Roadha Mihaaru
ކުށްވެރިވެއްޖެ ނަމަ އޮޓޯ އިން ފަނޑިޔާރުން ވަކިކުރަނީ

ކުށްވެރިވެއްޖެ ނަމަ އޮޓޯ އިން ފަނޑިޔާރުން ވަކިކުރަން ހުށަހަޅައިފި

07 މާޗް 2018

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާނެ އެވެ.

އެ ހާލަތުގައި ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނާ އިޖްރާއާތުތައް ނުހިނގާނެ ކަމަށް އެ އިސްލާހުގައިވެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ އިސްލާހުގައި ބުނެފައި ވަނީ ކުށެއް ސާބިތުވެގެން ފަނޑިޔާރަކު ވަކިކުރާ ކުރުމަކީ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ނުުވަތަ ތައުދީބީ ފިޔަވަޅެއް އެޅުން ކަމުގައި ނުވާތީ އެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލޭ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ވެސް އެ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.

އެގޮތުން ދަށު ކޯޓުން ނިންމާ އެފަދަ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފްކޮށްފި ނަމަ، 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ބަލައި ނިންމުމަށާއި ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ސުޕްރީމް ކޯޓުން އެފަދަ މައްސަލަތައް ބަލައި ނިންމަންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަން ޖެހޭ މުއްދަތަކީ 10 ދުވަހެވެ.

އެ އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނެ އެވެ. އަދި ކުށެއްގެ ދައުވާ އުފުލާ ހިސާބުން ފެށިގެން އެ މައްސަލައެއްގެ އިސްތިއުނާފް މަރުހަލާތައް ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހު އެގޮތަށް ހުށަހެޅިއިރު ޖިނާއީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މި ވަގުތު ތިއްބެވީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، މި އިސްލާހު އެ ގޮތަށް ފާސް ކުރުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.

މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނު ބުނާގޮތުން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައި ނުވާ ނަމަ، އެއްވެސް ގާނޫނަކީ މާޒީގައި ހިނގާފައިވާ ކަންކަމުގެ މައްޗަށް ހިނގާނެ އެއްޗެއް ނޫނެވެ. އަދި ގާނޫނު އަސާސީ ބުނާގޮތުން ކުށެއް ކުރާ ފަހުން، ގާނޫނަށް ގެންނަ ބަދަލަކުން ކުރިން އެކަމަށް އޮތް އަދަބަށް ވުރެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ނަމަ، އެ މީހަކަށް ދޭންޖެހޭނީ ކުށް ކުރިއިރު އެކަމަށް އޮތް އަދަބެވެ.