Roadha Mihaaru
"އެސްއޯއީގެ ގަރާރު ފާސްކުރަން 43 ތިބޭކަށް ނުޖެހޭނެ"

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން 43 ހަމަވާކަށް ނުޖެހޭ، މަޖިލީހުގެ ނިންމުން ރަނގަޅު: ސުޕްރީމް ކޯޓު

26 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ލާޒިމްނުވާ ކަމަށާއި ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ލަފާ ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާއިރު 43 މެމްބަރުން ހާޒިރުވެ ތިބެން ލާޒިމްނުވާ ކަމަށާއި ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ލަފާ ދީފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން މިދިޔަ ހަފުތާގައި މަޖިލީހުން ނިންމި ނިންމުމާ ގުޅިގެން ސުޕްރީމް ކޯޓުން އެގޮތަށް ލަފާ ދިނީ އެކަމުގައި އެ ކޯޓުން ލަަފައެއް ދިނުމަށް އެދި މަޖިލީހުން ހުށަހެޅުމުންނެވެ. އެ މައްސަލާގައި ލަފައެއް ދެވެންދެން ކުއްލި ހާލަތުގެ ގަރާރަށް އަމަލު ކުރަމުން ގެންދަން ސުޕްރީމް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ.

އެ މައްސަލާގައި ގޮތެއް ނިންމައި، ސުޕްރީމް ކޯޓުން ދިން ލަފާފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރެއް މަޖިލީހުން ފާސްކުރަން ދުސްތޫރީ ގޮތުން ލާޒިމް ވެގެންވާ ގާނޫނީ އަދަދަކީ ގާނޫނުއަސާސީގެ 86 ވަނަ މާއްދާގައި ބުނާ ގޮތަށް ހަތަރު ބައި ކުޅަ އެއްބައި މެމްބަރުންނެވެ. އަދި އެފަދަ ގަރާރެއް ފާސް ކުރުމުގައި ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބުނާ ގޮތަށް، މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބުން ގާނޫނީ ގޮތުން ލާޒިމް ނުވާ ކަމަށް ވެސް އެ ލަފާގައި ވެ އެވެ.

"ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސްކޮށް، އެ ގަރާރުގެ މުއްދަތަށް 30 ދުވަސް އިތުރުކޮށް ނިންމާފައިވާ ބަޔާން ވެދިޔަ ނިންމުންތަކަކީ ދުސްތޫރީ ގޮތުން ސައްހަ ނިންމުންތަކެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ،" އެ ލަފާގައި ވެ އެވެ.

ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަމުގެ ގޮތުގައި މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ނުހިމެނޭ ކަން ފާހަގަކޮށް، އެ ލަފާގައިވާ ގޮތުން އެ މާއްދާގެ ދަށުން ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަމުގެ ގޮތުގައި ހިމެނެނީ މަޖިލީހަށް ލިބިފައިވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ހަދާ ޕަބްލިކް ލޯ އާއި ޕްރައިވެޓް ލޯގެ ދާއިރާގައި ހިމެނޭ ގާނޫނުތަކެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް އަބްދުﷲ ޔާމީން ނެރުއްވި ގަރާރަކީ އޭގެ ޒާތުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކުރާ އާންމު އަދި މުޖައްރަދު ގާއިދާތަކެއް ހިމެނިގެންވާ ގަރާރެއް ނޫން ކަމަށާއި އެކަމަކު އެފަދަ ގަރާރެއް ތަންފީޒު ކުރުމުގެ ގޮތުން ހެދިފައިވާ ގާނޫނުތަކެއްވާ ނަމަ، އެ ގާނޫނުތަކަކީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ގާއިދާތަކެއް ހިމެނޭ ގާނޫނުތަކެއް ކަމަށް ލަފާގައި ވެ އެވެ.

އެކަމަކު މަޖިލީހުން މިދިޔަ ހަފުތާގައި ނިންމި ނިންމުމުގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ގާނޫނެއް ނުވަތަ ގަވާއިދެއް ވެސް ފާސް ކޮށްފައިވާ ނުވާތީ، މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ތިބެގެން ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނުހިމެނޭނެ ކަމަށް ވެސް ލަފާގައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރަން މަޖިލީހުން ނިންމީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 38 މެމްބަރުންގެ ވޯޓުންނެވެ. އިދިކޮޅު ކޯލިޝަންގެ ހުރިހާ މެމްބަރުން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައި ވާތީ، އެ ގަރާރަށް ވޯޓަށް އެހިއިރު މަޖިލީހުގެ 43 މެމްބަރުން ހަމައެއް ނުވެ އެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނުން ބުނަމުން ގެންދިޔައީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު މަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފު ކަމަށާއި ކުއްލި ހާލަތު މިހާރު އުވިފައިވާ ކަމަށެވެ.