Roadha Mihaaru
މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފު: ޕީޖީ

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު މަޖިލީހުގެ ނިންމުން ގާނޫނާ ޚިލާފް: ޕީޖީ

21 ފެބުރުއަރީ 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް ރޭ ސިޓީއެއް ފޮނުއްވައިފި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން އިއްޔެ ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފް ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް ރޭ ސިޓީއެއް ފޮނުއްވައިފި އެވެ.

މި މަހުުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 30 ދުވަހަށް ދަންމަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ 38 މެމްބަރުންގެ ވޯޓުން ފާސްކޮށްފަ އެވެ. ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ކަންކަމަށް ވޯޓަށް އެހޭނީ 43 މެމްބަރުން ހާޒިރުވާ ޖަލްސާއެއްގައި ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވެ އެވެ. އެކަމަކު މަޖިލީހުން އެ ގަރާރު ފާސްކުރީ ރައްޔިތުން އަމަލު ކުރުން ލާޒިމްވާ ކަންކަން މަޖިލީހުގައި ގަވާއިދުގައި ބަޔާންކުރާ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ވާހަކަ ބަޔާން ކޮށްފައި ނެތުމުންނެވެ.

އެނގިފައިވާ ގޮތުގައި ޕީޖީ ބިޝާމް ފުލުހުންނަށް ފޮނުވި ސިޓީގައި އަންގަވާފައި ވަނީ މަޖިލީހުގެ ނިންމުން ގާނޫނުއަސާސީއާ އެއްގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެއްވެސް މީހަކު ބަންދުގައި ބެހެއްޓޭނެ ކަމަށް އެކަމަނާ ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެކަމަކު އެއްވެސް މީހަކު ދޫކޮށްލަން އެ ސިޓީގައި ޕީޖީ އަންގާފައި ނުވާ ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި އެއީ ގާނޫނީ ލަފައެއްގެ ގޮތުން ޕީޖީ، ފުލުހުންނަށް ފޮނުއްވި ސިޓީއެއް ނޫނެވެ. އެއީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު އެކަމަނާ ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވަން ފޮނުއްވި ސިޓީއެއް ކަމަށް ވަނީ އެނގިފަ އެވެ. މި ސިޓީއާ ގުޅޭ ގޮތުން ޕީޖީ ބިޝާމް އަދި ޕީޖީ އޮފީހުގެ ބައެއް އަދި ލިބޭ ގޮތެއް ނުވެ އެވެ. ބިޝާމަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނުން ޖަވާބެއް ނުދެއްވަ އެވެ. އަދި މެސެޖަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.ޕޮލި

އިދިކޮޅު ކޯލިޝަނާއި ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވާ ގޮތުގައި 43 މެމްބަރުން ނެތި ކުއްލި ގަރާރު ފާސްކުރި ކުރުމަކީ ގާނޫނާ ޚިލާފަށް ކުރި ކަމެކެވެ. އެހެންވެ، ކުއްލި ހާލަތު މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ. މަޖިލީހުން މިހާރު ވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް އެދިފަ އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި އަންގާފައިވަނީ އެކަމުގައި އެ ކޯޓުން މަޖިލީހަށް ލަފައެއް ދެންދެން، ކުއްލި ހާލަތުގެ ގަރާރާ މެދު މަޖިލީހުން އިއްޔެ ނިންމި ނިންމުމަށް އަމަލު ކުރަމުން ގެންދިއުމަށެވެ.