Roadha Mihaaru
ވަޓްފޯޑް އަތުން ބަލިވެ ކޮންޓޭ އަށް ޕްރެޝަރު ބޮޑުވެއްޖެ

ވަޓްފޯޑް އަތުން ބަލިވެ ކޮންޓޭ އަށް ޕްރެޝަރު ބޮޑުވެއްޖެ

06 ފެބުރުއަރީ 2018

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މެޗުގެ ބޮޑުބައި ޗެލްސީން އެއް ކުޅުންތެރިއަކު މަދުން ކުޅެ 4-1 އިން ވަޓްފޯޑް އަތުން ބަލިވުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މެޗުގެ ބޮޑުބައި ޗެލްސީން އެއް ކުޅުންތެރިއަކު މަދުން ކުޅެ 4-1 އިން ވަޓްފޯޑް އަތުން ބަލިވުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ޕްރެޝަރު ބޮޑުވެއްޖެ އެވެ.

މި ބައްޔާ އެކު ލީގުގެ ތިން ވަނަ އަށް އަލުން އަރަން ލިބުނު ފުރުސަތު ޗެލްސީ އަށް ވަނީ ގެއްލިފަ އެވެ. ލީގުގެ ތިން ވަނައިގައި 26 މެޗުން 51 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު، ހަތަރު ވަނަައިގައި ޗެލްސީ އޮތީ 26 މެޗުން 50 ޕޮއިންޓާ އެކު އެވެ.

މި މެޗުގެ 30 ވަނަ މިނިޓްގައި ޗެލްސީގެ ފްރާންސްގެ މިޑްފީލްޑަރު ޓިއެމޫ ބަކަޔޯކޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވަޓްފޯޑަށް ލިބުނު ޕެނަލްޓީން ލީޑުނަގައި ދިނީ އެ ޓީމުގެ ކެޕްޓަން ޓްރޯއި ޑީނީ އެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާ އިން ލޯން އެއްބަސްވުމަކަށް ދާދި ފަހުން ވަޓްފޯޑަށް ބަދަލުވި ޖެރާޑް ޑެލޮފޭއު އަށް ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ދެ ވަނަ ހާފުގައި ޗެލްސީން ހިތްވަރުކޮށް ރަނގަޅު ކުޅުމެއް ދެއްކި އެވެ. އަދި މެޗުގެ 82 ވަނަ މިނިޓްގައި އޭރިއާ ބޭރުން އެޑެން ހަޒާޑް ކާމިޔާބުކުރި ގޯލަކުން ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރި އެވެ.

އެހެން ނަމަވެސް ވަޓްފޯޑުން ކުރިއަށް ޖެހިގެން ކުޅެން ފެށުމުން ޗެލްސީ އަށް ބާރުބޮޑުވި އެވެ. ޗެލްސީ އަށް ހަޒާޑް ނަތީޖާ ހަމަހަމަކޮށްދިންތާ އެއް މިނިޓް ފަހުން ވަޓްފޯޑަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ޑަރީލް ޔަންމާތު އެވެ. ވަޓްފޯޑުގެ އަނެއް ދެ ލަނޑު ޖެހީ ޑެލޮފޭއު އާއި ރޮބާޓޯ ޕެރޭރާ އެވެ.

މިއީ 1995 ވަނަ އަހަރަށް ފަހު ޖެހިޖެހިގެން ލީގުގެ ދެ މެޗުން ޗެލްސީ ތިން ގޯލުގެ ތަފާތުން ބަލިވި ފުރަތަމަ ފަހަރެވެ. އަދި މި ސީޒަނުގެ މިހާތަނަށް ލީގުގައި ޗެލްސީ ވަނީ ހަ މެޗުން ބަލިވެފަ އެވެ. މިއީ މިދިޔަ ސީޒަނުގެ ލީގުގައި ޗެލްސީ ބަލިވި މެޗުތަކަށް ވުރެން އިތުރު އަދަދެކެވެ.

ރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ ޗެލްސީގެ ފަރާތުން ފެނުނީ ދަށް ކުޅުމެއް ކަމަށާއި އެ ކަންތައް ރަނގަޅު ކުރަން ފުރުސަތު ލިބިއްޖެ ނަމަ ކުރިއަށްދާނެ ކަމަށެވެ.

"މާދަމާ އަކީ އާ ދުވަހެއް. ޗެލްސީ ކޯޗެއްގެ ގޮތުގައި އަހަރެން ހުއްޓަސް ނެތަސް އަހަރެންގެ މައްސަލައެއް ނެތް. ކްލަބުން ނިންމާ ނިންމުމަކަށް އަހަރެން އިހުތިރާމް ކުރާނަން. ކޯޗެއްގެ ގޮތުގައި އަހަރެން އަމިއްލަ އަށް މަސައްކަތް ހުއްޓާލާފައި ނުދާނަން،" ކޮންޓޭ ބުންޏެވެ.

ވަޓްފޯޑުގެ ކޯޗު ހަވީ ގާސިއާ ބުނީ އޭނާގެ ޓީމަށް މި މެޗުން މޮޅެއް ލިބުނީ ޗެލްސީން ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ކަމަށް ގަބޫލުނުކުރާ ކަމަށާއި މިއީ މުޅި މެޗަށް ބަލާއިރު ވަޓްފޯޑަށް ހައްގު މޮޅެއް ކަމަށެވެ.