Roadha Mihaaru
ވިޔަފާރި ފަށަން އަންހެނުންނަށް ލޯނު ދޫކުރަނީ

ވިޔަފާރި ފަށަން އަންހެނުންނަށް ލޯނު ދޫކުރަނީ

14 ފެބުރުއަރީ 2018

އަމިއްލަ ވިޔަފާރިއެއް ފެށުމަށް އަންހެނުންނަށް ލޯނު ދޭ ސްކީމެއް ފަށައި، އެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަމިއްލަ ވިޔަފާރިއެއް ފެށުމަށް އަންހެނުންނަށް ލޯނު ދޭ ސްކީމެއް ފަށައި، އެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ބުނީ އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ފެށި "އަންހެނުންގެ ލޯނު ޕްރޮގްރާމް"ގެ ދަށުން، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނާއި މިހާރު ހިންގަމުން އަންނަ ވިޔަފާރި ކުރިއަރުވަން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

އަންހެނުންނަށް ހާއްސަކޮށްގެން ސަރުކާރުން ފުރަތަމަ ފަހަރަށް ފެށި 20 މިލިއަން ރުފިޔާގެ މި ސްކީމުގެ ދަށުން ދޫކުރަނީ 50،000ރ އާއި 100،000ރ އާ ދެމެދުގެ ލޯނެވެ. އެކަމަކު 50،000ރ އަށް ވުރެ ބޮޑު ލޯނެއް ނަގާ ނަމަ، އެ ލޯނަށްވާ އަދަދުގެ 130 ޕަސެންޓްގެ އަގުހުރި ރަހުނެއް ބަހައްޓަން ޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. ލޯނުގެ އިންޓަރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ.

"ސީދާ 50،000 ރުފިޔާގެ ލޯނެއް ނަގާ ކަމުގައިވާ ނަމަ ރަހުނުގެ ގޮތުގައި އެއްވެސް އެއްޗެއް ބަހައްޓާކަށް ނުޖެހޭނެ. އެކަމަކު އެއަށް ވުރެ އިތުރު ވާ ނަމަ ބޭންކް އޮފް މޯލްޑިވްސް އިން ގަބޫލުކުރާ، އެ އަދަދުގެ 130 ޕަސެންޓްގެ އަގުހުރި ރަހުނެއް ދައްކަން ޖެހޭނެ. އެއީ ބޭންކުގެ ކްރައިޓީރިއާއެއް،" އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ތައުފީގް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލޯނަށް ހުށަހަޅާ ވިޔަފާރި ޕްރޮޖެކްޓުގެ 15 ޕަސަންޓަށް ވާ އަދަދު، އަމިއްލައަށް އިންވެސްޓް ކުރަން ޖެހޭނެ އެވެ. އަދި އެ ޕްރޮޖެކްޓަށް މިހާތަނަށް އަމިއްލައަށް ފައިސާ ހަރަދުކޮށްފައިވާ ނަމަ އޭގެ އިންވޮއިސްތަކާއި ބިލްތައް ވެސް ހުށަހަޅަން ޖެހެ އެވެ.

ލޯނު ދައްކަން ޖެހެނީ ގިނަވެގެން އަށް އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ވެސް އޮވެ އެވެ.

ތައުފީގް ވިދާޅުވީ މިއީ އަންހެނުންގެ ކުރިއެރުމަށް ދޭ ފައިސާގެ އެހީތެރިކަމެއް ކަމަށާއި މި ސްކީމުން ގިނަ ބަޔަކަށް މަންފާ ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން މިހެން ރަށްރަށަށް ދާއިރު ވެސް، އަންހެނުން ބުނާނެ ކޭކު އަޅާ ކޯސް ހަދާފައޭ ހުރީ، ފަހާ ކޯސް ހަދާފައޭ ހުރީ، އެކަމަކު އެ މަސައްކަތް ފަށައިގަންނާނެ ފައިސާއެއް ނެތޭ. އެހެންވެ، އަންހެނުންނަށް އެ ވިޔަފާރި ފައްޓައިދިނުމަށް އަޅުގަނޑުމެން ދޭ ފައިނޭޝަލް އެހީތެރިކަމެއް މިއީ،" ތައުފީގް ވިދާޅުވި އެވެ.

ލޯނަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި މަހުގެ 25 އިން އަންނަ މަހު 1ގެ ނިޔަލަށެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފޯމާއި ބިޒްނަސް ޕްލޭން ފޯމެޓް، އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުންނަ ބިޒްނަސް ސެންޓަރުތަކުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.