Roadha Mihaaru
"ތިޔަ އައީ ހާލު ބަލާކަށް ނޫން، ގޮތްދައްކަން"

ރައީސްގެ މަންދޫބަށް މައުމޫން: "ތިޔަ އައީ ހާލު ބަލާކަށް ނޫން، ގޮތްދައްކަން"

15 ފެބުރުއަރީ 2018

މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ޖަލަށް ވަޑައިގެންނެވުމުން، މައުމޫން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ޖަލަށް ވަޑައިގެންނެވުމުން، މައުމޫން ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

މައުމޫންގެ އެއް ވަކީލް ހުސެން ޝަމީމް ވިދާޅުވި ގޮތުގައި މުއިއްޒު އަށް މައުމޫން ދެންނެވީ ރައީސްގެ މަންދޫބުގެ ގޮތުން ޖަލަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ހާލުކޮޅު ބައްލަވަން ނޫން ކަމަށާއި އެއީ ރައީސް ޔާމީންގެ ގޮތްދެއްކެވުމުގެ އަމަލެއް ކަމަށެވެ.

މުއިއްޒާ އެކު މައުމޫން ދެއްކެވި ވާހަކަފުޅުތައް އެމަނިކުފާނު ވަނީ ވަކީލުންނާ ހިއްސާކުރައްވާފަ އެވެ.

ޝަމީމް ވިދާޅުވީ އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުމޫން ފުރަތަމަ ވެސް ވިދާޅުވީ "މުއިއްޒަށް ކުރު ދޮށިން ދެއްވާފައިވާ" ކަމަށެވެ. މައުމޫންގެ ހިތްޕުޅުގައި ހުރި އުދާސްތަކާއި ޝަކުވާތައް ބޭރުކޮށްލެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މުއިއްޒު ޖަލަށް ވަޑައިގެންނެވީ އެމަނިކުފާނުގެ ހާލުކޮޅު ބައްލަވަން ކަމަށް މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އޭގެ އެއް ސަބަބަކީ، ޝަމީމް ވިދާޅުވި ގޮތުގައި، މައުމޫން ހައްޔަރުކުރީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވުމެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ ވެސް އެމަނިކުފާނު ހައްޔަރުކުރަން ކަމަށާއި އެކަން ރައީސް ޔާމީން ކުރެއްވީ ވެސް ގާނޫނު އަސާސީއާ ހިލާފަށް ކަމަށް، މުއިއްޒު އަރިހު މައުމޫން ދެންނެވި ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު

"މުއިއްޒު ވިދާޅުވީ އޭނާ ވަޑައިގެންނެވީ ހާލު ބަލަން ކަމަށް. އެކަމަކު މައުމޫން ވިދާޅުވީ ހާލު ރަނގަޅު ނޫން ކަމަށް. އަދި ޖަލުގައި ހާލަތާއި ވަސީލަތްތައް ރަނގަޅު ނޫން ކަމަށް. އާއިލާ އާއި ވަކީލުންނާ ވާހަކަ ނުދެއްކެވޭ ކަމަށް. އެހެންވެ، އެ ވަޑައިގެންނެވީ ހާލު ބައްލަވަން ނޫން ކަމާއި ގޮތް ދައްކަވަން ކަމަށް ރައީސް މައުމޫން ވިދާޅުވި،" ޝަމީމް ތަފްސީލް ދެއްވި އެވެ.

"ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމުން ވަގުތުން އެމަނިކުފާނު ދޫކޮށްލުމަށް ވެސް އެ ބައްދަލުވުމުގައި މައުމޫން އެދިވަޑައިގެންނެވި."

އޭގެ އިތުރުން ރައީސް ޔާމީނަށް ވެރިކަމަށް ވަޑައިގެންނެވުނީ އެމަނިކުފާނުގެ ވެސް ބުރަ މަސައްކަތުން ކަމަށް މުއިއްޒު އަރިހު ދެންނެވި ކަމަށް ޝަމީމް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ނެތް ނަމަ ރިޔާސީ އިންތިހާބު ކާމިޔާބު ނުވީސް ކަމަށް ވިދާޅުވި ކަމަށް ވެސް ވެ އެވެ.

މައުމޫންގެ ބަސްފުޅުން ނަމަ، ޝަމީމް ވިދާޅުވީ، މުއިއްޒު އިންނެވީ އެއްވެސް ވާހަކައެއް ނުދައްކަވައި، އަޑު އައްސަވާށެވެ. އެކަމަކު މައުމޫންގެ އެ ވާހަކަފުޅުތައް ރައީސް ޔާމީނަށް ދަންނަވަން މިނިސްޓަރަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އޭނާގެ އަރިހު އެމަނިކުފާނު ވިދާޅުވި ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.

މައުމޫނާ މުއިއްޒު ބައްދަލުކުރެއްވީ ވަކީލުންގެ ޓީމުން އެމަނިކުފާނާ ބައްދަލުކުރަން ޖަލަށް ދިޔަ ފަހުންނެވެ. އެހެންވެ، "އެކްޓިވިޓީއެއް" ހިނގާ ކަމަށް ބުނެ، ވަކީލުންގެ ބައްދަލުވުން ފަސްކުރި ކަމަށް ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުގައި ތިއްބަވާ ބޭފުޅުންނާ ވަކީލެއް ނެތި ދައުލަތުގެ އިސް ބޭފުޅުން ބައްދަލުކުރެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެކެވެ. އެހެންކަމުން އެފަދަ ކަންކަން ނުކުރަން ޝަމީމް އެދިވަޑައިގެންނެވި އެވެ.

މުއިއްޒު ވަނީ މައުމޫންގެ އިތުރުން، ވެރިކަން ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިނިސްޓަރު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ބޭފުޅުންނާ ބައްދަލުކުރެއްވީ ތިން ބޭފުޅުންގެ ހާލުކޮޅު ބައްލަވާލައްވަން، ރައީސް ޔަމީންގެ މަންދޫބެއްގެ ހައިސިއްޔަތުންނެވެ. އެކަމަކު ބައްދަލުކުރެއްވުމުގެ އިތުރު ތަފުސީލެއް ނުދެއްވަ އެވެ.