Roadha Mihaaru
ކެންދޫގައި ރައީސާ ދެކޮޅު ޝުއޫރު ފާޅުކުރުން ހުއްޓުވައިފި

ކެންދޫގައި ރައީސާ ދެކޮޅު ޝުއޫރު ފާޅުކުރުން ހުއްޓުވައިފި

25 ޑިސެމްބަރ 2017

ރައީސް އަބްދުﷲ ޔާމީން ބ. ކެންދު އަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅުކުރަން އުޅޭ ކަމަށް ބުނެ ތައްޔާރުކުރި ލިޔުންތަކެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު އަތުލައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން ބ. ކެންދު އަށް ވަޑައިގަތުމުން އެމަނިކުފާނާ ދެކޮޅަށް ޝުއޫރުފާޅުކުރަން އުޅޭ ކަމަށް ބުނެ ތައްޔާރުކުރި ލިޔުންތަކެއް ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިއަދު އަތުލައިފި އެވެ.

ރައީސް ޔާމީން އުތުރުގެ ތިން އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކެންދުއަށް މިއަދު ވަޑައިގަތީ މަރާމާތަށް ފަހު އެ ރަށުގެ ބަނދަރު ރަސްމީކޮށް ހުޅުއްވައިދެއްވުމަށާއި އެ ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމަށެވެ. އެ ދަތުރުފުޅާ ދިމާކޮށް ހެދި ލިއުންތައް ނަގަން ފުލުހުންގެ މައްޗަށް އަމުރުކުރީ ބ. އޭދަފުށީ ކޯޓުންނެވެ.

އެރަށު މީހަކު ބުނިގޮތުގައި ރައީސް ޔާމީން ކެންދު އަށް ވަޑައިގަންނަވާތީ، ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކެއް ހިފައިގެން ބަނދަރުގައި ސަރަހައްދުގައި ތިއްބާ ފުލުހުން ވަނީ ކޯޓު އަމުރު ދެއްކުމަށް ފަހު އެތަކެތި އަތުލައިފަ އެވެ. ނަމަވެސް ރައީސް ޔާމީނާ ދެކޮޅަށް ކެންދޫގައި މިއަދު އެއްވެސް ބެނާއެއް އަދި ލިޔުމެއް ވެސް ހަރެއް ނުކުރެ އެވެ.

އޭދަފުށީ ކޯޓުގެ އަމުރުގައިވާ ގޮތުން އެ އަމުރު ނެރުނީ ރައީސްގެ ދަތުރުފުޅާ ދިމާކޮށް، އެކި ތަންތަނަށް އެއްވެ، މަސްލަހަތު ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އެވެ. ކޯޓުގެ އަމުރުގައި އަންގާފައި އޮތީ އިސްލާމީ ޝަރީއަތާއި ގާނޫނާ ޚިލާފަށް، ހަޑިހުތުރު ބަސް ބޭނުން ކޮށްފައިވާ ބެނާތައް ނެގުމަށެވެ.

ލިބިފައިވާ ހެކީގެ ގޮތުގައި އެ އަމުރުގައި އޮތީ ފުލުހުންނަށް ލިބިފައިވާ ސިއްރު މައުލޫމާތެވެ. އެ އަމުރު ނެރުނީ ފުލުހުންގެ ހުށަހެޅުމަކަށެވެ.

މީގެކުރިން ވެސް ބައެއް ރަށްރަށަށް ރައީސް ޔާމީން ވަޑައިގަތުމާ ދިމާކޮށް، އެމަނިކުފާނާ ދެކޮޅަށް ރަށްރަށުުގައި ދަމާފައި ހުރި ބެނާތައް ނަގާފައިވެ އެވެ.