Roadha Mihaaru
ފޮމެންޓޯއިން އޭޑީކޭއަށް ކުރި ދައުވާ ބޭރުކޮށްލައިފި

އޭޑީކޭގެ މައްޗަށް ސިންގަޕޫރު ކުންފުނިން ސިިވިލް ކޯޓުގައި ކުރި ދައުވާ ބޭރުކޮށްލައިފި

10 ޑިސެމްބަރ 2017

އޭޑީކޭ ކުންފުނިން ނެގި 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދައްކައިގެން ސިންގަޕޫރު ކުންފުންޏަކުން އޭޑީކޭއާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އޭޑީކޭ ކުންފުނިން ނެގި 1.5 މިލިއަން ޑޮލަރު (23.1 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދައްކައިގެން ސިންގަޕޫރު ކުންފުންޏަކުން އޭޑީކޭއާ ދެކޮޅަށް ކުރި ދައުވާ ސިވިލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ފޮމެންޓޯ އެސޯސިއޭޓެޑް ސިންގަޕޯ ހޯލްޑިންގްސް އިން އޭޑީކޭއާ ދެކޮޅަށް ދައުވާކުރީ އެ ކުންފުނިން އޭޑީކޭއަށް ދޫކުރި 1.5 މިލިއަން ޑޮލަރުގެ ލޯނެއް ނުދެއްކި ކަމަށް ބުނެ އެވެ. އެ ފައިސާ ދައްކަން ސިންގަޕޫރު ކޯޓަކުން އޭޑީކޭގެ މައްޗަށް ހުކުމް ކޮށްފައި އޮތަސް އެ ފައިސާ މިހާތަނަކަށް ނުދައްކަ އެވެ.

ސިންގަޕޫރު ކޯޓުގެ އެ ނިންމުން ތަންފީޒު ކުރަން ފޮމެންޓޯއިން ހުށަހެޅި މައްސަލަ މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން ބޭރުކޮށްލީ އެ މައްސަލައަކީ އެ ކޯޓުގެ މުދަލާއި ފައިސާއާ ބެހޭ ބޮޑެތި މައްސަލަ ބަަލާ ޑިވިޝަނަށް އިހްތިސާސް ލިބިގެންވާ މައްސަލައެއް ނޫން ކަމަށްވާތީ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ. އާންމު ގޮތެއްގައި ހުކުމް ތަންފީޒު ކުރަން ހުށަހަޅާ އެފަދަ މައްސަލަތަކަކީ އެ ކޯޓުގެ ހުކުމް ތަންފީޒު ޑިވިޝަނުން ބަލާ މައްސަލަތަކެވެ.

މީގެ އިތުރުން މި ހުކުމްގައި ވަނީ ރާއްޖެއިން ބޭރުގެ ކޯޓެއްގެ ނިންމުމެއް، ރާއްޖޭގެ ތަންފީޒު ކުރުމާ ބެހޭ ގާނޫނެއް ނުވަތަ ގަވާއިދެއް ވިޔަސް ނެތް ކަމަށާއި އެފަދަ ގާނޫނެއް، ގަވާއިދެއް ނެތީސް އެފަދަ ނިންމުމެއް ތަންފީޒު ކުރުމަކީ ގާނޫނީ ގޮތުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އޭޑީކޭއާ ދެކޮޅަށް ފޮމެންޓޯ ކުންފުނިން ސިންގަޕޫރު ހައި ކޯޓަށް ވެސް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ އަޑުއެހުމަކަށް ހާޒިރުނުވި މައްސަލާގައި އޭޑީކޭގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) 12،000 ޑޮލަރުން ވަނީ ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެ ލޯނަށް ނާޝިދު އޮތީ ޕާސަނަލް ގެރެންޓީ ވެސް ދެއްވައިފަ އެވެ.