Roadha Mihaaru
މުޅި ފޯކަސް މިއޮތީ ރިޔާސީ އިންތިޚާބަށް: ޒަމީރު

މުޅި ފޯކަސް މިއޮތީ ރިޔާސީ އިންތިޚާބަށް، ޕާޓީގެ އެހެން ހަރަކާތެއް ނެތް: ޒަމީރު

01 މެއި 2018

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މުޅި ފޯކަސް މިހާރު އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަމަށާއި ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މުޅި ފޯކަސް މިހާރު އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަމަށާއި ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީގެ "ރުމާލު 2" ޖަގަހައިގައި ކުރިއަށް ގެންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޒަމީރު ވިދާޅުވީ ރަށްރަށުގައި އުޅޭ މީހުން ބޭނުން ވަނީ އޭޓީއެމް މެޝިން ކަމަށެވެ. އަދި މިހާރު ރައްޔިތުން ބޭނުންވާ އަސާސީ ހުރިހާ ކަމެއް ނިމިފައި ހުރުމުން ދެން ބޭނުން ވަނީ ކުރިއަރާފައިވާ ގައުމުތަކުގައި ހުރި ޚިދުމަތްތައް ކަމަށް ޒަމީރު ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ރަށަކަށް ދިޔައީމާ ބުނާނީ ފެނާއި ނަރުދަމާ ވަރަށް ސަކަރާތޭ. ދެން ބަނދަރުގެ ކަންތައް ވެސް. އަޅުގަނޑު ނުދަންނަވަން ހުރިހާ ރަށެއްގެ ހުރިހާ ކަމެއް ހަމަޖެހުނިއްޔޭ. ބޮޑެތި އާބާދީ ހުރި ތަންތާނގައި މައިގަނޑު މި ކަހަލަ ހުރިހާ ކަންތައްތަކެއް ހަމަޖެހިއްޖެ،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ރަށްރަށުގައި މިހާރު ޕެނަޑޯލް ގުޅަ އާއި އޮގްމެންޓިން ނުލިބިގެން އުޅޭކަށް ނުޖެހޭނެ އެވެ.

ޕީޕީއެމްގެ ހަރަކާތްތަކާ ބެހޭ ގޮތުން ޒަމީރު ވިދާޅުވީ މި އަހަރުގެ ރޯދަމަހު މާބޮޑު ހަރަކާތްތަކެއް ނެތް ނަމަވެސް ރޯދައިގެ ފަހުން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ރޯދައިގެ ފަހުން ޕީޕީއެމުން ރަށްރަށަށް ވަރަށް ގިނަ ދަތުރުތައް ކުރަން ނިންމާފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މުޅި ފޯކަސް މި އޮތީ ރިޔާސީ އިންތިޚާބަށް. އަޅުގަނޑުމެން ކުރިމަތީގައި މިވަގުތު އެހެން މާބޮޑު ކަމެއް ނެތް. ޕާޓީގެ އިތުރު އެހެން ހަރަކާތެއް ނެތް،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވެ ދިވެހިންގެ ތެރޭގައި "ބައިން ކެޕޭސިޓީ" މައްޗަށް ހިނގައްޖެ ކަމަށެވެ. އަދި ކޮންމެ އަހަރަކު ދިވެހި ޗުއްޓީގައި ކުރިން ދަނީ ބޭސްފަރުވާ ހޯދަން ކޮލަމްބޯ ނުވަތަ ޓްރިވެންޑްރަމަށް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ނަމަވެސް ކުއްލިއަކަށް ރައީސް ޔާމީންގެ މިދިޔަ ފަސް އަހަރުގެ ތެރޭގައި އަމިއްލަ އަތުން މެޑިކަލް އެކްސްޕެންސަސް [ބޭހަށް ކުރާ ހަރަދު] ވަރަށް ބޮޑަށް ކުޑަވެގެން ދިޔައީމާ އޭގެ ނަތީޖާއެއްގެ ގޮތުން ޑިސްޕޯސަބަލް އިންކަމް މައްޗަށް ދިޔައީމާ މީހުންނަށް ގަނެވޭ މިންވަރު މައްޗަށް ގޮސްފި،" ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ 10 ވަރަކަށް އަހަރު ކުރިން މީހެއްގެ ކައިރިން އަހާލައިފި ނަމަ ބުނާނީ ނަންޑޯސް އާއި ޕިއްޒާ ހަޓް ވެސް ރާއްޖެ އަށް ތައާރަފު ނުކުރެވޭނެ ކަމަށެވެ.

"އެ މީހުން ބޭނުންވާ ކްރިޓިކަލް މާސްއެއް ނެތް. ބައިން ޕަވާއެއް އެ ހިސާބަކަށް ނުދެއޭ،" ރާއްޖެ އަށް ފްރެންޗައިޒް ރެސްޓޯރަންޓް ތައާރަފު ވާން ފެށުމާ ގުޅޭ ގޮތުން ޒަމީރު ވިދާޅުވި އެވެ.