Roadha Mihaaru
"ބޭރުގައި ތިބި ބޭފުޅުން ރާއްޖޭގައި ވޯޓުލާން ނޭންގޭނެ"

ބޭރުގައި ތިބި ސިޔާސީ ބޭފުޅުން ރާއްޖޭގައި ވޯޓުލާންޖެހޭ ގޮތަކަށް ނުހެދޭނެ: ޖުމްހޫރީ ޕާޓީ

09 ސެޕްޓެމްބަރ 2018

ރާއްޖެއިން ބޭރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންގެ ތެރެއިން ފުލުހުންގެ ތަހުގީގުތަކަށް ހޯދާ ބޭފުޅުން ރާއްޖެއިން ބޭރުގައި ވޯޓު ނުލެވޭ ގޮތަށް ހަމަޖެއްސުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށާއި އެ ކޮމިޝަނުން ހުރަސް އަޅަނީ އަސާސީ ހައްގަކަށް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއިން ބޭރުގައި ތިއްބެވި އިދިކޮޅު ސިޔާސީ ބޭފުޅުންގެ ތެރެއިން ފުލުހުންގެ ތަހުގީގުތަކަށް ހޯދާ ބޭފުޅުން ރާއްޖެއިން ބޭރުގައި ވޯޓު ނުލެވޭ ގޮތަށް ހަމަޖެއްސުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށާއި އެ ކޮމިޝަނުން ހުރަސް އަޅަނީ އަސާސީ ހައްގަކަށް ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ބުނެފި އެވެ.

ފުލުހުން ހިންގާ އެކި ތަހުގީގުތަކަށް "ފިލައިގެން" އުޅޭ ބަޔަކު ރާއްޖެއިން ބޭރުގައި ތިބި ކަމަށް ފުލުހުން އަންގާފައިވާތީ އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެފަދަ ފަރާތްތައް ރާއްޖޭގައި ވޯޓުލާން ޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. އެކަމަކު އެގޮތަށް ހަމަޖެއްސީ ކިތައް މީހުންނަށް ކަމެއް އަދި އެއީ ކިހާ އަދަދެއްގެ މީހުންގެ ކަމެއް އެ ކޮމިޝަނުން އަދި ހާމައެއް ނުކުރެ އެވެ.

ކޮމިޝަނުން އެގޮތަށް ނިންމިއިރު، އިދިކޮޅު ސިޔާސީ ގިނަ ލީޑަރުން މިވަގުތު ތިއްބެވީ ރާއްޖެއިން ބޭރުން ހިމާޔަތް ހޯއްދަވައިގެންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދުގެ އިތުރުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމާއި އެ ޕާޓީގެ އިސް މަގާމެއްގައި ހުންނެވި ސޮބާހް ރަޝީދު ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން ނަޝީދާއި ގާސިމަކީ ހުކުމެއްގައި ތިއްބެވި ދެ ބޭފުޅުން ކަމަށް ވާއިރު، ޖަމީލާއި އަލީ ވަހީދާއި އަމީންގެ އިތުރުން ސޮބާހަކީ ފުލުހަށް ހާޒިރުވާން އަންގާފައިވާ ބޭފުޅުންނެވެ.

އެކަމާ ގުޅިގެން ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ވޯޓުލުމަކީ އަސާސީ ހައްގެއް ކަމަށާއި ގާނޫނަކުން ބާރު ލިބިގެން ނޫނީ އެ ހައްގު ހަނި ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ޖަލުގައި ތިބޭ ގައިދީންނަށް ވެސް ވޯޓުލުމުގެ ހައްގު އޮންނަކަން ފާހަގަ ކުރައްވައި، ސަމީރު ވިދާޅުވީ ވަކި ގައުމެއްގައި ތިބި ވަކި ބޭފުޅުންތަކެއް ވޯޓުލާން ރާއްޖެ އަންނަން ޖެހޭ ގޮތަށް ހަމަޖެއްސުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ނޯންނާނެ ކަމަށާއި އަދި އެކަމަށް އެދުމުގެ ބާރު ފުލުހުންނަކަށް ވެސް ނޯންނާނެ ކަމަށެވެ. އަދި ވޯޓުލާނެ ތަނެއް ކަނޑައެޅުމަކީ އެ މީހެއްގެ އަމިއްލަ ކަމެއް ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"ހައްޔަރު ކުރަން ބޭނުންވެގެން ހައްޔަރު ނުކުރެވިފައިވާ ބައެއް ބޭފުޅުންނާ މެދު މި އަމަލު ކުރަން މި އުޅެނީ އެ މީހާ ހިފާ ހައްޔަރު ކުރަން ވީމާ އެ މީހާގެ އަސާސީ ހައްގުތައް ނިގުޅައިގަންނަނީ. ހަގީގަތުގައި މިކުރާ ކަމަކީ ދިވެހި ރައްޔިތެއް ކަން މި ނިގުޅައިގަންނަނީ،" ސަމީރު ވިދާޅުވި އެވެ.

"އެންމެ އާދައިގެ ބަހުން ބުނާ ނަމަ ކުއްޔަށް ހިފައިގެން އުޅޭ މީހާ ގެއިން ނެރުމަށްޓަކައި ގޭގައި ހުންނަ އަސާސީ ޚިދުމަތް ކަނޑާލައިގެން ނެރުމަށް މަސައްކަތް ކުރުން." އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި ހިމާޔަތް ހޯއްދަވައިގެން ތިއްބެވި ބޭފުޅުން އިނގިރޭސިވިލާތުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުން އެތަނުގައި ވޯޓުލުމަށް ކޮމިޝަނުން ފުރަތަމަ ރަޖިސްޓްރީކޮށް ދިން ކަމަށާއި ރާއްޖޭގައި އެ ބޭފުޅުން ވޯޓުލާން ޖެހޭ ގޮތަށް ބަދަލުކުރީ އޭގެފަހުން ކަމަށެވެ. އަދި ކޮމިޝަންގެ އެ ނިންމުމުން އެނގިގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށް އެ ކޮމިޝަނުން އަމަލު ކުރަމުންދާ ކަން ކަމަށާއި އެހެންވެ، މިއީ މިނިވަން އިންތިޚާބަކަށް ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"މިކަންކަމުގެ ސަބަބުން ތި ބޭފުޅުންނަކީ ވަކި ފަރާތަކަށް ބުރަވެގެން އަދި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރާ ބައެއް ކަމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުވެގެން އެބަދޭ. އަޅުގަނޑުމެންނަށް މިއަދު ބުނުމުގެ ހައްގު އެބައޮތް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން 1 ނަމްބަރު ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވައިގެން 2 ނަމްބަރު ކެންޑިޑޭޓަށް ހުރި ވޯޓްތަކުގެ ވޯޓުލުމުގެ ހައްގު ނިގުޅައިގަންނަމުންދާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސަމީރު ވިދާޅުވީ ބޭޭރުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ތިބި އެހެން މީހުން ވެސް އެހެން ގައުމުތަކަށް ބަދަލު ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެހެންވެ. އެފަދަ ފަރާތްތައް މިހާރު ރަޖިސްޓްރީ ކޮށްފައި އޮތީ ކޮން ތަނަކަށްތޯ ގަވާއިދުން ބަލަމުން ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ އެފަދަ އަމަލުތަކުގެ ސަބަބުން ވޯޓުލުމުގެ ހައްގު ގެއްލިއްޖެ ނަމަ އެއީ އިއާދަ ކުރެވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެކަންކަމަށް ކޮމިޝަނުން ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީހެއްގެ އަސާސީ ހައްގު ނިގުޅައިގަތުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެ. އެހެންވީމަ މިފަދަ އަމަލުތަކުގައި ބައިވެރިވާ ބޭފުޅުން އެ ކުރައްވަނީ ވަރަށް ބޮޑު ކުށެއް." ސަމީރު ވިދާޅުވި އެވެ.

މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވާދަ ކުރައްވާއިރު، އެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ދެ ލައްކައަށް ވުރެ ގިނަ މީހުން އެބަ ތިއްބެ އެވެ. މިފަހަރު ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ.