Roadha Mihaaru
"ނިންމުން ސައްހަ ނޫން ކަމަށް ޕީޖީ އަށް ނުނިންމޭނެ"

މަޖިލީހުގެ ނިންމުން ސައްހަ ނޫން ކަމަށް ޕީޖީއަކަށް ނުނިންމޭނެ: ޕީޕީއެމް

22 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމީ ސައްހަ ނިންމުމެއް ނޫން ކަމަށް ކަނޑައެޅުއްވުމުގެ ބާރެއް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަށް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ނިންމީ ސައްހަ ނިންމުމެއް ނޫން ކަމަށް ކަނޑައެޅުއްވުމުގެ ބާރެއް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް އަށް ނޯންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ ނިންމުމެއް ގާނޫނުއަސާސީއާ ޚިލާފުކަން ކަނޑައެޅުމުގެ ބާރު އޮތީ ހަމައެކަނި ސުޕްރީމް ކޯޓަށް ކަމަށާއި އެއީ ޕީޖީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.

"ޕީޖީ ވިދާޅުވިޔަސް، އެހެން ބޭފުޅަކު ވިދާޅުވިޔަސް، ފުލުހުންނާއި ސިފައިން ނުޖެހޭނެ ޣައިރު ގާނޫނީ އަމުރަށް ނޫނީ ގާނޫނުއަސާސީއާ ހިލާފު އަމުރަށް ތަބާވާކަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މި މަހުުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުން މިދިޔަ އަންގާރަ ދުވަހު ވަނީ ނިންމައިފަ އެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. އެއީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ.

އެކަމަކު މަޖިލީހުން އެ ގަރާރު ފާސްކުރީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަން މަޖިލީހުގައި ގަވާއިދުގައި ބަޔާންކުރާ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ވާހަކަ ބަޔާން ކޮށްފައި ނެތުމުންނެވެ.

އެނގިފައިވާ ގޮތުގައި ޕީޖީ ބިޝާމް ފުލުހުންނަށް ފޮނުވި ސިޓީގައި އަންގަވާފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ އެއްގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެއްވެސް މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކު ދޫކޮށްލަން އެ ސިޓީގައި ޕީޖީ އަންގާފައި ނުވާ ކަމަށް ވެ އެވެ.

އިދިކޮޅު ކޯލިޝަނާއި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި 43 މެމްބަރުން ނެތި ކުއްލި ގަރާރު ފާސްކުރި ކުރުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެކެވެ. އެހެންވެ، ކުއްލި ހާލަތު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އިދިކޮޅުން ދެކެ އެވެ. މަޖިލީހުން ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް ވެސް އެދިފަ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި އަންގާފައި ވަނީ އެކަމުގައި އެ ކޯޓުން މަޖިލީހަށް ލަފައެއް ދެންދެން، ކުއްލި ހާލަތުގެ ގަރާރާ މެދު މަޖިލީހުން ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށެވެ.