Roadha Mihaaru
އިހަވަންދޫގައި ހުރި ގިޑިގެތައް ނަގަން އަންގައިފި

ސަރުކާރު ބަދުނާމުވާ ކަމަށް ބުނެ އިހަވަންދޫ ގިޑިގެތައް ނަގަން އަންގައިފި

16 ޑިސެމްބަރ 2017

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހއ. އިހަވަންދޫގައި ގިޑިގެތައް ތައްޔާރުކޮށްފައި ހުރީ ސަރުކާރު ބަދުނާމުކުރާ ގޮތަށް ކަމަށް ބުނެ، އެ ތަކެތި ނަގަން އަންގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހއ. އިހަވަންދޫގައި ގިޑިގެތައް ތައްޔާރުކޮށްފައި ހުރީ ސަރުކާރު ބަދުނާމުކުރާ ގޮތަށް ކަމަށް ބުނެ، އެ ތަކެތި ނަގަން އަންގައިފި އެވެ.

ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރާ އެ ރަށުގައި ދުވަހާ ގުޅޭ ހުރިހާ އިންތިޒާމުތަކެއް ހަމަޖެއްސީ ހުސް އެމްޑީޕީ މެމްބަރުން ތިއްބެވި ކައުންސިލުންނެވެ. ނަމަވެސް ރަށުގެ އާންމުން ބައިވެރިކޮށްގެން ތައްޔާރުކުރި ބައެއް ގިޑިގެތައް، އެންމެ ފަހު ވަގުތު ނަގަން އެންގުމުން ކައުންސިލުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ހެނދުނު ނަގަން އަންގާފައިވަނީ ދޯންޏެއް އަޑިއަށް ގޮސް ދޯނީގެ ހަމައެކަނި ދިރުނބާ ފެނުން މައްޗަށް ހުރި ގޮތަށް ހަދާފައި ހުރި ގިޑިގެއަކާއި މަހުގެ ކަށިފޮއްޗެއް ގޮތަށް ހަދާފައި ހުރި ގިޑިގެއެކެވެ. އެ ތަކެތި ނަގަން އަންގާފައިވަނީ، އެއިން ސަރުކާރުން މަސްވެރިން އިނދަޖައްސައި، ދޯންޏެއް ކަނޑުފައްތާފައި ހުރި މަންޒަރާއި މަސްވެރިކަމުން ލިބޭ ހުރިހާ ނަފާ ސަރުކާރުން ނަގާ ކަމަށް ދޭހަވާ ކަމަށް ބުނެ އެވެ.

މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ތައްޔާރުކޮށްފައިވާ ގިޑިގެއެއް: މިއިން މަސްވެރިކަން ކަނޑުފައްތާލީ ކަމަށް ދޭހަވާ ކަމަށް ބުނެ ވަނީ ނަގަން އަންގާފައި

މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ތައްޔާރުކޮށްފައިވާ ގިޑިގެއެއް: މިއިން މަސްވެރިކަން ކަނޑުފައްތާލީ ކަމަށް ދޭހަވާ ކަމަށް ބުނެ ވަނީ ނަގަން އަންގާފައި

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ކަންކަން ބެލެހެއްޓުމަށް ރަށުތެރެއިން ނެގި ޓާސްކްފޯސްގެ ލަފައާ އެކު ރައްޔިތުން އެ ގިޑިގެތައް ތައްޔާރުކުރީ ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކަމަށެވެ. އެހެންވެ، އެ އެއްޗެހި ނަގަން އެންމެ ފަހު ވަގުތު އެންގި ނަމަވެސް "ރައްޔިތުންގެ މަސައްކަތް އެންމެ މިނިޓެއްގެ ތެރޭގައި އެއްލައިނުލެވޭނެ ކަމަށް އަންގާފައިވާނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، ރަށުތެރެ ޒީނަތްތެރިކުރުމުގެ ކަންކަން ފަހުން ވަނީ ވަރަށް ބޮޑަށް ސިޔާސީވެފަ އެވެ. އެ ގޮތުން ގައުމީ ކަމެއްގެ ގޮތުގައި ދެކި، ގިނަ ބަޔަކު ރަށުތެރެ ޒީނަތްތެރި ކުރުމަށް ނުކުތް ނަމަވެސް، ޕީޕީއެމަށް ނިސްބަތްވާ ބަޔަކު ރަށު ތެރޭގައި ފިޔާތޮށި ކުލައިގެ ފޮތި ދަމަން ފެށުމުން ބައެއް މީހުން ނުރުހުންވެ، މަސައްކަތަށް ނުކުންނަން ދެކޮޅު ހެދި ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ދުވަހުގެ ހަރަކާތްތަކަށް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު އެ ރަށަށް ވަޑައިގަންނަވާތީ ސަރުކާރުގެ ވަފުދުގެ ކެއުމާއި އެ ބޭފުޅުންނަށް މަރުހަބާ ކިޔުމަށް ކައުންސިލުން ވަކި ގޮތްތަކެއް ހަމަޖެއްސި ނަމަވެސް، އެ ރަށުގެ ޕީޕީއެމް މެމްބަރުން ވަކިން އެ ބޭފުޅުންނަށް މަރުހަބާ ކިޔާފައިވާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.

ފިޝަރީޒް މިނިސްޓަރު ޝައިނީ މިއަދު އިހަވަންދު އަށް ވަޑައިގަތުމުން އެ ރަށުން އޭނާ އަށް މަރުހަބާ ދަންނަވަނީ

ފިޝަރީޒް މިނިސްޓަރު ޝައިނީ މިއަދު އިހަވަންދު އަށް ވަޑައިގަތުމުން އެ ރަށުން އޭނާ އަށް މަރުހަބާ ދަންނަވަނީ

މިނިސްޓަރު ޝައިނީ މިއަދު ހެނދުނު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. އަދި ކައުންސިލާ ބައްދަލުކޮށް، "ކަންތައްތައް ވަރަށް ދެރަކޮށް ދާ ކަމަށާއި އެގޮތަށް ކަންކަން ކުރިއަށް ދާނަމަ އެހެން އޮޕްޝަނެއް ހޯދަން ޖެހިދާނެ" ކަމަށް ވިދާޅުވެ ނުރުހުން ފާޅު ކުރައްވާފައިވާ ކަމަށް ރަޝީދު ވިދާޅުވި އެވެ.

"މިނިސްޓަރު ވާހަކަ ދެއްކެވީ މުޅި އެތި ބަދަލު ކުރައްވައިގެން. މި ހަރަކާތްތަކަށް ކައުންސިލްގެ އެއްވެސް އެއްބާރުލުމެއް ނުދޭ ފަަދަ ގޮތަކަށް. އެކަމަކު ހުރިހާ އެންމެން ވެސް ބައިވެރިކޮށްގެން، ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އަޅުގަނޑުމެން މަސައްކަތް ކުރީ،" އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ގިޑިގެތައް ހުރި ސަރަހައްދަށް މިނިސްޓަރު ވަޑައިވެސް ނުގަތް،"

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، މަސް ކެނޑުމުގެ މުބާރާތެއް މިއަދު ކުރިއަށް ގެންދަނީ

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް، މަސް ކެނޑުމުގެ މުބާރާތެއް މިއަދު ކުރިއަށް ގެންދަނީ

ރަޝީދު ވިދާޅުވީ މިނިސްޓަރާއި ސަރުކާރުގެ ވަފުދަށް ކެއުން ތައްޔާރުކޮށްދޭނެ ބައެއް ހޯދުމަށް ދެ ފަހަރަށް އިއުލާނުކުރުމުން ވެސް އެއްވެސް ބަޔަކު ކުރިމަތި ނުލުމުން އެކަން ހަމަޖެއްސީ ކައުންސިލުން އަމިއްލަ އަށް ހެޔޮއެދޭ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އެކަމަކު އެ މީހުން މިއަދު ކެއުން ތައްޔާރުކޮށްގެން ގިނަ އިރުތަކެއް ވާންދެން މިނިސްޓަރާއި ޓީމުގެ އިންތިޒާރުގައި ތިބި ނަމަވެސް ވަޑައިނުގެންނެވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ބާކީ ކޮށްލާފައި ހުރީ. އަދި ރަށު ތެރެއިން ވެސް ދުވަހާ ގުޅޭ އެއްވެސް ޖޯޝެއް ނުފެނޭ. ހިޔެއް ނުވޭ މަސްވެރިންގެ ދުވަހެއް ފާހަގަކުރާހެން ވެސް،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން ކިތަންމެ މާޔޫސްވިޔަސް، މި ހުރިހާ ކަމެއްގައި ބައިވެރިވެގެން ތިބީ."

މީގެ ނުވަ އަހަރު ކުރިން، 2008 ވަނަ އަހަރު ވެސް މަސްވެރިންގެ ދުވަސް ފާހަގަ ކުރީ އިހަވަންދޫގަ އެވެ. އޭރު ދުވަހުގެ މުނާސަބަތުގައި މުޅި ރަށުތެރެ ޒީނަތްތެރިކޮށް، ކުޑަކުދިންގެ ޕާކަކާއި މަސްވެރިން ހިތްހަމަޖައްސާލަން ތިބޭނެ ހަޓުތައް ފަދަ ތަންތަން ހެދި ނަމަވެސް، މިފަހަރު މި ފަދަ އެއްވެސް އެހީތެރިކަމެއް ސަރުކާރުގެ ފަރާތުން ނުލިބޭ ކަމަށް ކައުންސިލުން ބުންޏެވެ.