Roadha Mihaaru
ހޯމައިގެ ކުރިން ގޮތެއް ނިންމޭނެ ކަމަށް އުންމީދު ކުރަން

މި އަހަރަށް މަޖިލިސް ފެށުމުގެ ކުރިން ގޮތެއް ކަނޑައެޅޭނެ ކަމަށް އުންމީދު ކުރަން: އަނާރާ

29 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާއިރު، މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލައަށް ހައްލެއް ލިބި، އޭގެ ކުރިން އެ މެމްބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ފަށާއިރު، މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލައަށް ހައްލެއް ލިބި، އޭގެ ކުރިން އެ މެމްބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ މައްސަލާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް އިދިކޮޅު މެންބަރުން އެ ކޯޓަށް ވަޑައިގެން ކުރެއްވި މަސައްކަތް މިއަދު ވެސް ނާކާމިޔާބު ވުމުން ނޫސްވެރިންނާ ބައްދަލުކުރައްވައި އަނާރާ ވިދާޅުވީ، އީސީން އެގޮތަށް ކަނޑައަޅާފައި އޮތަސް އިދިކޮޅު ހުރިހާ މެމްބަރުން ތިއްބެވީ، އެ ހުރިހާ މެމްބަރުންނާއެކު ކަމަށެވެ.

މަޖިލީހުގެ އިދިކޮޅު ހުރިހާ މެމްބަރުން ވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ކަނޑައަޅާފައިވާ މެމްބަރުންގެ ހައްގުގައި ކަމަށާއި އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ފަނޑިޔާރުން ރިއާޔަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އަނާރާ ވިދާޅުވި އެވެ.

"މަޖިލިސް ފެބްރުއަރީ ގައި ހުޅުވޭ ގޮތަށް އޮތީ. އޭގެ ކުރިން މެމްބަރުންނަށް [މަޖިލީހަށް] ވަދެވޭނެ ގޮތެއް ހައްދަވައި ދިނުން އަޅުގަނޑުމެން އެދޭ އެދުމަކީ،" އިދިކޮޅު ހަރަކާތުގައި ހިމެނޭ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މެމްބަރުންގެ ގާނޫނީ ވާޖިބު އަދާކުރެވޭނެ ފުރުސަތު ހޯދައިދޭން މެދުނުކެނޑި މަސައްކަތް ކުރަމުން ދާނެ އެވެ.

"އެހެން ނޫނީ ވަރަށް ގިނަ ރައްޔިތުންގެ ހައްގުތަކެއް އެ ގެއްލިގެން ދަނީ. ބާރަ މެމްބަރުންގެ ގާނޫނީ ވާޖިބު ހަމަޖެހިގެންދޭތޯ މަސައްކަތް ކުރަނީ،" ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރު އަނާރާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި ބާއްވާ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި، އިދިކޮޅު މެމްބަރުން ބައިވެރިވާނެތޯ ސުވާލު ދެންނެވުމުން، އަނާރާ ވިދާޅުވީ އެ ޖަލްސާގައި ބައިވެރިވުމާ ގުޅޭގޮތުން އިދިކޮޅު ލީޑަޝިޕުން އަދި ގޮތެއް ނުނިންމާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ހަރަކާތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ މެންބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެ ގޮތެއް ހެދުމަށެވެ.

އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީގެ ގޮނޑި ގެއްލުނު ކަމެވެ.

މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.