Roadha Mihaaru
ސަރުކާރުން އަނެއްކާ ވެސް މަޝްވަރާ އަށް ގޮވާލައިފި

ސަރުކާރުން އަނެއްކާ ވެސް މަޝްވަރާ އަށް ގޮވާލައިފި

08 ފެބުރުއަރީ 2018

ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދަން ސަރުކާރާއެކު މަޝްވަރާއަށް ދިއުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިޔާސީ ގޮތުން އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލު ހޯދަން ސަރުކާރާއެކު މަޝްވަރާއަށް ދިއުމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އަނެއްކާ ވެސް ގޮވާލައްވައިފި އެވެ.

މީގެ ކުރިން ބޭއްވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރު ތަމްސީލް ކުރައްވާ އިސް މަންދޫބު ޝައިނީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަޣާވާތެއް ގެންނަން އުޅުނު މީހުންނާ ދެކޮޅަށް ފުލުހުން ބައެއް ހެކި ހޯދާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު އުފެދިގެން އުޅޭ ސިޔާސީ މައްސަލަތައް ހައްލުކުރުމަށް އިދިކޮޅު ފަރާތްތަކުން ސަރުކާރާއެކު މަޝްވަރާގެ މޭޒަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"އެހެންވެ، ސަރުކާރުން މި ގޮވާލަނީ ސިޔާސީ ޕާޓީތަކުން މަޝްވަރާ އަށް އައުމަށް،" ޝައިނީ ވިދާޅުވި އެވެ.

ސަރުކާރުން ވަނީ އެކި ފަހަރު މަތިން މަޝްވަރާ އަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައިފަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ދަނީ ސަރުކާރާއެކު މަޝްވަރާގައި ބައިވެރިވާނީ ހުކުމް ތަންފީޒު ކުރަމުންދާ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފަހު ކަމަށެވެ.

ޝައިނީ ކުރެއްވި ޓުވީޓު.

މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ޖަލަށް ލުމާއި މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އަށް ސަރުކާރުން ނުފޫޒު ފޯރުވުމާއި ސަރުކާރުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ނައުމަށް ތަފާތު ބަހަނާ ދައްކަ އެވެ.

ޝައިނީ މިއަދު "މިހާރު" އަށް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް ބަޣާވާތް ކުރައްވަން އުޅުނު ބޭފުޅުންނާ ދެކޮޅަށް ފުލުހުން ހެކި ހޯދާފައިވާ ކަމަށެވެ. އެހެންވެ، އިދިކޮޅުގައި މިހާރު ތިއްބެވި ލީޑަރުން، މަޝްވަރާ އަށް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި މި ވަގުތު ތިއްބެވި ބައެއް ސިޔާސީ ބޭފުޅުންގެ ނުފޫޒާ ހެދި، އިދިކޮޅުގެ ބޭފުޅުންނަށް ކުރިން އޮތީ ސަރުކާރާއެކު މަޝްވަރާ އަށް ނާދެވިފަ އެވެ. އެކަމަކު، މިހާރު މަޝްވަރާ ކުރުމުގެ މާހައުލެއް އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާތަކުގައި ބައިވެރި ނުވާނެ ކަމަށް ތަކުރާރުކޮށް ބުނާ މައްސަލައިގައި ޝައިނީ ވިދާޅުވީ، އިދިކޮޅުގައި މިހާރު މަސައްކަތް ކުރައްވަނީ މަޝްވަރާގެ މޭޒު އިސް ކުރައްވާ ރަނގަޅު ބޭފުޅުންތަކެއް ކަމަށެވެ. އެއީ ސިޔާސީ ދާއިރާއިން ކުރިއަށް ވަޑައިގަތުމުގެ ވިސްނުން ގެންގުޅުއްވާ ބޭފުޅުން ކަމަށާއި އެބޭފުޅުންނާ މެދު އުންމީދު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންނަށް ރިޔާސީ އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ. އެކަމަކު މިހާރު ތިއްބެވި ބޭފުޅުންނަށް ވާދަ ކުރުމުގެ ފުރުސަތު އެބައޮތް،" ޝައިނީ ވިދާޅުވި އެވެ.

މީގެ ކުރިން، އެކި ފަހަރު މަތިން މަޝްވަރާ އަށް ސަރުކާރުން ހުޅުވާލުމުން އެކަން ކާމިޔާބު ނުވީ ސަރުކާރާއި ޕާޓީތަކުން ވެސް ޝަރުތުތައް ކުރިމަތި ކުރުމުންނެވެ.

އެންމެ ފަހުން، ސަރުކާރުން ވަނީ އިދިކޮޅު އިސް ލީޑަރެއްގެ ގޮތުގައި ހުންނެވި މައުމޫން މަޝްވަރާގެ މޭޒަށް ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

އެކަމަކު، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ތިން ލީޑަރުން ކަަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު އެ ޕާޓީތަކުގައި ދެން އިސްކޮށް ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ވެސް ތުހުމަތުކޮށް ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.