Roadha Mihaaru
ޕީޕީއެމްގެ ވިސްނުމަކީީ ރައީސް ޔާމީނަށް ޓިކެޓް ދިނުން

ޕީޕީއެމްގެ ވިސްނުމަކީ ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނުން

08 ޖެނުއަރީ 2018

ޕީޕީއެމްގެ ތެރޭގައި "ހުޅުފަޅައިގެން" ދިޔައީ، ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅަން އުޅުނު ހިސާބުންނެވެ. އެ އުދާސްގަނޑު މައިތިރިކުރީ، އެ ޕާޓީގެ ރައީސް އަދި ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން ދެކޮޅު ހެއްދެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީން ވަކިކޮށްގެންނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕީޕީއެމްގެ ތެރޭގައި "ހުޅުފަޅައިގެން" ދިޔައީ، ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް 2018ގެ ރިޔާސީ ޓިކެޓް ދޭން އެ ޕާޓީގެ ކައުންސިލަށް ގަރާރެއް ހުށަހަޅަން އުޅުނު ހިސާބުންނެވެ. އެ އުދާސްގަނޑު މައިތިރިކުރީ، އެ ޕާޓީގެ ރައީސް އަދި ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދެއްވަން ދެކޮޅު ހެއްދެވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕާޓީން ވަކިކޮށްގެންނެވެ.

ޕީޕީއެމްގެ ކައުންސިލްގެ ގިނަ ބޭފުޅުންގެ ވިސްނުން މިހާރު ވެސް ހުރީ، ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޓިކެޓް ދިނުމަށެވެ. އެހެންވެ، މި އަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އިންތިހާބަށް އެ ޕާޓީން ވަނީ ރައީސް ޔާމީންގެ ކެމްޕޭން ވެސް ފަށައިފަ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީ އާއި ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތަކުން، ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ހައްގު ކަމަށެވެ. އިންތިހާބުގައި އެ މަނިކުފާނު ވާދަކުރައްވާއިރު، ޕްރައިމަރީއެއް ބޭއްވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު "މިހާރު" އަށް ވިދާޅުވީ ޕްރައިމަރީއަކަށް ނުގޮސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އެގޮތަށް ނިންމުމަށް އެދިި ކައުންސިލަށް ހުށަހެޅުއްވުމުގެ ވިސްނުން ވެސް ގެންގުޅުއްވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ވަގުތު ޖެހުނީމަ އެގޮތަށް ހުށަހެޅުމުގެ ވިސްނުން އެބަހުރި. ރައީސް ޔާމީން މި ދައުރުގައި ގައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކަށް ބަލާއިރު، އެ މަނިކުފާނަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ޒަމީރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީނާ އެކު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

ޕީޕީއެމްގެ ޖަލްސާއެއްގައި ރައީސް ޔާމީނާ އެކު ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި 2013 ގައި ބޭއްވި ޕާޓީގެ ޕްރައިމަރީގައި ރައީސް ޔާމީނާ ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ވަޑައިގަތީ އެހެން ކެންޑިޑޭޓެއްގެ ފަހަތްޕުޅަށެވެ. އެކަމަކު ފަހުން މި ސަރުކާރާ ގުޅިވަޑައިގެންނެވި ކަން ފާހަގަކުރައްވައި ވިދާޅުވީ، އެ ތަޖުރިބާތައް އެގޮތަށް ކުރަން ޖެހިފައި ހުރުމުން ޕާޓީ އަށް އެންމެ ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ނުބޭއްވުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި ވިސްނުން ގެންގުޅުއްވިއަސް، ޕީޕީއެމްގެ ކައުންސިލަކީ މިނިވަން ތަނެއްކަން ފާހަގަ ކުރައްވައި ވިދާޅުވީ، އެކަމަށް ގޮތެއް ކަނޑައަޅާނީ ކައުންސިލުން ކަމަށެވެ. އެ ކައުންސިލުން ގޮތް ނިންމާނީ ޕާޓީ އާއި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަމަށް ވިދާޅުވި އެވެ.

ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް އިތުރު ދައުރެއްގެ ފުރުސަތު، ޕްރައިމަރީއަކާ ނުލައި ފަހިކޮށްދޭން ޖެހޭ ކަމަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ގަބޫލު ކުރެއްވިއަސް އަނެއް ބަޔަކު މިކަމާ ދެކޮޅެވެ. އެ މީހުން ދެކޭ ގޮތުގައި ޕްރައިމަރިއަކާ ނުލައި ކެންޑިޑޭޓަކު އައްޔަންކުރުމަކީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު ކަމެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ޕާޓީން ވަކިކުރަން ނިންމީ ވެސް މި މައްސަލަ ބޮޑުވެ އުފެދުނުު ހިޔާލު ތަފާތުވުންތައް ހައްލު ނުވުމުންނެވެ. ޕްރައިމަރީއަކާ ނުލައި ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދޭން ހުށަހެޅުމުން މައުމޫން އޭރު ދެކޮޅު ހެއްދެވި އެވެ. އެއީ، އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ނަމަ، ރިއާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ވާނީ އެކަމަށް ކުރިމަތިލާ މީހުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި އެންމެ ގިނަ ވޯޓު ލިބޭ މީހެކެވެ.

ޕީޕީއެމްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ފުރަތަމަ ދައުރު ފުރިހަމަކޮށް ނިމޭ އިރު ބާއްވާ އިންތިހާބުގައި، އަމަލުކުރާނެ ގޮތް އޮތީ އެހެން މާއްދާއެއްގަ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރުގެ ދައުރެއް އަދާކުރައްވާ ބޭފުޅަކު، ދެ ވަނަ ދައުރަކަށް ޕާޓީގެ ޓިކެޓްގައި ވާދަކުރައްވަން އެދިވަޑައިގަންނަވާ ނަމަ، ޕްރައިމަރީއެއް ނުބާއްވައި އެ ބޭފުޅަކަށް ޓިކެޓް ދެވިދާނެ ކަމަށެވެ.

ޕްރައިމަރީއެއް ބާއްވަން ޖެހޭނީ، ޕްރައިމަރީ ބާއްވަން ފެންނަ ކަމަށް ކޮންގްރެސްގެ ބައްދަލުވުމުން ފާސްކޮށްފި ނަމަ އެވެ.