Roadha Mihaaru
ތިން ވަނަ ޑިވިޝަނުގެ ވިގަން އިން ސިޓީ ކަޓުވާލައިފި

ތިން ވަނަ ޑިވިޝަނުގެ ވިގަން އިން ސިޓީ ކަޓުވާލައިފި

20 ފެބުރުއަރީ 2018

މެންޗެސްޓާ (ފެބްރުއަރީ 20) - އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ވިގަން އެތުލެޓިކުން މިވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް އެ ޓީމު އެފްއޭ ކަޕުން ކަޓުވާލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ފެބްރުއަރީ 20) - އިނގިރޭސި ތިން ވަނަ ޑިވިޝަނުގެ ވިގަން އެތުލެޓިކުން މިވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށްވާ މެންޗެސްޓާ ސިޓީ 1-0 އިން ބަލިކޮށް އެ ޓީމު އެފްއޭ ކަޕުން ކަޓުވާލައިފި އެވެ.

މިއީ ފަސް އަހަރު ތެރޭ އެފްއޭ ކަޕްގައި ވިގަން އަތުން ސިޓީ ބަލިވި ތިން ވަނަ ފަހަރެވެ. އެގޮތުން 2013 ވަނަ އަހަރުގެ ފައިނަލުގައި ވިގަން ވަނީ 1-0 އިން ސިޓީ ބަލިކޮށްފަ އެވެ. އަދި އޭގެ ޖެހިގެން އައި އަހަރު މުބާރާތުގެ ހަ ވަަނަ ބުރުން ސިޓީ ކެޓީ ވެސް ވިގަން އަތުންނެވެ. އަދި ރޭގެ މެޗަކީ ސިޓީން ވިގަންގެ އަތްދަށުވި ތިން ވަނަ ފަހަރެވެ.

ރޭގެ މެޗުގައި ސިޓީ އަށް ދިމާވި އެންމެ ބޮޑު ހުރަހަކީ މެޗުގެ ފުރަތަމަ ހާފުގެ ފަހު ކޮޅު އެ ޓީމުގެ ފަބިއަން ޑެލްފަށް ރަތް ކާޑު ދެއްކުމުންނެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުން ޑެލްފަށް ދެއްކި ރަތް ކާޑާ މެދު ހިތްހަމަ ނުޖެެހިފައި ހުރެ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ވިގަންގެ ކޯޗު ޕައުލް ކުކްއާ ދެމެދު ޓަނަލް ތެރޭގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނެވެ.

ސިޓީން 29 ޝޮޓް ޖަހައި 83 އިންސައްތަ ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަަމައެކަނި ލަނޑު މެޗު ނިމެން 11 މިނިޓަށް ވެފައި ހުއްޓައި ވިގަން އަށް ކާމިޔާބު ކޮށްދިނީ ވިލް ގްރިގް އެވެ.

މެޗު ނިމުމާ އެކު ވިގަންގެ ސަޕޯޓަރުން އުފާފާޅުކުރުމަށް ދަނޑަށް އެރި ވަގުތު އެ ޓީމުގެ ސަޕޯޓަރަކާ ސިޓީގެ ސާޖިއޯ އަގުއޭރޯއާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް މީޑިއާތަކުން ރިޕޯޓްކުރެ އެވެ. އަދި ވިގަން ސަޕޯޓަރުން ވަނީ ދަނޑުގެ ސެކިއުރިޓީންނާ ދިމާލަށް އިޝްތިހާރު ބޯޑެއް ވެސް އެއްލައިފަ އެވެ. އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި މެޗުގެ ރެފްރީ އެންތަނީ ޓޭލާގެ ރިޕޯޓާއި ވީޑިއޯތަކަށް ބަލައި ތަހުގީގުތަކެއް އިނގިރޭސި އެފްއޭ އިން ހިންގާނެ ކަމަށް ބެލެވެ އެވެ.

މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ ވިގަން އަށް މަރުހަބާ ކިޔާ ކަމަށެވެ.

"ވިގަން އަށް މަރުހަބާ ކިޔަން. އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. އަހަރެމެންނަށް ހެދުނީ އެންމެ ގޯހެއް މި ކަހަލަ މެޗަކީ ފައިނަލެއްކަން އެނގެން ޖެހޭ. ދެން އަހަރެމެން ޖެހޭ ބަލި ގަބޫލުކުރަން. އެއްވެސް ހަމަނުޖެހުމެއް ބޭނުމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

ސިޓީ މި ސީޒަނުގައި މިހާތަނަށް ބަލިވެފައިވަނީ ވިގަންގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުންނާއި ޗެމްޕިއަންސް ލީގުގައި ޝަހުތަރު ޑޮނެސްކް އަތުންނެވެ. މިއީ 2005 ވަނަ އަހަރަށް ފަހު އިނގިރޭސި ތިން ވަނަ ޑިވިޝަން ޓީމެއް އަތުން އެފްއޭ ކަޕްގައި ސިޓީ ކެޓި ފުރަތަމަ ފަހަރެވެ.

ވިގަން ކޯޗު ކުކް ބުނީ މި މޮޅާ އެކު ވިގަންގެ ހިތްވަރު އާވެގެންދާނެ ކަމަށެވެ.