Roadha Mihaaru
200،000ރ. ނެގޭގޮތަށް އަންހެނުންގެ ލޯނުބޮޑުކޮށްފި

ދެ ލައްކަ ރުފިޔާއަށް ބަދަލުކޮށް، އަންހެނުންގެ ލޯނު އަނެއްކާ ވެސް ހުޅުވާލައިފި

12 މާޗް 2018

އަމިއްލަ ވިޔަފާރިއެއް ފަށަން އަންހެނުންނަށް ދޫކުރަން ނިންމާފައިވާ ލޯނުގެ މިންވަރު 200،000ރ. އަށް އިތުރުކޮށް، ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، އިކޮނޮމިކް މިނިސްޓްރީން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަމިއްލަ ވިޔަފާރިއެއް ފަށަން އަންހެނުންނަށް ދޫކުރަން ނިންމާފައިވާ ލޯނުގެ މިންވަރު 200،000ރ. އަށް އިތުރުކޮށް، ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، އިކޮނޮމިކް މިނިސްޓްރީން އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އަންހެނުންނަށް ހާއްސަ ކޮށްގެން ސަރުކާރުން ފުރަތަމަ ފަހަރަށް ހުޅުވައިލި 20 މިލިއަން ރުފިޔާގެ މި ލޯނު ސްކީމުގެ ދަށުން އެންމެ ފުރަތަމަ ދޭން ނިންމީ 50،000ރ އާއި 100،000ރ އާ ދެމެދުގެ ލޯނެވެ. އަދި 50،000ރ އަށް ވުރެ ބޮޑު ލޯނެއް ނަގާ ނަމަ، އެ ލޯނުގެ އަދަދުގެ 130 ޕަސެންޓްގެ އަގު ހުރި ރަހުނެއް ބަހައްޓަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ކުރިން ނިންމާފައިވެ އެވެ.

އިންޓަރެސްޓްގެ ގޮތުގައި ނުވަ ޕަސެންޓް ނަގާ މި ލޯނަށް ކުރިމަތިލުމަށް މިދިޔަ ފެބުރުއަރީ މަހު ހުޅުވައިލި ފުރުސަތު ހަމަވި އިރު ރަނގަޅު ތަރުހީބެއް ލިބިފައެއް ނުވެ އެވެ. އެހެންވެ، ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާ ވެސް ވަނީ ހުޅުވާލައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯނު ޕްރޮގްރާމް ހުޅުވާލުމާ އެކު، އޭގައި ކަނޑައަޅާފައިވާ ޝަރުތުތަކާއި ލޯނު ދޭ މިންވަރާ ގުޅޭ ގޮތުން ގިނަ ބަޔަކު ޝަކުވާ ކުރި ކަމަށެވެ. އެހެންވެ، ދެ ވަނަ ފަހަރަށް ލޯނަށް ހުޅުވާލީ އެ ކަންތައްތަކަށް ލުޔެއް ގެނައުމަށް ފަހު ކަމަށް މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ތައުފީގު މިއަދު ވިދާޅުވީ ގޭގައި ތިބެ ވިޔަފާރިއެއް ފެށުމަށް ގިނަވެގެން 100،000ރ. އިން ފުދޭނެ ކަމަށް އެ މިނިސްޓްރީން ކުރި ލަފާކުރި ނަމަވެސް އެ އަދަދު ކުޑަކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރި ކަމަށެވެ. އަދި 50،000ރ. ގެ ލޯނެއް ނަގާ ނަމަވެސް، އެ އަދަދު 130 ޕަސެންޓް އަގުހުރި ރަހުނެއް ބަހައްޓަން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވެ މީހަކަށް ލޯނު ނެގޭ މިންވަރު 200،000ރ. އަށް އިތުރުކޮށް، ރަހުނު ބެހެއްޓުމުގައި ވެސް ކުރިއަށް ވުރެ ފަސޭހަ ގޮތެއް މިހާރު ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރާ މަސައްކަތަށް މިހާތަނަށް އަމިއްލަ އަށް ފައިސާ ހަރަދުކޮށްފައިވާ ނަމަ އޭގެ އިންވޮއިސްތަކާއި ބިލްތައް ވެސް ކުރިން ހުށަހަޅަން ޖެހޭ އިރު އެ އުސޫލު ވެސް މިހާރު ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިން 100،000ރ. ގެ ލޯނަށް އެދިފައިވާ މީހުންނަށް ވެސް އެ އަދަދު އިތުރުކުރަން ބޭނުން ނަމަ އެ ފުރުސަތު އޮތް ކަމަށެވެ.

ތައުފީގް ވިދާޅުވި ގޮތުގައި ލޯނަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވި އިރު އެކަމަށް ކުރިމަތިލީ 195 މީހުންނެވެ. އަދި އެ މީހުން އެދިފައިވާ ލޯނުގެ މިންވަރު ވަރަށް ކުޑަ ކަމަށާއި އެހެންވެ، ލޯނަށް އަލުން ހުޅުވާލީ މި ފުރުސަތު ވީހާ ވެސް ގިނަ ބަޔަކަށް ދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނަ މީހުން އެދިފައި ހުރީ 50،000ރ. ގެ ލޯނު. އެ އަދަދުން ބަލާކަމުގައި ވާނަމަ މި ސްކީމްގެ ދެ ބައިކުޅަ އެއްބައި ފައިސާ އަދިވެސް ބާކީ އެބަހުރި. މިއީ އޭޑީބީގެ އެހީގެ ދަށުން ކުރިއަށް ގެންދާ ސްކީމަކަށް ވުމުން އަޅުގަނޑުމެން ބޭނުންވޭ 20 މިލިޔަން ރުފިޔާ ހަމަވަންދެން ލޯނު ދޫކުރަން،" ތައުފީގް ވިދާޅުވި އެވެ.

އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ފެށި "އަންހެނުންގެ ލޯނު ޕްރޮގްރާމް"ގެ ދަށުން، އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ މީހުންނާއި މިހާރު ހިންގަމުން އަންނަ ވިޔަފާރި ކުރިއަރުވަން ބޭނުންވާ މީހުންނަށް ވެސް ކުރިމަތިލެވޭނެ އެވެ. އެކަމަކު މި ލޯނަށް އެދެވޭ ތަރުހީބެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މި ލޯނު ދައްކަން ޖެހެނީ ގިނަވެގެން އަށް އަހަރު ދުވަހުގެ ތެރޭގަ އެވެ. އަދި އެއް އަހަރުގެ ގްރޭސް ޕީރިއަޑަކަށް އެދުމުގެ ފުރުސަތު ވެސް އޮވެ އެވެ.