Roadha Mihaaru
އެމްއައިއެފްގައި 350 މީހުން ބައިވެރިވެއްޖެ

އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވުމަށް 350 މީހުން ރަޖިސްޓަރީ ކޮށްފި

13 ޑިސެމްބަރ 2017

ރާއްޖެ އިން ދުބާއީގައި މި މަހު ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި މިހާތަނަށް 350 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އިން ދުބާއީގައި މި މަހު ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި މިހާތަނަށް 350 މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން އިންތިޒާމް ކޮށްގެން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މި މަހުގެ 18 ވަނަ ދުވަހު ދުބާއީގައި ބާއްވާ ހަތަރު ވަނަ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމް (އެމްއައިއެފް) ގައި ރާއްޖޭގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަންނަވަނީ ނައިބު ރައީސް އަބްދުﷲ ޖިހާދެވެ.

އޭގެ އިތުރުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޔޫއޭއީގެ މިނިސްޓަ އޮފް އިކޮނޮމީ ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީގެ ޗެމްބަ އޮފް ކޮމާސްގެ ވައިސް ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން އެނބޫދޫ ފަޅު ތަރައްގީ ކުރާ ތައިލެންޑްގެ ސިންގަ އެސްޓޭޓްގެ ޗެއާމަން ޗުތްނަން ހިރޮމްހާޑި ވެސް ބައިވެވަޑައިގަންނަވަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިޚް މަޚްތޫމް ހޯލްގައި ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވި 350 މީހުންގެ ތެރޭގައި ރާއްޖޭގެ 80 މީހަކު ވެސް ހިމެނޭ ކަމަށެވެ.

"މި ފޯރަމްގައި ގިނައިން ބައިވެރިވެފައި ވަނީ ދުބާއީގައި ތިބޭ އެ ގައުމުގެ ކުންފުނިތަކާއި ބޭރުގެ ކުންފުނިތައް. މި ފަހަރުގެ ފޯރަމްގައި ވެސް ރާއްޖޭގައި ހުރި އިންވެސްޓްމެންޓްގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަންތަކާއި އެގްޒިބިޝަނެއް ވެސް ކުރިޔަށް ގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ތައުފީގް ވިދާޅުވި ގޮތުގައި މި ފަހަރުގެ ފޯރަމްގައި ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ދިނުމާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަަކާ ބެހޭ މައުލޫމާތު ދިނުން ވެސް އޮންނާނެ އެވެ. އޭގެ އިތުރުން ރާއްޖޭގައި ޓްރާންޝިޕްމެންޓް ޕޯޓެއް ހެދުމަށް އޮތް ފުރުސަތާ ބެހޭ މައުލޫމާތު ވެސް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ރާއްޖެއިން ތިން އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވެ އެވެ. އެގޮތުން މިިދިޔަ އަހަރު އިންޑިއާގެ ދިއްލީގައި އެ ފޯރަމް ބޭއްވިއިރު އޭގެ ކުރިން 2015 ވަނަ އަހަރު ފޯރަމް ބޭއްވީ ޗައިނާގެ ވެރިރަށް ބެއިޖިންގަ އެވެ. އަދި 2014 ވަނަ އަހަރު ސިންގަޕޫރުގައި ބޭއްވި ފޯރަމްގައި ސަރުކާރުން އިއުލާންކޮށްފައިވާ ބޮޑެތި މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދަން މަސައްކަތް ކުރި އެވެ. އޭގެ ތެރޭގައި ރާއްޖެއިން ތެޔޮ ހޯދުމާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި އައިހަވަން މަޝްރޫއު ހިމެނެ އެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއަކަށް ބޭރުގެ އިންވެސްޓަރަކު ކުރިމަތިލާފައެއް ނުވެ އެވެ.