ލިބެން ހުރި ކާޑާއި ގޭސް ހުސްވީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ގޭހާއި ކާޑު އެކީގައި ހުސްވެގެން މިހާތަނަށް ރިޕޯޓުކޮށްފައިވަނީ ހދ. ފިނޭން އެކަންޏެވެ. އަދި ޅ. ކުރެންދޫން ގޭސް ހުސްވާން ކައިރިވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ކާޑު ހުސްވެގެން ރިޕޯޓު ކުރި ރަށްތަކަކީ ފިނޭގެ އިތުރުން މ. މުލަކު، މ. ރަތްމަންދޫ، ހދ. ކުމުންދޫ، ހދ. ހަނިމާދޫ، ނ. ކުޑަފަރި، ފ. ބިލެތްދޫ، ފ. ދަރަނބޫދޫ އެވެ.

ބައެއް ރަށްރަށުން ކާޑާއި ގޭސް ހުސްވި ނަމަވެސް، ކޮންމެ އަތޮޅެއްގައި ވެސް ހުންނަ އެސްޓީއޯގެ ފިހާރަ މެދުވެރިކޮށް އެ ރަށްރަށަށް ބޭނުންވާ ކާޑާއި ގޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެސްޓީއޯގެ އަތޮޅު ފިހާރަތަކުގައި ބޭނުންވާ ވަރަށް ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ގޭސް ހުރި ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ލަންކާގެ ހުޅަނގު އުތުރުގައި އިންޑިއާ ކަނޑުގައި އުފެދިފައިވާ ތޫފާން "އޯޝީ"ގެ ސަބަބުން ރާއްޖެ އަށް ދަނީ ވަރަށް ގަދަޔަށް ވިއްސާރަ ކުރަމުންނެވެ. ފެންބޮޑުވުމާއި ރާޅު އެރުމާއި ރުއްގަސް ވެއްޓުން ފަދަ ހާދިސާތައް އެކި ރަށްތަކަށް ކުރިމަތިވެފައިވާ އިރު، އެންމެ ބޮޑަށް ގެއްލުންވެފައި ވަނީ އުތުރާއި މެދު ރާއްޖެތެރޭގެ ރަށްތަކަށެވެ.