03 ފެބުރުއަރީ 2018
ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައެޅި 12 ބޭފުޅުންނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް އަމީން އާންމު އަހުމަދު މުހައްމަދު ގަބޫލު ކުރައްވައިފި އެވެ.
ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ދާދި ފަހުން ކަނޑައެޅި 12 ބޭފުޅުންނަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށް އަމީން އާންމު އަހުމަދު މުހައްމަދު ގަބޫލު ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މަޖިލީހުގެ އަމީން އާންމަށް "މިހާރު"ން ދެންނެވި ސުވާލެއްގެ ޖަވާބުގައި އޭނާ ވިދާޅުވީ އެ މެމްބަރުންގެ މައްސަލައިގައި "ސުޕްރީމް ކޯޓުން މިހާރު އެ އޮތީ ގޮތެއް ނިންމާފައި" ކަމަށެވެ.
"ސުޕްރީމް ކޯޓުގެ އަމުރުގައި އެ އޮތީ މެމްބަރުންކަން ކަނޑައަޅާފައި ނޫންތޯ،" އަހުމަދު ވިދާޅުވި އެވެ.
އަމީން އާންމުގެ އެ ވާހަކައިގެ މާނައަކީ އެ މެމްބަރުންނަށް މަޖިލީހަށް ވެންނެވޭނެ ގޮތް ވުންތޯ ސުވާލު ދެންނެވުމުން އެ އަށް ސީދާ ޖަވާބެއް ނުދެއްވައި އަނެއްކާ ވެސް ވިދާޅުވީ އެއީ "ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގޮތުން މެމްބަރުން ނޫންތޯ" ކަމަށެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް 45 މެމްބަރުން ސޮއި ކުރެއްވި އިރު އޭގެ ތެރޭގައި ހިމެނޭ ޕީޕީއެމްގެ ކުރީގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން އެ ބޭފުޅުން މަޖިލީހަށް ވަދެވަޑައިގަތުމުގެ ފުރުސަތު އެ ތަނުގެ ސަލާމަތީ ކަންތައް ބަލަހައްޓާ ސިފައިން ނުދެ އެވެ.
ސުޕްރީމް ކޯޓުގެ އެ ނިންމުން އައީ، މަސީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ސޮއި ކުރެއްވުމުން އެކަން ހުއްޓުވަން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައިގަ އެވެ.
ސުޕްރީމް ކޯޓުން އޭރު ނިންމީ މެމްބަރުން އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އެކަމަކު އެ ހުކުމް ދެމިއޮންނާނީ މެމްބަރުން ޕާޓީ ބަދަލުކުރުމާ ބެހޭ ގާނޫނެއް ހަދައި، އެ އަށް އަމަލްކުރަން ދެން ކަމަށާއި އަދި އެ ހުކުމް ހިނގާނީ އެ ނެރޭ ދުވަހުން ފެށިގެން ކަމަށް ވެސް އޭގައިވެ އެވެ.
އެގޮތަށް ސުޕްރީމް ކޯޓުން ނިންމުމުގެ ކުރިން އެ 12 މެމްބަރުން ތިއްބެވީ ޕީޕީއެމުން ވަކިވެ، އެކަން އިލެކްޝަންސަށް ވެސް އަންގަވައިގެންނެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޕީޕީއެމުން ދެން ކަންތައް ކުރީ އެ ޕާޓީން އެ މެމްބަރުން ވަކިކުރީ އޭގެ ފަހުން ކަމަށް ދައްކާށެވެ. މި އޮޅުވާލުން އިލެކްޝަންސް ކޮމިޝަނުން ވެސް އޭރު ގަބޫލުކުރި އެވެ.
އެކަމަކު އިއްޔެ ރޭ ސުޕްރީމް ކޯޓުން ކުއްލިއަކަށް ނެރުނު އަމުރެއްގައި ބުނީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކާ މެދު ނެރުނު ހުކުމް ބާތިލްވެއްޖެ ކަމަށެވެ. އަދި ގޮނޑީގެ މައްސަލައިގައި ހިޔާލު ތަފާތުވެފައިވާ 12 މެމްބަރުންނަކީ، މަޖިލީހުގެ ސައްހަ މެމްބަރުން ކަމަށާއި މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ކުރިއަށް ގެންދަން ޖެހޭނީ އެ ބޭފުޅުން ބައިވެރިކޮށްގެން ކަމަށް ވެސް ހުކުމުގައި ބުނެފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފަށަން މަޖިލިހުން ނިންމާފައި އޮތީ އަންނަ ހޯމަ ދުވަހު އެވެ. ކޮންމެ އަހަރެއްގެ ޖަލްސާތައް ފެށިގެން ދާނީ، ފުރަތަމަ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިއާސީ ބަޔާން އިއްވެވުމަށް ފަހު އެވެ.
އަހުމަދު ވިދާޅުވީ އެ ޖަލްސާ ކެންސަލްވެއްޖެ ނަމަ އެކަން އިއުލާން ކުރައްވާނެ ކަމަށެވެ. އެހެންކަމުން ޖަލްސާ އަދި އޮތީ ކުރިއަށް ގެންދާ ގޮތަށް ކަމަށް ބެލެވެ އެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން މަޖިލިސް ފެށުން ލަސްކުރަން ޕީޕީއެމުން ބޭނުންވާ ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.
ބަދަލުވި މަންޒަރާއި އެންޓި ޑިފެކްޝަން ގާނޫނުގެ ބަހުސް
މެމްބަރުންގެ މައްސަލަތައް ނިންމައިދިނުމަށް މޫސަ އެދިއްޖެ
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟
މަޖިލީހުގައި 12 ދާއިރާގެ އަޑު ނެތި އަހަރެއް
ހުސްވި ގޮނޑިތަކަށް ސުޕްރީމް ކޯޓުގެ ބަހެއް ބޭނުންތަ؟
ދުސްތޫރީ މައްސަލަ އަށް އެމްޑީޕީން ވަންނަނީ
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
މަޖިލީހުން ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފްވަނީތަ؟!