Roadha Mihaaru
ހަފުތާއެއް ތެރޭ އެއް ދޯންޏެއްގެ ދެ މަސްވެރިއެއްގެ މަރު

ހަފުތާއެއްގެ ތެރޭގައި އެއް ދޯންޏެއްގެ ދެ މަސްވެރިޔަކު، ކަނޑުމަތީގައި މަރުވެއްޖެ

28 ޑިސެމްބަރ 2017

ނ. ލަންދޫގެ އެއް ދޯންޏެއްގެ ދެ މަސްވެރިޔަކު، އެއް ހަފުތާ ތެރޭ، ކަނޑުމަތީގައި މަރުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ނ. ލަންދޫގެ އެއް ދޯންޏެއްގެ ދެ މަސްވެރިޔަކު، އެއް ހަފުތާ ތެރޭ، ކަނޑުމަތީގައި މަރުވެއްޖެ އެވެ.

އެ ދޯނިން އެންމެ ފުރަތަމަ މަރުވީ 45 އަހަރުގެ އާދަމް އިސްމާއީލް، މިދިއަ ބުރާސްފަތިދުވަހު އެވެ. މަރުވެގެން ވެއްޓުނު އިރު އޭނާ ހުރީ މަސް ބާނާށެވެ.

އޭގެ ފަހުން އެ ދޯނީގައި އެން އުކަން ހުއްޓައި އަހުމަދު ފައިސަލް، 45، މަރުވީ މިއަދު އެވެ.

ދެ މީހުން ވެސް ދޯނި މައްޗަށް ވެއްޓުމުން އެންމެ ފުރަތަމަ ގެންދިޔައީ އެ އަތޮޅު ކެނދިކުޅުދޫ ސިއްހީ މަރުކަޒަށެވެ. އެތަނަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމާއި މަރުވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

މަރުވި އާދަމް އާއި ފައިސަލްއަކީ ވަރަށް ކުރިއްސުރެ ގާތް ދެ އެކުވެރިންނެވެ. އަދި އެއީ އެ ރަށުގައި އެމްޑީޕީގެ އިސް ދެ ހަރަކާތްތެރިންނެވެ.

ދެ މަރުގެ ތަފުސީލެއް ލިބޭތޯ ކައުންސިލްގެ މިދިޔަ ދައުރުގެ ރައީސް އަދި މިހާރުގެ ކައުންސިލްގެ މެމްބަރު އަބްދުﷲ އާރިފަށް ގުޅާލުމުން އޭނާއަށް ވާހަކަ ދައްކަވަން ވެސް ވަރަށް އުނދަގޫވި އެވެ.

"އަޅުގަނޑުގެ ވަރަށް ގާތް ދެ މީހުން އެއީ. އެހެންވެ، މި ވަގުތު ވާހަކަ ދައްކަން ވަރަށް ދަތި. ވަރަށް ކުއްލި ސިހުމެއް މިއީ،" ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް ޝިނާން އަބްދުލްޣަނީ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އާދަމް ދޯނި މަތީގައި އުޅުނީ އެހެން ދުވަސް ދުވަހާ ހިލާފަށް، ސަމާސާ ބޮޑުކޮށް، އެހެން މަސްވެރިން ހެއްވާ ހެދުމުގައި ކަމަށެވެ. އޭނާގެ ކުއްލި މަރުން ފައިސަލްއަށް ވަރަށް ބޮޑަށް އަސަރު ކުރި ކަމަށް ޝިނާން ވިދާޅުވި އެވެ.

"އާދަމްބެ މަރުވި ފަހުން ފައިބެ (ފައިސަލް) އަޅުގަނޑާ ބައްދަލުކޮށް ވަރަށް ވާހަކަ ދެއްކި. އޭނާ ބުނި ގޮތުން ދެ މީހުންގެ ތެރެއިން ކުރިން މަރުވާނެ މީހަކާ މެދު އެ މީހުން ގިނައިން ބަހުސްކުރޭ. އެއީ ދެ އަވަށްޓެރިން. އަދި ކުރިއްސުރެ ހަމަ ވަރަށް ގާތް ދެ ރަހުމަތްތެރިން. އެހެންވެ އާދަމްބެ މަރުވުމުން ފައިބެ ވަރަށް ދެރަވެފައި ހުރީ،" ޝިނާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާ ގާތްގާތުގައި ވަރަށް އެއް ކަހަލަ ގޮތަކަށް ދެ މީހުން މަރުވުމުން ރަށު ތެރޭގައި ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށެވެ. އެގޮތުން އެއީ ސިހުރުގެ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުނާ ކަމަށް ވިދާޅުވި އެވެ.

މިއީ އާދަޔާހިލާފު ކަމެއްކަން ފާހަގަކުރެވި، ކެނދިކުޅުދޫ ސިއްހީ މަރުކަޒުން ވެސް އެކަން ވަނީ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ. އަދި ފުލުހުންގެ ޓީމެއް އެ ރަށަށް މިއަދު ދާނެ ކަމަށްވެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ސިއްހީ މަރުކަޒުގެ މެނޭޖަރު އަލީ ރިޒާ ވިދާޅުވީ އެތަނުން އެ ދެ މަރު ތަހުގީގު ކުރެވެން ނެތުމުން ފުލުހުންނަށް އެންގީ ވަރަށް އާދަޔާހިލާފު ކަމެއް ކަމަށް ފާހަގަކުރެވިގެން ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އަޅުގަނޑުމެންނަށް ލަފާކުރެވެނީ ދެ މީހުން ވެސް މަރުވީ ހާޓް އެޓޭކެއް ޖެހިގެންކަން. އެކަމަކު މިތަނުން އިތުރަށް އެކަން ބެލެން ނެތުމުން ޔަގީންކޮށްދޭކަށް ނޭނގޭ،" ރިޒާ ވިދާޅުވި އެވެ.

މަރުވި އާދަމް އަދި ފައިސަލްގެ ވެސް ތިން ކުދިން ދުނިޔޭގައި އެބަ ތިއްބެވެ.