Roadha Mihaaru
ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް

ބިދޭސީންގެ މެޑިކަލް ހެއްދުމުގެ ހުއްދަ ކްލިނިކްތަކަށް އަލުން ދީފި

21 ޖެނުއަރީ 2018

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކްޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓް ހެއްދުމުގެ ހުއްދަ، ބައެއް ކްލިނިކްތަކަށް ހެލްތު މިނިސްޓްރީން އަނެއްކާ ވެސް ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކްޕާމިޓަށް ބޭނުންވާ މެޑިކަލް ރިޕޯޓް ހެއްދުމުގެ ހުއްދަ، ބައެއް ކްލިނިކްތަކަށް ހެލްތު މިނިސްޓްރީން އަނެއްކާ ވެސް ދީފި އެވެ.

ބިދޭސީންގެ މެޑިކަލް ޗެކަޕާއި މެޑިކަޕް ރިޕޯޓް ކްލިނިކްތަކުން ނުހެއްދޭ ގޮތަށް މިދިޔަ އަހަރުގެ މެދު ތެރޭގައި ހަމަޖެއްސި އެވެ. އޭގެ ބަދަލުގައި އެ ހުއްދަ އޭރު ދިނީ ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗާއި އަމިއްލަ އެންމެ ބޮޑު ހޮސްޕިޓަލް އޭޑީކޭ އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އިތުރުން ރަށްރަށުގައި ހުންނަ ސަރުކާރު ހޮސްޕިޓަލްތަކަށެވެ.

އިމިގްރޭޝަނުން ބުނީ ކްލިނިކްތަކަށް އެ ހުއްދަ އަލުން ދިން ކަން ހެލްތު މިނިސްޓްރީން އެ ތަނަށް އަންގާފައިވާ ކަމަށާއި އެހެންވެ އެ ތަންތަނުން ދޫކުރާ ރިޕޯޓް އިމިގްރޭޝަނުން ބަލައިގަންނާނެ ކަމަށެވެ.

ބިދޭސީންގެ މެޑިކަލް ހެދުމުގެ ހުއްދަ ހެލްތު މިނިސްޓްރީން މިހާރު ދީފައިވާ ތަންތަން:

1- އައިޖީއެމްއެޗް

2- ހުޅުމާލެ ހޮސްޕިޓަލް

3- އޭޑީކޭ ހޮސްޕިޓަލް

4- އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ސަރުކާރުގެ ހޮސްޕިޓަލްތައް

5- ޓްރީޓޮޕް ހޮސްޕިޓަލް

6- މެޑިކާ ހޮސްޕިޓަލް

7- އައިއެމްޑީސީ

8- ޕާލް މެޑިކަލް ސެންޓަރު

9- އެއިމްސް ޑައިގްނޯސްޓިކް ކެއާ

10- އީވް ކްލިނިކް

11- ސެންޓްރަލް ކްލިނިކް

12- އެޑްވާންސް ކްލިނިކް

13- އޭއެމްޑީސީ

14- ކްރިސްޓަލް މެޑިކަލްސް

15- ފަރުވާ ކްލިނިކް

16- އޮސް މެޑިކަލް ސެންޓަރު

ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ކްލިނިކްތަކުން ދޫކުރާ ރިޕޯޓު ބަލައިނުގަންނަ ގޮތަށް އޭރު ނިންމީ، ބިދޭސީންގެ ސަބަބުން ގައިން ގަޔަށް އަރާ ބަލިތައް ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތުމުން، އެކަން ހައްލު ކުރުމަށެވެ.

އެކަމަކު އަލުން ހުއްދަ މި ދިނީ، ބަލަން ވާ ވަރަށް ބެލުމަށް ފަހު، މިނިސްޓްރީން ކަނޑައެޅި މިންގަނޑުތަކަށް ފެތޭ ކްލިނިކްތަކަށް ކަމަށް އެތަނުން ބުންޏެވެ.

އޭޑީކޭ އާއި އޭއެމްޑީސީން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ވެސް އިމިގްރޭޝަނުން ދުވަސްކޮޅަކަށް ކުރިން ހުއްޓާލި އެވެ. އެ ދެ ތަނުން ދޫކުރާ މެޑިކަލް ރިޕޯޓު ބަލައިގަތުން ހުއްޓާލީ، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލި ހުންނަ މީހުންނަށް، ސައްހަ ނޫން މެޑިިކަލް ރިޕޯޓު ހެއްދި މައްސަލަތަކެއް ފުލުހުންނާ ގުޅިގެން ބަލަމުން އަންނާތީ ކަމަށް އިމިގްރޭޝަނުން އޭރު ބުނެފައި ވެ އެވެ.