25 ފެބުރުއަރީ 2018
އެން އުޅޭތޯ "ފިޝްފައިންޑަރުން" ބެލުމުގެ އިތުރުން އެކަން ޔަގީން ކުރުމަށް ދޯނީގެ ޑައިވަރުން މޫދަށް ފައިބަ އެވެ. އެން އުޅޭކަން ޔަގީންވުމުން، ބައެއް ދޯނިފަހަރުން ދާ ހިފައިގެން ފަސް ވަރަކަށް މީހުން ވައި ފުޅިއާ އެކު ޑައިވްކުރެ އެވެ.
އެން އުޅޭތޯ "ފިޝްފައިންޑަރުން" ބެލުމުގެ އިތުރުން އެކަން ޔަގީން ކުރުމަށް ދޯނީގެ ޑައިވަރުން މޫދަށް ފައިބަ އެވެ. އެން އުޅޭކަން ޔަގީންވުމުން، ބައެއް ދޯނިފަހަރުން ދާ ހިފައިގެން ފަސް ވަރަކަށް މީހުން ވައި ފުޅިއާ އެކު ޑައިވްކުރެ އެވެ.
ދާ ހިފައިގެން އަޑިއަށް ޑައިވް ކުރާ މީހުން ދޯންޏާ ފެޔަށް ދާ ޖައްސައި ފަތުރާލަ އެވެ. ދެން އެ މީހުންގެ މަސައްކަތަކަށް ވަނީ ގާގަލުގައި އުޅޭ އެންތައް ދަލުގެ ތެރެއަށް ވެއްދުމެވެ. ދަލަށް އެން އެރުވުމަށް ފަހު ދާ މައްޗަށް ނަގަން އިޝާރާތްކުރެ އެވެ. މަތީގައި ތިބޭ މީހުން ދާ ދަމަމުން ދާއިރު ގަލުގައި ދާ އެޅިފައިވޭތޯ ބަލައި އެތަންތަން ނެއްޓުމަކީ ޑައިވަރުންގެ ޒިންމާއެކެވެ. އެ މަސައްކަތުގައި އެމީހުން އެތައް ވަގުތެއް އަޑީގައި ހޭދަކުރެ އެވެ. އަދި އޮއިވަރު ގަދަ ނަމަ އުނދަގޫތަކާ ކުރިމަތިވެ އެވެ. އެޑައިވަރުން މައްޗަށް އަރާނީ އެންތަކާ އެކު އެވެ.
އެކަމަކު އެހާ ގިނަ އިރު އަދި އަޑީގައި އުޅެފައި ކުއްލިއަކަށް މައްޗަށް އެރުމުން ދެން ދިމާވަނީ މުޅިން އެހެން ނުރައްކަލެކެވެ. އެއް ބަޔަކު މަރުވެ އެވެ. އަނެއް ބަޔަކަށް ދާއިމީ ނުކުޅެދުންތެރިކަމަކާ ކުރިމަތިވެ އެވެ.
ދިވެހި މަސްވެރިން މަސް ބާނައިގެން ދަތުރުކުރަނީ: އެން ނަގަން ފީނުމަކީ މިހާރު އާންމު ކަމެއް
ޑައިވިން ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) އަކީ މިހާރު ރާއްޖޭގައި އާންމު ކަމަކަށް ވެއްޖެ އެވެ. އިއްޔެ ވެސް އެ މައްސަލަ ދިމާވެގެން ތިނަދޫން ވަނީ ބަލިމީހަކު މާލެ ގެނެސްފަ އެވެ. ސިފައިންގެ ހެލިކޮޕްޓަރުގައި ގެނައި އެ މީހާ މިހާރު އޮތީ އައިޖީއެމްއެޗުގަ އެވެ.
ގއ. އާއި ގދ. އަތޮޅުގައި އެފަދަ ހާދިސާތައް ހިންގުން އިތުރެވެ. މި ފަހުން ވަނީ މީހަކު މަރުވެފަ އެވެ. އެމަށް ފީނުމުގެ އިތުރުން ހުއިފިލަނޑާ ނަގާ މީހުންނާއި މަސް ހިފަން ޑައިވް ކުރާ މީހުންނަށް ވެސް އެމައްސަލަ ކުރިމަތިވެ އެވެ.
ޑީކޯގެ އެކި ސްޓޭޖްތައް ހުރެ އެވެ. ބައެއް ފަހަރު ގައިގެ ވަކި ހިސާބެއް ރަތްވެ އެވެ. އަނެއް ބައި ފަހަރު ބައެއް ގުނަވަންތަކުން ވާގިދަނީ އެވެ. އަތް ނުވަތަ ފައި، އަދި ބައެއް ފަހަރު އުނަގަނޑުން ތިރި ނުވަތަ މުޅި މީހާ ވެސް ވާވެ އެވެ.
އެމްއެންޑީއެފް އިން ބުނީ ޑައިވިންއާ ގުޅުން ހުރި ފުރިހަމަ ތަމްރީން ނެތި ޑައިވްކޮށްގެން ދިމާވާ ''ޑީކޯ''ގެ ހާދިސާތައް މިހާރު އިތުރު ކަމަށެވެ.
ވައި ފުޅިއާ އެކު ފުނަށް ފީނާ ނިމުމުން މައްޗަށް އަރަންވާނީ ވަކި ގޮތަކަށެވެ. އެކި ފުން މިނުގައި ވަކި ވަގުތަކަށް މަޑުކޮށްގެން އޮންނަ ޖެހެ އެވެ. އެގޮތަށް އޮންނަންވާ ގޮތުގެ ތަފްސީލް އެނގޭ އާލާތްތައް ހުރެ އެވެ. އެއީ ޑައިވަރުން ބޭނުންކުރަން ޖެހޭ އެއްޗެކެވެ. ޑީކޯ ވަނީ އެއަށް ނުބަލައި މައްޗަށް އެރުމުން ހަށިގަނޑުގެ ތެރޭގައި އުފެދޭ ބޮކިތަކުން ލޭހޮޅިތައް ބެދިގެންނެވެ.
ފީނާއިރު ދިމާވާ ޑީކޯގެ ހާލަތުގައި އުފެދޭ ބޮކިތައް ދައްކައިދޭ ކުރެހުމެއް
"ޑައިވް ކޮމްޕިއުޓަރަށް ނުބަލައި މައްޗަށް އެރީމަ މިވާ ގޮތަކީ އެ ބަބުލްތައް ލޭ ހޮޅިއެއްގައި ހަރުލަނީ. އޭގެ ސަބަބުން ލޭ ދައުރުވުން ހުއްޓި ވާގިދަނީ. ބައެއް ފަހަރު ސުޕައިނަލް ކޯޑްގައި ހަރުލައި މީހާ ޕެރަލައިޒް ވަނީ،" ޑައިވް ކުރުމުގައި 17 އަހަރު ހޭދަކޮށްފައިވާ ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ މުހައްމަދު ދުނައިމް ބުންޏެވެ.
ގދ. އަތޮޅުގެ ޒުވާން މަސްވެރިއަކު ބުނީ އެން ހިފުމުގެ ފޯރީގައި އަޑީގައި އޮވެ މައްޗަށް އަރާއިރު އެ ހުރިހާ ކަމަކަށް މަސްވެރިން ނުބަލަ އެވެ. ކޮންމެ ޑައިވަރެއްގެ އަތުގައި ޑައިވް ކޮމްޕިއުޓާ ގަޑި އޮންނަން ޖެހޭއިރު އެއަށް އަމަލެއް ނުކުރެ އެވެ.
"ފަސް މީހުން ޑައިވްއަށް ދާއިރު އެންމެ މީހެއްގެ އަތުގައި ކޮމްޕިއުތަރު އޮންނާނީ ގިނަ ފަހަރަށް. އޭނާ ކޮމްޕިއުޓަރުން ދައްކާނީ އޭނާ އަމަލުކުރަން ޖެހޭ ގޮތް ދެއްތޯ،" އެ މަސްވެރިޔާ ބުންޏެވެ.
"ދެން އެކި މީހުން މޫދުގައި އުޅޭނީ ވެސް އެކި ވަރަށްތާ. އެހެންވީމަ މައްޗަށް އަރާއިރު އެކެއްގެ ކޮމްޕިއުޓާ ބެލިޔަސް ދިމައެއް ނުވާނު އެހެން މީހުން ކަންކުރަން ޖެހޭ ގޮތަކާ. އެހެންވެ ލަނޑު އަޅަނީ."
ޑައިވިން މެޑިސިންގެ މައުލޫމާތު ހުރި ޑޮކްޓަރެއް ކަމަށްވާ އުސާމާ އުމަރު ވިދާޅުވީ ޑައިވަރުން ޑީކޯވުން އާންމުވަނީ ގަވައިދުތަކަށް އަމަލު ނުކުރާތީ ކަމަށެވެ. ޑައިވް ނިންމާލުމަށް ފަހު މައްޗަށް އަރާއިރު ބަލަން ޖެހޭ ކަންކަމުގެ މަތިން ފަރުވާކުޑަކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑީކޯވާ އެހެން ސަބަބުތަކަށް ބަލާއިރު މާ ފުނަށް ޑައިވް ކުރުން ހިމެނެ އެވެ. އާންމު ޑައިވް ކުރުމަށް ރާއްޖޭގައި ހުއްދަދީފައިވާ އެންމެ ފުންމިނަކީ 30 މީޓަރެވެ. ނަމަވެސް ގދ. އާއި ގއ. އަތޮޅުގެ މަސްވެރިން އާންމު ގޮތެއްގައި 40 މީޓަރާއި 50 މީޓަރު ފުނަށް ވެސް ޑައިވްކުރެ އެވެ. އެފަދަ ގިނަ ފީނުންތައް ފީނަނީ ވެސް ރޭގަނޑެވެ.
ދެން އޮތީ ވަކި މިންވަރެއް ނެތި ޑައިވް ކުރުމެވެ. ދުނައިމް ބުނި ގޮތުގައި ދުވާލަކު އެންމެ ގިނަވެގެން ވެސް ކުރަންވާނީ ދެ ޑައިވް އެވެ. އާންމު ގޮތެއްގައި ޑައިވެއްގެ ދިގުމިން ވާންވާނީ އެއް ގަޑިއިރަށެވެ. ނަމަވެސް ދުވާލަކު ތިން ހަތަރު ޑައިވް ކުރާ ޑައިވަރުން ވެސް ރާއްޖޭގައި އުޅެ އެވެ. ޑައިވްއަކަށް ކަނޑައަޅާފައިވާ ވަގުތަށް ވުރެ ގިނައިރު އުޅުމަކީ ވެސް މައްސަލަ ދިމާވާ ސަބަބެއް ކަމަށް ދުނައިމް ފާހަގަކުރި އެވެ. ދެ ޑައިވް ދޭތެރޭ އަރާމު ނުކުރުމަކީ ވެސް ޑީކޯވާ ސަބަބެކެވެ.
ޑައިވިން އިންސްޓްރަކްޓަރު ދުނައިމް ތަމްރީނުތަކެއްގައި
"ކޮންމެ ދެ ޑައިވްއެއްގެ ދޭތެރޭގައި ދެ ގަޑިއިރެއްހާއިރު ރެސްޓް ކުރަން ޖެހޭ. އެއީ މީހާ ބޮޑީ ހަމަޔަކަށް އަޅުވަން ވަގުތު ދޭން. އެކަމަކު ބައެއް މަސްވެރިން އެގަވައިދަށް ވެސް އަމަލެއްނުކުރޭ. ހަގީގަތުގައި މަސްވެރިންނަށް ނޭނގޭ މިއީ ކިހާވަރެއްގެ ކަމެއްކަން،" ގދ. އަތޮޅަށް ޑައިވްކޮށްގެން ވެސް ތަޖުރިބާ ހޯދާފައިވާ ދުނައިމް ބުންޏެވެ.
އެއް ގަޑިއިރުގެ ޑައިވިންއަކަށް އަޑިއަށް ދިއުމަށް ފަހު އެތެރޭގެ އޮއިވަރު ބާރުވުމުގެ ސަބަބުން ހަށިގަނޑަށް ބުރަބޮޑުވެ އަވަހަށް ނޭވާލާ ހެދުމުން އަވަހަށް ވައިފުޅި ހުސްވެ އެވެ. ބައެއް ޑިވަރުން އެކަމަކަށް ނުވިސްނަ އެވެ. އޭނާ ބަލަނީ ގަޑިއިރެއް ވަންދެން ފީނާށެވެ. އެފަދަ ވަގުތުތަކުގައި ވައިފުޅި ހުސްވެ މައްޗަށް އަރަން އެކަށޭނަ ވަގުތު ނުލިބި މަރާ ކުރިމަތިލާން ޖެހޭ ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައި އެބަ ހުއްޓެވެ.
ޑައިވް ކުރުމަށް ބޭނުންކުރާ އާލާތްތައް ސާވިސް ނުކުރުމަކީ ވެސް މައްސަލަތައް ދިމާވާ ސަބަބެކެވެ. ބައެއް މަސްވެރިން ބުނި ގޮތުގައި ވައިފުޅީގެ "އެއާ ފިލްޓާ" ގަވައިދުން ބަދަލުކުރަނީ މަދު ބައެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއް ފިލްޓަރެއް ބޭނުން ކުރުމުގެ ސަބަބުން އޭގެ ތެރޭގައި ކާބޮން މޮނޮކްސައިޑް ފަދަ އިތުރު ގޭސްތައް އެކުލެވި މީހާގެ ހަށިގަނޑަށް ވަދެ އެވެ.
ހަމަ އެގޮތަށް ވައިފުޅި ސާވިސް ނުކުރާކަން ވެސް ފާހަގަކުރެވެ އެވެ. ގަވައިދު ބުނާ ގޮތުން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ފުޅީގެ ހާލަތު ބެލުމަށް ހައިޑޮރޯ ސުޓެޓިކް (ފުޅިއަށް ޕްރެޝާ ދީގެން އޭގެ ބާރު ބެލުން) ޖެހެ އެވެ. އެގޮތަށް ސާވިސް ނުކޮށް ފުޅި ގެންގުޅޭތީ ވައިއަޅާ ވަގުތާއި ޑައިވް ކުރާ ވަގުތުތަކުގައި ވެސް ފުޅީގެ ވޭލް އުފުރި ހިތާމަވެރި ހާދިސާތައް ހިނގަ އެވެ. ވައިފުޅިއެއް ގޮވުމަކީ ނުރައްކަލެކެވެ.
ދެން އޮތީ އަވަސް ފަރުވާގެ ވާހަކަ އެވެ. ދުނައިމް ވިދާޅުވި ގޮތުގައި ޑީކޯވާ މަސްވެރިންނަށް ވަގުތުން އޮކްސިޖަންގެ ފަރުވާ ދޭން ޖެހޭއިރު މަސް ދޯނިފަހަރުގައި އެމަޖެންސީ އޮކްސިޖަންއެއް ނުހުރެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދިނުމަށް ޗެމްބަރާ ހަމައަށް ގެންދެވެންދެން އޮކްސިޖަން ދޭން ޖެހެ އެވެ. ޑީކޯވާ މީހުންނަށް ފަރުވާ ދެނީ ޗެމްބަރަކަށް ލައިގެންނެވެ. އެފަދަ ބައެއް ޗެމްބާތައް ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ވަނީ ގާއިމްކޮށްފަ އެވެ. ޑީކޯވެފައިވާ މީހާ ޗެމްބަރަށް ލުމަށް ފަހު މޫދު އަޑީގެ ޕްރެޝަރަށް އޭގެ ތެރެބަދަލުކޮށްލަ އެވެ. ހަށިގަނޑު ތެރޭގައި ބޮޑުވެ ހޮޅިތައް ބައްދާފައިވާ ބޮކިތައް، އޭގެ ސަބަބުން، ކުޑަވެ ބޭރުކޮށްލަ އެވެ.
ނުރައްކާތެރި ހާދިސާތައް ގިނަ ނަމަވެސް ބައެއް މަސްވެރިންނާއި ޑައިވްކުރާ އާންމުން އެކަންކަމަށް އަހުލުވެރިއެއް ނުވެ އެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ.
އެންދަމަން ފީނާ މަސްވެރިންނަށް ޑައިވިން ޕްރޮގްރާމެއް
ގެއްލުނު މީހާ ހޯދަނިކޮށް 68 މީޓަރު އަޑިން ބެލްޓެއް
ގެއްލުނު މީހާ ނުފެނޭ، އިތުރު މީހަކަށް ފަރުވާ ދެނީ
ބިރުވެރި ރެއެއް؛ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާ!
މަސް ދޯންޏެއް ކޮންޓްރޯލުން ނެއްޓި ކޫއްޑޫ ތޮށިމައްޗަށް
މަހަށް ނުކުމެ އުޅުނު ދޯންޏެއް ބިންދައިގެން ހިނގައްޖެ
މިޔަރުތައް މި އުޅެނީ ކިހިނެއް ވެގެން؟
މަސްވެރިއެއްގެ ލޮލަށް އަނެއްކާ ވެސް ބުޅިއެއް ހެރިއްޖެ
އެންދަމަން ފޭބި މީހަކު މަރުވެއްޖެ
ދޯންޏެއްގެ ބުރަފަތީގައި ޖެހި މީހަކު ޒަހަމްވެއްޖެ