Roadha Mihaaru
އެމްޑީޕީ ފިކުރަށް ތާއީދުކުރަން ހެޔޮނުވާނެ:އަބްދުއްރަހީމް

މުސްލިމުން ދިރިއުޅޭ ތަނެއްގައި އެމްޑީޕީގެ ފިކުރު ގެންގުޅެން ހެޔޮނުވާނެ: އަބްދުއްރަހީމް

26 ޑިސެމްބަރ 2017

އެމްޑީޕީގެ ފިކުރަކީ މުސްލިމުން ދިރިއުޅޭ ތަނެއްގައި ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫން ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ބ. ތުޅާދޫގައި ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ފިކުރަކީ މުސްލިމުން ދިރިއުޅޭ ތަނެއްގައި ގެންގުޅެން ހެޔޮވާވަރުގެ ފިކުރެއް ނޫން ކަމަށް، ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ބ. ތުޅާދޫގައި ވިދާޅުވެއްޖެ އެވެ.

އުތުރުގެ ތިން އަތޮޅަކަށް ރައީސް އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާ އެކު ތުޅާދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީގެ ފިކުރަކީ އެއްވެސް ރަށެއްގައި ގެންގުޅެންވާނެ ފިކުރެއް ނޫން ކަމަށެވެ. އެ ރަށުން ވެސް އެމްޑީޕީގެ ފިކުރު ފޮހެލުމުގެ ވިސްނުން ރައްޔިތުން ގެންގުޅެން ފަށަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އަބްދުއްރަހީމް މިގޮތަށް ވާހަކަ ދެއްކެވިިއިރު، ރައީސަށް މަރުހަބާ ދަންނަވަން، ރީނދޫ ޓައީގައި އެމްޑީޕީގެ ތިން ކައުންސިލަރުން ވެސް ބަނދަރު މައްޗަށް ވަޑައިގެންނެވި އެވެ. އަދި ޖަލްސާގައި ވެސް އެމްޑީޕީގެ ބައެއް ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

"ތަރައްގީ ބޭނުންވާ ތަނަކަށް އެމްޑީޕީގެ ފިކުރަކަށް ޖާގަ ދީގެން ނުވާނެއޭ. އެކުވެރިކަން ބޭނުންވާ ތަނަކަށް އެއްގޮތަކަށް ވެސް އެމްޑީޕީގެ ފިކުރު އަޔަދީގެން ނުވާނެއޭ. އެ ކަންކަމަށް ޖާގަ ދޭން ޖެހޭނީ މި ރާއްޖޭގައި ހަމައެކަނި ޕީޕީއެމްގެ ފިކުރަށް،" އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ ތުޅާދޫގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ތުޅާދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ތުޅާދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންތަކަކާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީ އަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ އާއި ގައުމުގެ އެއްބައިވަންތަކަމަށް މަސައްކަތްކުރާ ޕާޓީއަކީ ޕީޕީއެމެވެ. އަދި އިސްލާމް ދީން ދަމަހައްޓަން ބޭނުންވާ، ރާއްޖެ އަށް ހެޔޮގޮތްތައް ގެންނަން ބޭނުންވާ ޕާޓީއަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުޅާދޫގައި އަދި ޕީޕީއެމް އެހާ ވަރުގަދަ ނުވިއަސް ކުރިމަގުގައި އެ ރަށް ފެންނާނީ، އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ޕީޕީއެމްގެ ވަރަށް ވަރުގަދަ ރަށެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވީ ތުޅާދޫ ރައްޔިތުން ތަރައްގީ ބޭނުންވާ ނަމަ ރައީސް ޔާމީން 2018 ގައި ވެރިކަމަށް ހޮވައިދޭން ޖެހޭ ކަމަށެވެ. އެ ރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ދެން ވެސް ކުރިއަށް ގެންދެވޭނީ އޭރުން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.