Roadha Mihaaru
ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކޮށްފި

މަޖިލީހާއި ކޯޓުތަކުގެ ބާރުތައް ދީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކޮށްފި

20 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިއާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓާ އެކު މިރޭ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފަހައްޓާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި ކޯޓުތަކުގެ ބާރުތައް އިއާދަ ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓާ އެކު މިރޭ ފާސްކޮށްފި އެވެ.

މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ހާއްސަ ޖަލްސާއެއްގެ ގޮތުގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ރައީސް ޔާމީން ނެރުއްވި ގަރާރު ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން މި ޖަލްސާ ބޮއިކޮޓް ކުރައްވައި މި ޖަލްސާގައި ބައިވެރިވެވަޑައިއެއް ނުގަންނަވަ އެވެ.

ކޮމިޓީ މަރުހަލާގައި ގައުމީ ސަލާމަތުގެ ކޮމިޓީން މި ގަރާރު ފާސްކުރީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ. އެއީ ގަރާރުގައި ސުޕްރީމް ކޯޓާއި މަޖިލީހުގެ ބާރުތައް ހިފަހައްޓާފައިވާ ބައިތައް އުނިކުރުމަށާއި އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ހުށަހެޅި އިސްލާހާއެކުގަ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަަތު މަޖިލީހުން ފާސްކުރާ ޖަލްސާގައި، މަޖިލީހުގެ ދެ ބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ ތިބެންޖެހޭނެ ކަމާ މެދު ސުވާލު އުފެދިފައިވާތީ، ސުޕްރީމް ކޯޓުގެ ލަފައެއް ހޯދުމަށް ކޮމިޓީން ފާސްކުރި ގަރާރު ވެސް މަޖިލީހުން މިއަދު ފާސްކުރި އެވެ.

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ. - ފޮޓޯ: މަޖިލިސް

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރި އިރު ވަނީ، މަޖިލީހަށް މީހުން ހާޒިރުކުރުން ފިޔަވައި، ކުއްލި ނުރައްކަލުގެ ހާލަތުގައި ހިފެހެއްޓި ހުރިހާ ބާރުތަކެއް އިއާދަކޮށްދީފަ އެވެ. ކުރިން ހިފަހައްޓާފައި އޮތީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާ އާއި 101 ވަނަ މާއްދާ އާއި 113 ވަނަ މާއްދާ އާއި 228 ވަނަ މާއްދާ އެވެ.

އެ މާއްދާތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު މަގާމުން ވަކިކުރުމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވަކިކުރުމާއި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ހުންނަ ޝަރުތުތަކާ މެދު ހިލާފެއް އުފެދިއްޖެނަމަ، އެފަދަ ކަމަކާ މެދު ގޮތެއް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓަށް ކަމަށް ބުނާ މާއްދާ އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މަގާމުން ވަކިކުރުމާ ގުޅޭ މާއްދާ އެވެ.

ވޯޓަށް އެހުމުގެ ކުރިން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނުހިމެނޭ ކަމަށެވެ. މި ހާލަތުގައި ގާނޫނުއަސަސީގެ 86 ވަނަ މާއްދާގައި ބަޔާން ކުރާ ގާނޫނީ އަދަދަކީ، 25 ޕަސެންޓް ކަމަށް ވެސް މަސީހު ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 38 ވަނަ މާއްދާގައި ބުނެފައިވަނީ ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް މަޖިލީހުން ފާސްކުރުމަށް ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެ ތިބޭނަމަ ކަމަށް ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެއީ 43 މެމްބަރުންނެވެ.

މަޖިލީހުގެ އެ ގަވައިދުގެ ދަށުން ހަ ކަމެއް ވަނީ ފާހަގަކޮށްފަ އެވެ.

މަޖިލީހުގެ ގަވައިދުގެ 38 ވަނަ މާއްދާގައި ބުނާ ކަންކަން:

- ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުން ލާޒިމް ކުރާ ގާނޫނެއް ފާސްކުރުމަށް

- ރައްޔިތުން ވަކި ގޮތަކަށް އަމަލުކުރުމަށް ނުވަތަ ނުކުރުމަށް ބާރު އަޅާ ގާނޫނެއް ފާސްކުރުމަށް

- ރައްޔިތުންގެ އަތުން ފައިސާއެއް ހަރަދު ކުރަން ޖެހޭ ކަމެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް

- ރައްޔިތުންގެ އަތުން ޓެކުހެއް ނެގޭ ގާނޫނެއް ފާސްކުރުމަށް

- ވަކިކަމެއް ކުރުމުން ނުވަތަ ނުކުރުމުން ރައްޔިތުން ކުށްވެރިވުން ހިމެނޭ ގާނޫނެއް ފާސްކުރުމަށް

- ރައްޔިތަކު އުފުލަން ޖެހޭ ޝަހްސީ ޒިންމާއެއް ހިމެނޭ ގާނޫނެއް ފާސްކުރުމަށް

ނަމަވެސް މިއަދުގެ ވޯޓާ ހަމައަށް ދިއުމުގެ ކުރިން، އިދިކޮޅު މެމްބަރުންނެކޭ އެއްފަދައިން ވެރިކަން ކުރާ ކޯލިޝަންގެ މެމްބަރުން ވެސް ވިދާޅުވަމުން ގެންދެވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާށާއި މުއްދަތު އިތުރުކުރަން ވޯޓަށް އަހާ އިރު 43 މެމްބަރުން ތިބެން ޖެހޭނެ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ފާސް ކުރުމަށް މިއަދު ބާއްވާނެ ކަމަށް ރޭ އިއުލާންކުރި ޖަލްސާ އެތައް ފަހަރަކު ފަސްކުރަމުން، ބާއްވާނެ ގަޑިއެއް ކަނޑަނޭޅި ދިޔައީ ވެސް، އެ ވޯޓުގައި ސަރުކާރާ އެއްކޮޅަށް ތާއީދުކުރާނެ 43 މެމްބަރުން ހަމަނުވެގެން ކަމަށް މެމްބަރުން ގަބޫލުކުރެއްވި އެވެ. އެންމެ ފަހުން ޖަލްސާ ބޭއްވީ ގާތްގަނޑަކަށް ދެ ގަޑިއިރެއްހާ އިރު ފަހުންނެވެ. އެންމެ ފުރަތަމަ ޖަލްސާ ބާއްވަން މަސައްކަތް ކުރީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހަޅުއްވައި ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނު ހާލަތު، މިހާރު ވެސް އޮތުމާއެކު، އެ ހާލަތަށް ހެޔޮ ބަދަލެއް ނާންނަ ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ ގާނޫނުއަސާސީގައި ބާރުތައް ވަކި ކުރެވިފައިވާ އިރު، ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ފަނޑިޔާރުން އަމަލުކޮށްފައިވާތީ ކަމަށް ރައީސްގެ ސިޓީފުޅުގައިވެ އެވެ. މިއީ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާނެ ކަންކަން ކަމަށާއި އެ އަމަލުތަކުގެ ސަބަބުން ދުސްތޫރީ އޮނިގަނޑަށް ބޮޑެތި ލޮޅުންތަކެއް އައި ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ވެސް އެ ސިޓީފުޅުގައިވެ އެވެ.

ރައީސް ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ ސިޔާސީ އިދިކޮޅު ނުވަ ލީޑަރަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ތަބާނުވެ، އެއީ ދައުލަތް ހުއްޓުވާލަން ކުރި ކަމެއް ކަމަށް ވިދާޅުވެ އެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، ފުލުހުންނާއި ސިފައިން ފޮނުވައިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، މައުމޫންގެ ދަނބިދަރިކަލުން މުހައްމަދު ނަދީމް ވަނީ އެ ރޭ ހައްޔަރުކޮށްފަ އެވެ.