Roadha Mihaaru
12 މެމްބަރުންނަށް ދިން ދައުވަތު އަނބުރާ ގެނެސްފި

12 މެމްބަރުންނަށް ޖަލްސާ އަށް ދިން ދައުވަތު އަނބުރާ ގެނެސްފި

19 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުން މާދަމާ ބާއްވާ ޚާއްސަ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި މަޖިލީހުގެ އިދާރާ އިން މިއަދު ފޮނުވި ދައުވަތު އަނބުރާ ގެނެސްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އިދިކޮޅު 12 މެމްބަރުން މާދަމާ ބާއްވާ ޚާއްސަ ޖަލްސާ އަށް ވަޑައިގަތުމަށް އަންގައި މަޖިލީހުގެ އިދާރާ އިން މިއަދު ފޮނުވި ދައުވަތު އަނބުރާ ގެނެސްފި އެވެ.

މި ދައުވަތު އަނބުރާ ގެނައީ، ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށް އެ ކޯޓުން މިރޭ ނެރުނު ވަގުތީ އަމުރާ ގުޅިގެން ކަމަށް މަޖިލީހުގެ އިދާރާ އިން އެ މެމްބަރުންނަށް ފޮނުވި މެސެޖުގައި ވެ އެވެ.

ނަމަވެސް އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި ބުނީ، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން ސާފު ކަމަށެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުމަށް މާދަމާ ހެނދުނު 11:00 ގައި ބާއްވާ ޚާއްސަ ޖަލްސާ އަށް އިދިކޮޅު ހުރިހާ މެމްބަރުން ވެސް ވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ހަރަކާތުގެ ޕާލަމެންޓްރީ ގުރޫޕުން ބުންޏެވެ.

ފެބްރުއަރީ 1 ގައި ހުކުމުގައި ބުނެފައިވާ، ފްލޯ ކްރޮސް ކުރުމަކީ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމެއް ކަމަށް ނޫން ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވިއިރު، މިރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ އެ ބަޔަށް މަޑުޖައްސާލަން އަމުރުކުރާ ކަމަށެވެ.

ސުޕްރީމު ކޯޓުގެ މި އަމުރުގައި ބުނީ މި ގޮތަށް އަމަލު ކުރަން އެންގީ ފެބުރުއަރީ 1ގެ އަމުރަކީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އެއްޗެއް ކަމަށް ބަންޑާރަ ނައިބަށް ފެންނަ ހިނދު، އަދި ގާނޫނީ ވެރިކަން ނަގަހައްޓައި، ހިމާޔަތްކޮށް ކުރިއެރުމަށާއި ރައްޔިތުންގެ ސަލާމަތާއި މަންފާ އާއި އާއްމު މިނިވަންކަން ދިފާއު ކުރުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތަކަށް ވާތީ މި ބަޔަށް އަމަލު ކުރުން ފަސްކުރަން ދައުލަތުން އެދިފައިވާތީ ކަމަށެވެ.