Roadha Mihaaru
އީޔޫގެ އެހީތެރިކަމަށް ސަރުކާރުން އެދިއްޖެ

ދުސްތޫރީ ހަމަނުޖެހުން ނިމުމަކަށް ގެންނަން އީޔޫގެ އެހީތެރިކަމަށް ސަރުކާރުން އެދިއްޖެ

27 ފެބުރުއަރީ 2018

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ދުސްތޫރީ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގެ މަސައްކަތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެހީތެރިކަން ދިނުމަށް ދިވެހި ސަރުކާރުން މިއަދު އެދިއްޖެ އެވެ.

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ދުސްތޫރީ ހަމަނުޖެހުން ނިމުމަކަށް ގެނައުމުގެ މަސައްކަތަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އެހީތެރިކަން ދިނުމަށް ދިވެހި ސަރުކާރުން މިއަދު އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި، އީޔޫގެ އެހީތެރިކަމަށް ސަރުކާރުން އެދުނުއިރު، ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ސިޔާސީ ބޭފުޅުން މިނިވަންކޮށް ޑިމޮކްރަސީގެ ހަމަތަކަށް ރުޖޫއަ ނުވާ ނަމަ ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އީޔޫގެ ކައުންސިލުން މިއަދު ވަނީ ދީފަ އެވެ.

ޔޫރަޕިއަން ކައުންސިލްގެ ފޮރިން އެފެއާޒް ކައުންސިލުން ފާސްކުރި ގަރާރުގައި، ރާއްޖޭގައި އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހުރިހާ ހައްގުތަކެއް ދިނުމަށް ގޮވާލާފައިވެ އެވެ. ސިޔާސީ ބޭފުޅުން ހައްޔަރު ކުރަމުން ދާތީ އެކަން ކުށްވެރި ކުރަމުން، އެ ހުރިހާ ބޭފުޅުން ވަގުތުން މިނިވަން ކުރުމަށް ވެސް ވަނީ ގޮވާލައިފަ އެވެ.

ނަމަވެސް އެ ގަރާރާ ގުޅިގެން ދިވެހި ސަރުކާރުގެ ފަރާތުން ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނީ "މި އުނދަގޫ ދަނޑިވަޅުގައި ޔޫރަޕިއަން ޔޫނިއަން ދިވެހި ސަރުކާރާއެކު އޮތުމުން" އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖެއާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމުގެ އިންޒާރު އީޔޫގެ ކައުންސިލުން ދިން ނަމަވެސް، ދިވެހި ސަރުކާރުގެ އަމަލު އަދިވެސް ސީރިއަސް ނޫން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.

ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން ވެސް ވިދާޅުވީ، އީޔޫގެ ގޮވާލުންތަކަށް ތާއީދު ކުރައްވާ ކަމަށާއި އެ ޖަމާއަތުން ރާއްޖެއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ފުރިހަމަ އަށް އެބައޮތް ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ އީޔޫގެ ގައުމުތަކާއެކު މަސައްކަތް ކުރުމުގައި ދިވެހި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ދިވެހި ދައުލަތް ހިންގުމާއި ޑިމޮކްރެޓިކް ނިޒާމު ވަރުގަދަ ކުރުމަށް އީޔޫ އިން ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުން ވެސް ދިވެހި ސަރުކާރުން ފާހަގަކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެ އެވެ.

ރައީސް އޮފީހުން ބުނީ، މިހާރު ކުރިމަތިވެފައިވާ ކަންކަން ހައްލު ކުރަން ސަރުކާރުން މަސައްކަތް ކުރާއިރު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފެށުމަށް ވެސް ވަނީ ދައުވަތު ދީފައި ކަމަަށެވެ.

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ރައީސް އަބްދުﷲ ޔާމީން 15 ދުވަހަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ރައްޔިތުންގެ މަޖިލީހުން ދެންމި މައްސަލާގައި ސަރުކާރުން ބުނިގޮތުގައި، އެ ފިޔަވަޅު އެޅީ މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ހާލަތަކަށް ގައުމު ދިއުމުންނެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގައި ވާ އެއްބައިގައި އަންގާފައި ވަނީ ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކޮށްލުމަށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، އެ އަމުރުގެ އެ ބައި ވަނީ ބާކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފަ އެވެ.

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ގައިދީން: އެ ބޭފުޅުން ދޫކުރުމުގެ ބައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފައި.

މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުރި ނުވަ ގައިދީން: އެ ބޭފުޅުން ދޫކުރުމުގެ ބައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ފަހުން ވަނީ ބާތިލް ކޮށްފައި.

އެހެންވެ، ރައީސް އޮފީހުން ބުނީ މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ ނުވަ ގައިދީން ދޫކުރުމުގެ ބައި ގާނޫނީ ގޮތުން ތަންފީޒު ކުރެވޭނެ ހަމައެއް މިހާރު ނެތް ކަމަށެވެ.

"މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކަކީ ގާނޫނު ނަގަހައްޓައި، ގައުމީ ސަލާމަތާއި ގައުމުގެ ހަމަޖެހުމާއި، ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ގޮތުން އަޅުއްވާފައިވާ ފިޔަވަޅުތަކެކެވެ. ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ ހާލަތު ނެތި ދިޔަހާ އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު އުވާލާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

"ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ތަކުރާރުކޮށް ސަރުކާރުން ދެއްވާފައި ވެ އެވެ."

ރައީސް އޮފީހުން ބުނީ މި މަހުގެ 1 ގައި ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު އަމުރުގެ ސަބަބުން ދައުލަތް ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ގާނޫނުއަސާސީން ބާރު ލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްލަހަތުތަކެއް ގެއްލޭ ހިސާބަށް ހިނގައިދާނެ ކަމަށެވެ. އެހެންވެ، ސުޕްރީމް ކޯޓުގެ އެ އަމުރާ އެއްގޮތަށް ދައުލަތް ހިންގަން ފަށައިފި ނަމަ، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

"ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކޮށްފައި ވަނީ، ކާފިއު އަކާ ނުލައި، އާންމު ދިރިއުޅުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށެވެ. އަދި ވިޔަފާރިތަކާއި ޚިދުމަތް ދޭ ފަރާތްތަކަށް ވެސް މިކަމުގެ އަސަރު ނުކުރާނެ ފަދަ ގޮތަށެވެ،" ރައީސް އޮފީހުން ބުންޏެވެ.