Roadha Mihaaru
މަޖީދީ މަގަށް އެއްވީ މަދުބައެއް: ޕީޕީއެމް

މަޖީދީ މަގަށް އެއްވީ މަދުބައެއް: ޕީޕީއެމް

02 މާޗް 2018

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މަޖީދީ މަގުގައި ބޭއްވި މުޒާހަރާގައި ބައިވެރިވީ މަދުބައެއް ކަމަށާއި އިދިކޮޅު ކޯލިޝަނުން އަންގާ ގޮތަށް ރައްޔިތުން އަމަލު ނުކުރާކަން އެ މުޒާހަރާ އިން އެނގިއްޖެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު މަޖީދީ މަގުގައި ބޭއްވި މުޒާހަރާގައި ބައިވެރިވީ މަދުބައެއް ކަމަށާއި އިދިކޮޅު ކޯލިޝަނުން އަންގާ ގޮތަށް ރައްޔިތުން އަމަލު ނުކުރާކަން އެ މުޒާހަރާ އިން އެނގިއްޖެ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ގިނަ އަދަދެއްގެ ބަޔަކާއެކު މިއަދު ކުރިއަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ މީހަކު ދިރިއުޅޭ ގެއަކާ ދިމާލުން މަޖީދީ މަގަށް ނުކުންނަން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިދިކޮޅު ފަރާތްތަކުން ގޮވުމުން ވެސް ނުކުންނާނެ މީހަކު މިއަދު ހަވީރު ނުވި ކަމަށެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާގައި ގިނައިން ތިބީ ބިދޭސީންނެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މާލޭގެ މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި ކުރި މުޒާހަރާގެ ތެރެއިން .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެން މި އައީ މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ބަލާފައި. އެތަނުގައި ތިބި ކޮންމެ ދިވެއްސަކަށް 12 ބިދޭސީން އެބަތިބި. ނުކުމެގެން އުޅޭ ދިވެހިންގެ އަދަދު ނާރާ 100 އަށް ވެސް،" މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ބޭއްވި މުޒާހަރާއާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މުޒާހަރާ އަށް ނުނިކުތީ އިދިކޮޅު ފަރާތްތަކުން ބުނިގޮތަށް ވެރިކަން ބަދަލުނުވުމާއި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު، އެ ކޯޓުން ފަހުން ބާތިލް ކުރުމުން އެއީ ތަންފީޒު ކުރަން ނުޖެހޭ އަމުރެއް ކަމަށް ގަބޫލު ކުރާތީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި މުޒާހަރާ ކުރަން ނިންމީ އެއީ ކާރުބާރޫ ބޮޑު މަގަކަށް ވާތީ މުޒާހަރާ އަށް އެއްވާ މީހުންގެ އަދަދު އިތުރުކަން ދައްކަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއްވެ އުޅުމުގެ މިނިވަންކަން ނުލިބޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ރައްދު ދެއްވައި އަބްދުއްރަހީމް ވިދާޅުވީ އެއްވެ އުޅުމާ ބެހޭ ގާނޫނު ބުނާގޮތުން މަޖީދީ މަގަށް އެއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެ މުޒާހަރާ ފުލުހުން ރޫޅާލުން ގާނޫނާ ޚިލާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވަނީ މިއަދުގެ ހަވީރުގެ އެއްވުމުން ހައްޔަރުކޮށްފަ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ހައްޔަރުކޮށްގެން ގެންދަނީ .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާގައި ދިއްދޫ ދާއިރާގެ މެމްބަރު ލަތީފް ހައްޔަރުކޮށްގެން ގެންދަނީ .---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަބްދުއްރަހީމް ވިދާޅުވީ މުޒާހަރާގައި އިދިކޮޅު ފަރާތްތަކުގެ ލީޑަރުން ނެތް ކަމަށެވެ. ލީޑަރުން ތިބީ ފިއްލަވައިގެން ކަމަށް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޗީފް ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އެމްޑީޕީން ކުރަނީ ޣައިރު ގާނޫނީ މަސައްކަތެއް ކަމށާއި އިދިކޮޅު ފަރާތުގައި އުޅޭ އެއްވެސް މީހަކު މަގުމައްޗަކަށް ނުނިކުންނާނެ ކަމަށެވެ.

އިދިކޮޅު ލީޑަރުންގެ ބޭނުމަކީ އެބޭފުޅުން ފިއްލަވައިގެން ތިއްބަވައި ނިކަމެތި ރައްޔިތުން މަގުމައްޗަށް ނެރެ އެރައްޔިތުންނަށް އަނިޔާތައް ލިބުން ކަމަށް އާރިފް ވިދާޅުވި އެވެ.