Roadha Mihaaru
ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ގާސިމް ފާޑުވިދާޅުވެއްޖެ

ރާއްޖޭގެ ހާރިޖީ ސިޔާސަތު ދެތިން ގައުމެއްގެ މަސްލަހަތަށް ބައްޓަން ކުރެވިގެން ނުވާނެ: ގާސިމް

26 ޑިސެމްބަރ 2017

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރުގެ ދެތިން ގައުމެއްގެ ޝައުގުވެރިކަމާއި މަސްލަހަތަށް އެކަނި ބައްޓަން ކުރެވިއްޖެ ނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ދަނޑިވަޅު ނުލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖޭގެ ހާރިޖީ ސިޔާސަތު ބޭރުގެ ދެތިން ގައުމެއްގެ ޝައުގުވެރިކަމާއި މަސްލަހަތަށް އެކަނި ބައްޓަން ކުރެވިއްޖެ ނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ދަނޑިވަޅު ނުލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ވަކިވަކިން ޓީވީ މެދުވެރިކުރައްވައި ފޮނުއްވި ހިތާބެއްގައި، ގާސިމް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތަކީ ހަމައެކަނި ބޭރުގެ ދެތިން ގައުމެއްގެ ޝައުގާއި އެ މީހުންގެ މަސްލަހަތުގެ ހިމާޔަތުގައި ބައްޓަންކުރެވޭ ސިޔާސަތަކަށް ވެއްޖެ ނަމަ ގިނަ ބައެއްގެ މަދަދާއި އެހީތެރިކަން ބޭނުންވާ ހުތޫރަތްތެރި ދަނޑިވަޅުގައި އަޅުގަނޑުމެންގެ އާދޭހުގެ އަޑު އަހާނެ ބަޔަކު ނުތިބޭނެ ކަމަށެވެ.

"އެ ދުވަހަކުން ބައިނަލްއަގުވާމީ މައިދާނުގައި އަޅުގަނޑުމެން ބާކީވާނެ. އަޅުގަނޑުމެންގެ ނާޖާއިޒު ފައިދާ ނަގައިގެން އެ ބައެއްގެ މަސްލަހަތު ހިމާޔަތްކުރި މީހުން ތިބޭނީ މި އަށް ވުރެ މާ ހިތްފަސޭހަ ބަނދަރެއްގައި އޮޑި އަޅައިގެން،" މިވަގުތު ޖަރުމަނުގައި ހުންނެވި ގާސިމް ފޮނުއްވި ހިތާބުގައި ވިދާޅުވެފައިވެ އެވެ. "އަޅުގަނޑުމެންގެ އާދޭހުގެ އަޑެއް އެ މީހުންނަށް ނީވޭނެ."

ގާސިމް ވިދާޅުވީ ދިވެހިން ގަދައަޅައި ހޯދަން މަސައްކަތްކުރި އެއްޗެއް ނޫނީ ނުލިބޭނެ ކަމަށެވެ. އަދި ދިވެހިން ބޭނުންވާ އެއްޗެއް ހޯދަން ވަރުބަލިވުމެއް ނެތި ހިތްވަރާއި އިހުލާސްތެރިކަމާއެކު މަސައްކަތްކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުނދަގޫތަކާއި ބިރާއި ސިހުމާ ފަހަނައަޅައި ދާން ޖެހޭ. މާދުރުން ނަމަވެސް އުއްމީދުގެ ފަނޑު އަލިކަން ވެސް ފެންނާނީ ޔަގީންކަމާއި ސާބިތުކަމާއެކު ފިޔަވަޅު މައްޗަށް ފިޔަވަޅު ނަގައިގެން. އެއްބައިވަންތަ ބައެއްގެ ގޮތުގައި އަމާޒަށް ވާސިލްވުމަށް ކުރިޔަށް ގޮސްގެން،" ގާސިމް ވިދާޅުވި އެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ ދިވެހިން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލިބުމުގައި މާގިނަ ދުވަހެއް ނެތް ކަމަށެވެ.

"އަޅުގަނޑުގެ ރޫހު އަބަދުވެސް ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނާއެކު އަޅުގަނޑު އެންމެ ލޯބިވާ ދިވެހިރާއްޖޭގައި. އަޅުގަނޑު މިހިރީ ތިބޭފުޅުންނާ ވަރަށް އަވަހަށް ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދުގައި،" ގާސިމް ވިދާޅުވި އެވެ.