Roadha Mihaaru
ލަފާ ދެންދެން ކުއްލި ހާލަތަށް އަމަލުކުރަން އަންގައިފި

ލަފައެއް ދެވެންދެން ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލުކުރަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

21 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ލަފައެއް ދެވެންދެން، މަޖިލީހުގެ އެ ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މުއްދަތު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުމާ މެދު ސުޕްރީމް ކޯޓުން ލަފައެއް ދެވެންދެން، މަޖިލީހުގެ އެ ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށް ސުޕްރީމް ކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފި އެވެ.

ސުޕްރީމް ކޯޓުން އެގޮތަށް އަމުރު ނެރުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ޖަލްސާގެ ގާނޫނީ އަދަދާ މެދު އެ ކޯޓުގެ ލަފައަކަށް އެދި މަޖިލީހުން ހުށަހެޅި ހުށަހެޅުމާ ގުޅިގެންނެވެ.

ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ތަޅުމުގައި 43 މެމްބަރުން ތިބެގެން ކަމަށް ގާނޫނުއަސާސީގައި އޮތަސް، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރީ 38 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލާގައި ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުނީ ބައެއް މެމްބަރުން އެކަމާ މެދު ސުވާލު އުފައްދަމުންދާތީ އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން އެކަމުގައި އެ ކޯޓުން މަޖިލީހަށް ލަފައެއް ދެންދެން، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށެވެ. އެގޮތަށް އަމުރުކުރީ ގާނޫނުއަސާސީ އާއި ވަގުތީ އަމުރު ނެރުމުގައި ބަލަންޖެހޭ ކަންކަމާއި މައްސަލައިގެ ބާވަތަށް ބެލުމަށް ފަހު ކަމަށް އަމުރުގައި ވެ އެވެ.

މަޖިލީހުގެ ދެ ބައިކުޅަ އެއް ބައި ކަމަށްވާ 43 މެމްބަރުން ހާޒިރުވެ ނެތީސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ވޯޓަށް އަހައި، އެ ގަރާރު ފާސްކުރި ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފަށް ކުރި ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނާއި ބައެއް ވަކީލުން ވަނީ ބުނެފަ އެވެ.

އެކަމަކު މަޖިލީހުން އެގޮތަށް ވޯޓަށް އެހީ ގާނޫނުއަސާސީގައި ބުނާ ފަދައިން، ރައްޔިތުން އަމަލުކުރުން ލާޒިމްވާ ކަންކަން ބަޔާންކުރާ މަޖިލީހުގެ ގަވާއިދުގެ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ވާހަކަ ނެތުމުން ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އިއްޔެގެ ޖަލްސާގައި ވިދާޅުވި އެވެ. އެހެންވެ އެ ގަރާރަށް ވޯޓަށް އެހީ އާންމު ޖަލްސާއެކޭ އެއްފަދައިންނެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން އިއްޔެ ފާސްކުރީ އެ ގަރާރުން ހިފަހައްޓާފައިވާ މަޖިލީހާއި ސުޕްރީމް ކޯޓުގެ ބާރުތައް އަނބުރާ ދިނުމަށް ފަހު އެވެ. އެގޮތުން ރައީސާއި ނައިބު ރައީސް ވަކި ކުރުމަށް މަޖިލީހަށް އޮންނަ ބާރާއި ވަޒީރުން ވަކިކުރަން އޮންނަ ބާރުގެ އިތުރުން ޕްރޮސެކިއުޓަ ޖެނެރަލް ވަކިކުރަން މަޖިލީހަށް ލިބިދޭ ބާރާއި ރައީސް ވަކި ކުރުމުގައި އުފެދޭ ޚިލާފުތަކާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް ބާރު ލިބިދޭ މާއްދާ ވަނީ އެ ގަރާރުން އުނިކޮށްފަ އެވެ.