Roadha Mihaaru
އެލްޖީއޭގެ ނިންމުމަށް އެމެރިކާ ސަފީރު ފާޑުވިދާޅުވެއްޖެ

އެލްޖީއޭގެ ނިންމުމަށް އެމެރިކާ ސަފީރު ފާޑު ވިދާޅުވެއްޖެ

13 ޑިސެމްބަރ 2017

ސަރުކާރުގެ ހުއްދައެއް ނެތި ލޯކަލް ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި އަމިއްލަ ޖަމާއަތްތަކާ ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އެމެރިކާ ސަފީރު އަތުލް ކެޝަޕް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަރުކާރުގެ ހުއްދައެއް ނެތި ލޯކަލް ކައުންސިލްތަކަށް ބޭރުގެ ޑިޕްލޮމޭޓުންނާއި އަމިއްލަ ޖަމާއަތްތަކާ ބައްދަލުކުރުން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މަނާކުރުމުން، އެމެރިކާ ސަފީރު އަތުލް ކެޝަޕް އިއްޔެ ފާޑުވިދާޅުވެއްޖެ އެވެ.

ކެޝަޕް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ ނިންމުމަކީ ޑިމޮކްރަސީ އާއި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރިޔަނުދީ ހިފެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އަދި އެލްޖީއޭ އިން އެފަދަ ނިންމުމެއް ނިިންމީ ކީއްވެތޯ އޭނާގެ ޓުވީޓުގައި ސުވާލުކުރެއްވި އެވެ.

އެމެރިކާ ސަފީރު ކުރެއްވި ޓުވީޓު.

އެލްޖީއޭގެ ނިންމުމާ ގުޅިގެން އިނގިރޭސި ސަފީރު ޖޭމްސް ޑޯރިސް ވެސް ކުރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާގެ ޓުވީޓެއްގައި ވިދާޅުވީ އެލްޖީއޭގެ ނިންމުމަކީ ދެރަ ފިޔަވަޅެއް ކަމަށެވެ.

އެލްޖީއޭގެ ހުއްދަ ނަގައިގެން ނޫނީ ޑިޕްލޮމޭޓުންނާއި އެންޖީއޯތަކާ ބައްދަލުކުރުން ކަައުންސިލްތަކަށް މަނާކުރިއިރު، ޑޯރިސް ވަނީ ގދ. ތިނަދޫގެ ކައުންސިލަރުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އިންޑިއާގެ އެމްބެސެޑަރު އަކިލޭޝް މިޝްރާ ގއ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ ބައެއް ކައުންސިލަރުންނާ ވެސް ބައްދަލުކުރެއްވި އެވެ.

ބައެއް ސަފީރުން ކައުންސިލަރުންނާ ބައްދަލުކުރައްވާތީ އެލްޖީއޭގެ ނިންމުމަށް ތާއީދު ކުރެއްވި އެއް ބޭފުޅަކީ ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. އަކިލޭޝް ބައެއް ކައުންސިލަރުންނާ އެކު ނަންގަވާފައިވާ ފޮޓޯއަކާ އެކު ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަނުމަކީ ނުރައްކަލެއް ކަމަށެވެ.

ރިޔާޒް ކުރެއްވި ޓުވީޓު.

ކައުންސިލްތަކުގެ ބެލެނިވެރިޔާ، އެލްޖީއޭގެ ނޫސް ބަޔާނުގައި ބުނީ އެފަދަ ފަރާތްތަކާ ކައުންސިލްތަކުން ބައްދަލުކޮށް، މުއާމަލާތުކުރާ ނަމަ ރާއްޖޭގެ ގާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖޭން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށުއެރުން ވެސް އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.

އެލްޖީއޭގެ އުސޫލާ ހިލާފަށް އަމަލު ކުރާ ކައުންސިލްތަކާ މެދު ފިޔަވަޅު އަޅަން ވެސް ވަނީ ނިންމައިފަ އެވެ.