Roadha Mihaaru
"އިމަޖެންސީގައި މަޖިލީހާއި ކޯޓުގެ ބާރު ނުހިފެހެއްޓޭނެ"

ކުއްލި ހާލަތުގައި ވެސް މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރެއް ނުހިފެހެއްޓޭނެ: ވަކީލުން

09 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރުގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކޮށްފައި އޮތުމަކީ ގާނޫނާއަސާސީއާ ޚިލާފަށް ކަމެއް ކަމަށް ބައެއް ވަކީލުން މިއަދު ބުނެފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ނެރުނު ގަރާރުގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބައެއް ބާރުތައް ހަނިކޮށްފައި އޮތުމަކީ ގާނޫނާއަސާސީއާ ޚިލާފަށް ކަމެއް ކަމަށް ބައެއް ވަކީލުން މިއަދު ބުނެފި އެވެ.

ޕްރިމިއާ ޗެމްބާސްގެ ހަތް ވަކީލަކު ސޮއި ކުރައްވައި، މިއަދު ނެރުނު ބަޔާނުގައިވަނީ މަޖިލީހަށް މީހުން ހާޒިރު ކުރުމުގެ ބާރާއި ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ބާރު ހަނި ކުރުމުގެ އިތުރުން ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބައެއް ބާރުތައް ނެގުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އެ ބަޔާނުގައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓޭނީ ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންކުރާ ހައްގުތައް ކަމަށް ގާނޫނުއަސާސީގައި އޮތުމެވެ.

"ގާނޫނުއަސާސީގެ ދެވަނަ ބާބުގައި ނުހިމެނޭ މާއްދާތައް ކަމުގައިވާ ގާނޫނުއަސާސީގެ 99 ވަނަ މާއްދާ އާއި ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 145 ވަނަ މާއްދާގެ ނ. އާއި 228 ވަނަ މާއްދާ ވަގުތީ ގޮތުން ހިފަހައްޓާފައި ވުމަކީ ގާނޫނުއަސާސީގެ 254 ވަނަ މާއްދާއާ ޚިލާފް ކަމެއް.." އެ ބަޔާނުގައިވެ އެވެ.

ކުއްލި ހާލަތު އިއުލާންކޮށް ނެރޭ ގަރާރުގެ ސައްހަކަމާ މެދު ސުވާލު އުފެދިއްޖެ ނަމަ އެކަމުގައި ގޮތެއް ނިންމުމަކީ ސުޕްރީމް ކޯޓުގެ ބާރެއް ކަމަށް ގާނޫނުއަސާސީގައި ބުނެފައި އޮތްއިރު، ފަހު ބަސް ބުނުމަށް ސުޕްރީމް ކޯޓަށް އޮތް ބާރު ހިފެހެއްޓުމަކީ ކުއްލި ހާލަތުގެ ގަރާރާ މެދު ގޮތެއް ނިންމުމަށް ސުޕްރީމް ކޯޓަށް ލިބިދޭ ބާރު ވެސް ހިފެހެއްޓުން ކަމަށް އެ ބަޔާނުގައިވެ އެވެ.

ކުއްލި ހާލަތުގެ ގަރާރުގެ ދަށުން، ޖިނާއީ އިޖްރާއާތުގެ ގާނޫނަށް އަމަލު ކުރުން ވެސް އެއްކޮށް ހުއްޓާލާފައި ވުމަކީ ކުށުގެ ތުހުމަތު ނުކުރެވޭ ފަރާތްތަކަށް ވެސް ގާނޫނުގެ ރައްކާތެރިކަން ގެއްލިގެންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު އުއްތަމަ ފަނޑިޔާރާއި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދަންޖެހޭނެ ކަމަށާއި އެކަން ނުކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ސަބަބެއްގެ ގޮތުގައި އެ ބަޔާނުގައި ވަކީލުން ބުނެފައިވަނީ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި އޮންނަ މާއްދާ އެ ދެ ބޭފުޅުން ހައްޔަރު ކުރިއިރު ހިފަހައްޓާފައި ނެތުމެވެ.

މަޖިލީހުގެ ގަވާއިދު އޮތްގޮތުން މިދުވަސްވަރަކީ މަޖިލިސް ޗުއްޓީ ދުވަސްވަރެއް ނޫން ފާހަގަކޮށް، އެ ބަޔާނުގައިވަނީ ކުއްލި ހާލަތު އިއުލާން ކުރުމަށް ފަހު 48 ގަޑިއިރުގެ ތެރޭގައި އެ ގަރާރު ފާސްކުރަން މަޖިލީހަށް ހުށަހަޅަން ލާޒިމް ކަމަށެވެ. އެ މުއްދަތުގައި އެކަން ނުކުރުމަކީ ވެސް ގާނޫނާ ޚިލާފަަށް ކުރާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ކުއްލި ހާލަތުގައި އަޅަމުން ގެންދާ ފިޔަވަޅުތައް ބާތިލް ކަމަށް ބުނެ، އެ ބަޔާނުގައި ގޮވާލާފައިވަނީ ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ދޫކޮށްލުމަށެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ނަމަ ގާނޫނުއަސާސީ އާއި ގާނޫނީ އިމުގެ ތެރެއިން އިންސާފުވެރިކަމާ އެކު އެކަންކަން ބެލުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

އެ ބަޔާނުގައި ސޮއި ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މަޝްހޫރު ގާނޫނީ ވަކީލުން ކަމަށްވާ ޝާހީން ހަމީދާއި މައުމޫން ހަމީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.