Roadha Mihaaru
ޗެލްސީގެ ސީޒަން އަދި ސަލާމަތްކުރެވޭނެ: ކޮންޓޭ

ޗެލްސީގެ ސީޒަން އަދި ސަލާމަތްކުރެވޭނެ: ކޮންޓޭ

26 ފެބުރުއަރީ 2018

މެންޗެސްޓާ (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެ ލީގުގެ ގަދަ ހަތަރަކުން ޗެލްސީ ބޭރުވި ނަމަވެސް އަދި ސީޒަން ސަލާމަތްކުރެވޭނެ ކަމަަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން 2-1 އިން ބަލިވެ ލީގުގެ ގަދަ ހަތަރަކުން ޗެލްސީ ބޭރުވި ނަމަވެސް އަދި ސީޒަން ސަލާމަތްކުރެވޭނެ ކަމަަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފި އެވެ.

ރޭ ޔުނައިޓެޑް އަތުން ޗެލްސީ ބަލިވުމުން އެ ޓީމު ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ލީގުގެ ހަތަރު ވަނައިގައި އޮތީ ރޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމަށް 28 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އަށް 28 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ.

"މިހާ އުނދަގޫ ލީގެއްގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުމަކީ ފަސޭހަކަމެއް ނޫން. އުނދަގޫ ކަމެއް. ތެދެއް މި ވަގުތު އަހަރެމެން މި އޮތީ ގަދަ ހަތަރަކުން ބޭރުގައި އެކަމަކު އަހަރެން ބުނާނީ އަދި ސީޒަން އަތުން ބީވެގެނެއް ނުދެޔޭ. އަދި ސީޒަން ސަލާމަތްކުރެވޭނެ،" މިދިޔަ ސީޒަނުގައި ޗެލްސީ އަށް އިނގިރޭސި ޕްރިމިއާ ލީގު ހޯދައިދިން ކޮންޓޭ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޗެލްސީ ވަނީ ބާސެލޯނާއާ އެއްވަރުވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަށް ކުރި އަށް ހުރީ އުނދަގޫ މެޗުތަކެކެވެ. ކޮންޓޭ ބުނީ މި މެޗުތަކަށް އެ ޓީމުން ނުކުންނާނީ ފުރިހަމަ ތައްޔާރީއާ އެކު ކަމަށެވެ.

އިނގިރޭސި އެފްއޭ އިން އަންނަނީ މި ސީޒަނުގައި އެފްއޭ ކަޕާއި ލީގު ކަޕްގައި ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ އެހީ ހޯދަމުންނެވެ. ކޮންޓޭ ބުނީ ރޭގެ މެޗުގައި ވީއޭއާރް ބޭނުންކުރިނަމަ ވަރަށް ގިނަ ކަންތައްތަކެއް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށެވެ.

"ވީއޭއާރް އަކީ އަހަރެން ވަރަށް ތާއީދުކުރާ ކަމެއް. ހަމަގައިމުވެސް މި މެޗުގައި ވަރަށް ގިނަ ބަދަލުތަކެއް ފެނުނީސް ވީއޭއާރް ހުރިނަމަ. ސީދާ އެ ވާހަކަތަކަށް ގޮސްގެން ޝަކުވާތަކެއް ކުރަން ނެތިން،" ކޮންޓޭ ބުންޏެވެެ.

ރޭގެ މެޗުގައި ޗެލްސީގެ ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާގެ ފަރާތުން ފެނުނު ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ކޮންޓޭ ވަނީ ބުނެފަ އެވެ. އަދި މެޗުގެ ދެ ވަނަ ހާފުގައި އެޑެން ހަޒާޑް ބަދަލުކުރުމުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަމަށް މީޑިއާގައި ދެކެވުނީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ވެސް ކޮންޓޭ ބުންޏެވެ.