Roadha Mihaaru
އިހަވަަންދޫ މަސްވެރިން މުޒާހަރާ ކޮށްފި

އިހަވަަންދޫ މަސްވެރިން މުޒާހަރާ ކޮށްފި

17 ޑިސެމްބަރ 2017

ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާއާ ދިމާކޮށް އެ ރަށުގެ ބައެއް މަސްވެރިން މިރޭ މުޒާހަރާ ކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި މިރޭ ބޭއްވި ޖަލްސާއާ ދިމާކޮށް އެ ރަށުގެ ބައެއް މަސްވެރިން މިރޭ މުޒާހަރާ ކޮށްފި އެވެ.

މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އެ ރަށު ބަނދަރު ސަރަހައްދުގައި މި ރޭ ފަށަން ކުޑަތަން ވެފައި ވަނިކޮށް މަސްވެރިން އެ ސަރަހައްދުގައި މުޒާހަރާ ކުރަން ފެށީ ސަރުކާރުން އެ މީހުންގެ ކަންބޮޑުވުންތަކަށް އިޖާބަނުދޭ ކަމަށް ބުނެ އެވެ.

މަސްވެރިން މުޒާހަރާ ކުރަން ތިބި ސަރަހައްދު ފުލުހުން ބެރިކޭޑް ޖަހައި ބަންދުކުރުމުން އެ މީހުން މުޒާހަރާ ކުރީ ބެރިކޭޑްތަކުގެ ފަހަތުގައި ތިބެގެންނެވެ. އެ މީހުން ދުރަށް ޖެއްސުމަށް ފުލުހުން ހަރަކާތްތެރިވި އެވެ.

މުޒާހަރާ ކުރި މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މުހައްމާ ވިދާޅުވީ މަސްވެރިންނާ މެދު ސަރުކާރުން އަމަލު ކުރަނީ ރަނގަޅަށް ނޫން ކަމަށާއި އެ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެ ގޮތުން މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބޭ އިރު، އެ ރަށުގައި ހުންނަ އައިސް ޕްލާންޓް މިހާރު ދަބަރަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ރަށުގެ ބަނދަރު ހަލާކުވެފައިވުމުން، ދޯނިތަކަށް ގެއްލުން ލިބިދާނެތީ މަސްވެރިން ތިބެން ޖެހެނީ ހޭލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިރޭ މަސްވެރިންގެ ދުވަހުގެ ޖަލްސާ މި ބާއްވަނީ. އެކަމަކު އެ ތަނަށް ހާޒިރުވުމަށް އެދި މަސްވެރިންނަށް ދައުވަތު މި ފޮނުވީ ރޭ ދަންވަރު. މަސްވެރިން އެހާއިރަކު ރަށަކު ނުތިބޭނެއެއް ނޫންތޯ،" މުހައްމާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެދެކެ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ނޫނީ މަސްވެރިންނަށް އަޅާ ނުލާ ސަރުކާރެއް ނުދެކެން،" ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މުހައްމާ ވިދާޅުވި އެވެ.

އިހަވަންދޫގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިއަދު އެ ރަށަށް ވަނީ ވަޑައިގެންފަ އެވެ. އެކަމަކު ދުވަހުގެ ހުރިހާ ހަރަކާތްތަކެއްހެން ސިޔާސީ ވެފައިވާއިރު، ކައުންސިލުން އެ ރަށުގައި ޖަހާފައި ހުރި ގިޑިގެތަކުން، ސަރުކާރު ފަލީހަތްވާ ކަމަށް ބުނެ އެތަކެތި ނަގަން ފިޝަރީޒް މިނިސްޓްރީން ވަނީ އަންގާފަ އެވެ.