Roadha Mihaaru
ގައުމީ އިނާމާ ބެހޭ ކޮމެޓީ އަލުން އެކުލަވާލައިފި

ގައުމީ އިނާމާ ބެހޭ ކޮމެޓީ އަލުން އެކުލަވާލައިފި

08 ޖެނުއަރީ 2018

ގައުމީ އިނާމާ ބެހޭ ކޮމެޓީ، ރައީސް އަބްދުﷲ ޔާމީން އަލުން އެކުލަވާލައްވައި މިއަދު އާންމުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގައުމީ އިނާމާ ބެހޭ ކޮމެޓީ، ރައީސް އަބްދުﷲ ޔާމީން އަލުން އެކުލަވާލައްވައި މިއަދު އާންމުކޮށްފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ކުރިން އެކުލަވައިލި ކޮމެޓީގެ މުއްދަތު ހަމަވުމުން، އަލަށް އެކުލަވާލި ކޮމެޓީގައި ހިމެނެނީ ނުވަ ބޭފުޅުންނެވެ. އެއީ ފަސް ފިރިހެން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.

އަލަށް އެކުލަވައިލި ކޮމެޓީގެ ޗެއާޕާސަނަކީ ކުރީގެ މިނިސްޓަރު، މ. ލޮނުވެލި، އަނީސާ އަހުމަދެވެ. އެ ކޮމެޓީގައި ދެން ހިމެނިވަޑައިގަންނަވަނީ މއ. ފިއަވަނި އަހުމަދު އަލި މަނިކާއި، ހ. މާދޫގޭ، ހުސައިން އާމިރާއި ޅ. ކުރެންދޫ ނޫރަންގޭ ޒުލްފާ އިބްރާހީމާއި ވ. ފަހިދޫ ޝުހުއާ ފުއާދު، މ. ކާނިމާގޭ މުހައްމަދު އިކްރާމް، މ. ނޫވިލު އަހުމަދު ސުވައިބާއި، ވ. ކަންދު ހަސަން މަނިކާއި މ. މާހިއާ ރަހީމާ އާދަމެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ ގައުމީ އިނާމަކީ ގައުމާއި މުޖުތަމައުގެ ފައިދާއަށްޓަކައި ވަކިވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ވިޔަފާރިތަކުން ކުރާ މަސައްކަތްތަކާއި ހޯދާ ކާމިޔާބީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އިނާމެކެވެ.

މީގެ ކުރިން ގައުމީ އިނާމު ދެނީ ޖުމްހޫރީ ދުވަހުގެ ހަފުލާގައި ބާއްވާ ރަސްމިއްޔާތުގަ އެވެ. ނަމަވެސް އެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި މި އަހަރުގެ އިނާމު ދޭނީ މިނިވަން ދުުވަހުގެ މުނާސަބަތުގައި ބާއްވާ ހަފުލާގަ އެވެ.