Roadha Mihaaru
ޕީއެސްއެމުން "ޓެރަރިޒަމް"ގެ މައްސަލައަކާ އެކު ފުލުހަށް

ޓެރަރިޒަމްގެ އިންޒާރެއް ކަމަށް ބުނެ ޕީއެސްއެމުން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފި

04 މާޗް 2018

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޓެރަރިޒަމްގެ އިންޒާރެއް މީހަކު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޓެރަރިޒަމްގެ އިންޒާރެއް މީހަކު ދީފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅައިފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ބުނީ އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަދި އެކްޓިވިސްޓު އަހުމަދު ނިޔާޒު ވަނީ އެ ސްޓޭޝަނާއި ޗެނަލް 13ގެ ސެޓަލައިޓް ހިދުމަތްތައް ކަނޑާލާނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެހެންވެ އެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައިވާއިރު، ކަމާ ބެހޭ އެހެން އިދާރާތަކާއި ސަރުކާރު ކުންފުނިތަކުން ވެސް އެ މައްސަލަ ބަލަން ޕީއެސްއެމުން ގޮވާލާފައިވެ އެވެ.

ނިޔާޒް "ޓެރަރިޒަމް"ގެ އިންޒާރު ދީފައިވަނީ، ޕީއެސްއެމުން ބުނިގޮތުގައި، މިިދިޔަ މަހު ކުރީކޮޅު ކޮށްފައިވާ ޓްވީޓެއްގަ އެވެ.

ޕީއެސްއެމުން އެހެން ބުނި ނަމަވެސް ނިޔާޒުގެ ޓްވީޓްގައި، ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނީ އޭނާ ކަމަކަށް ބުނެފައެއް ނުވެ އެވެ. ނިޔާޒުގެ ޓްވީޓްގައި ބުނެފައިވަނީ "ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޓީވީއެމް އަދި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނެ" ކަމަށެވެ.

ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް، އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުން އަންނަ ކަމަށް ޕީއެސްއެމުން އަންނަނީ ބުނަމުންނެވެ.

ދައުލަތުގެ މީޑިއާ ނަމަވެސް ޕީއެސްއެމުން އިދިކޮޅު އެއްވެސް ހަރަކާތެއް ކަވަރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޕީޕީއެމުން ބާއްވާ ހަރަކާތްތައް ވަގުތުން ވެސް ގެނެސްދެ އެވެ.