Roadha Mihaaru
"ބެޔަސް ނުބެޔަސް"އާ ދޭތެރޭ ޝަކުވާއެއް ނެތް: ޝައިނީ

"ބެޔަސް ނުބެޔަސް"އާ ދޭތެރެ މަސްވެރިންގެ ޝަކުވާއެއް ނެތް: ޝައިނީ

16 ޑިސެމްބަރ 2017

"ބެޔަސް ނުބެޔަސް" މަސްވެރިންނަށް 10،000ރ ދިނުމަށް ސަރުކާރުން ފަށާފައިވާ ސްކީމާ ދޭތެރޭ މަސްވެރިންގެ ޝަކުވާއެއް ނެތް ކަމަށާއި އެކަމާ ކަންބޮޑުވަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

"ބެޔަސް ނުބެޔަސް" މަސްވެރިންނަށް 10،000ރ ދިނުމަށް ސަރުކާރުން ފަށާފައިވާ ސްކީމާ ދޭތެރޭ މަސްވެރިންގެ ޝަކުވާއެއް ނެތް ކަމަށާއި އެކަމާ ކަންބޮޑުވަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހއ. އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި މިނިސްޓަރު ވިދާޅުވީ އެ ރަށުގެ މަސްވެރިންނާއި އޮޑިވެރިންނާއެކު ރޭ ދެ ގަޑިއިރު ވާހަކަ ދެއްކެވި އިރު ވެސް، "އެއްވެސް މީހެއްގެ އަނގަޔަކުން ބެޔަސް ނުބެޔަސްގެ ވާހަކަ" ނާންނަ ކަމަށެވެ. އެހެންވެ، އެއީ އިދިކޮޅު ފަރާތްތަކުން ސިޔާސީ ގޮތުން ބޭނުން ކުރާ އެއްޗެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެޔަސް ނުބެޔަސް" އަކީ މަސްވެރިކަން ދަށް ދުވަސްވަރު، މަސްވެރިންނަށް އާމްދަނީ ހޯދައިދިނުމަށް، މަހަކު 10،000 ރުފިޔާ ދޭ ގޮތަށް 2014 އަހަރު ސަރުކާރުން ފެށި މަޝްރޫއެކެވެ. އެކަމަކު ސަރުކާރުން ވައުދުވި ގޮތަށް އެ ފައިސާ ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަބަދު ވެސް ފާޑު ކިޔަ އެވެ.

ޝައިނީ ވިދާޅުވީ ސަރުކާރުން ވައުދުވި އެ ފައިސާ ނުލިބުމަށް ވުރެ މަސްވެރިކަމާ ގުޅުން ހުރި އެހެން ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ. އެގޮތުން މަހުގެ އަގު ދަށްވުމާއި މަސް ކިރުވުމަށް ގިނަ ވަގުތު ކިޔޫގައި ހޭދަ ކުރަން ޖެހުމާއި ވަކި މޫސުމަކަށް މަސްވެރިކަން ރަނގަޅުވުމުން، މަހުގެ އަގު ނުލިބޭ މައްސަލަ، މަސްވެރިން ފާހަގަކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މަސްވެރިން ބޭނުން ވަނީ އެ މައްސަލަތަކަށް ސަރުކާރުން ހައްލެއް ހޯދައިދިނުން ކަމަށާއި އެކަމާ ގުޅޭ ގޮތުން އިހަވަންދޫގެ މަސްވެރިންނަށް އުފާވެރި ހަބަރުތަކެއް ރޭގެ ބައްދަލުވުމުގައި ލިބިގެން ދިޔަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އަންނަ އަހަރުގެ ތެރޭގައި މަސް ކިރުވުމަށް، އެއް ދުވަހަށް ވުރެ ގިނަ ދުވަހު ކިޔޫގައި މަޑުކުރަން ނުޖެހޭނެ ކަމަށް، ބޮޑު ކަންނެލީގެ 50 ޕަސެންޓް ގަންނަ، އެންސިސް ކުންފުނިން ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ކަންނެލި މަސްވެރިކަމަށް މިފްކޯ އިން ވަންނާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ދީފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުގެ އެއް އަމާޒަކީ މަސްވެރިން ފަސޭހަ އިން އައިސް ހޯދުމަށް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިސް ޕްލާންޓް ހެދުން ކަމަށެވެ. އަދި އަންނަ އަހަރުގެ ޖޫން މަހާ ހަމައަށް އެ އަމާޒަށް ވާސިލްވެ، ކޮންމެ އަތޮޅަކުން ވެސް އައިސް ގަންނަން ލިިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަސްވެރިން މިހާރަށް ވުރެ ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކަންނެލި ދޯނިތަކުގައި އައިސް ޕްލާންޓް ބެހެއްޓުން ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވޭތުވެ ދިޔަ ހަތަރު މަހުގެ ތެރޭގައި އެކަމާ ގުޅޭ ގޮތުން ކުރެވުނު މަސައްކަތްތަކުގެ ދަށުން، އައިސްލޭންޑުގެ އާ އުފެއްދުމެއް ކަމުގައިވާ ނެނޯ ޓެކްނޮލޮޖީ ބޭނުންކޮށްގެން މަސް ފިނިކުރުމުގެ ޓެސްޓުތައް މިއަދު ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އައިސް އުފައްދާ އެ މެޝިން މިއަދު ވަނީ ދޯންޏެއްގައި ހަރުކޮށްފަ އެވެ.

ޝައިނީ ވިދާޅުވީ އެ ސިސްޓަމް ނުވަތަ އެ ފަދަ އެހެން ސިސްޓަމެއް ދޯނީގައި ބެހެއްޓުމަށް އަންނަ ހަފުތާ އިން ފެށިގެން ލޯނު ދޫކުރަން ފަށާނެ ކަމަށާއި މިއީ ރައީސް އަބްދުﷲ ޔާމީން މަސްވެރިންނަށް ދެއްވާ ހަދިޔާއެއް ކަމަށެވެ.

މިރޭގެ ޖަލްސާގައި ޝައިނީ ވަނީ، ރާއްޖޭގެ މަސްވެރިކަން ރަނގަޅުކޮށް މަސްވެރިންނަށް ކުރިއެރުން ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ ގިނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު، މަހުގެ ބާޒާރުގައި ހުރީ އެންމެ ދަށް އަގު ކަމަށާއި އެކަމަކު ދިވެހި މަސްވެރިންނަށް އޭގެ ލޮޅުމެއް ނާރާ ގޮތަށް މިފްކޯ އިން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ. އަދި ޔޫރަޕްގެ އިގްތިސާދު އެންމެ ދަށަށް ދިޔައިރު ވެސް، މަސްވެރިންނަށް އެކަމުގެ އިހުސާސް ނުކުރެވޭ ކަމަށާއި އެއީ މި ސަރުކާރުގައި އެކަމާ ގުޅޭ "ސިސްޓަމް" ވަރުގަދަކަން ދައްކައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ މަސްވެރިކަމުގެ ދާއިރާ އަށް ގެނައި ތަރައްގީއަކީ. މި ތަރައްގީ ފަހަރެއްގައި އިމާރާތެއްގެ ގޮތުގައި ނުފެނިދާނެ. އެކަމަކު މަސްވެރިކަމުގެ ދާއިރާ އަށް އައި ޗެލެންޖުތަކާ އެކު ރައީސް ޔާމީން މި ސިނާއަތް ވަރުގަދަ ކުރުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތް،" މަސްވެރިކަމާ ގުޅުން ހުރި ގިނަ ބަޔަކު ބައިވެރިވި އެ ޖަލްސާގައި ޝައިނީ ވިދާޅުވި އެވެ.