Roadha Mihaaru
މަޖިލީހާއި ޖުޑިޝަރީއަށް ވުރެ ބާރުގަދައީ ރައީސް: އަދުރޭ

މަޖިލީހާއި ޖުޑިޝަރީ އަށް ނުލިބޭ ބާރާއި އިޚްތިޔާރު ރައީސަށް އޮންނާނެ: އަބްދުއްރަހީމް

25 އެޕްރީލް 2018

ދައުލަތް އެކުލެވިގެން ވަނީ ތިން ބާރުގެ މައްޗަށް ނަމަވެސް އެ ތިން ބާރު ހިމެނޭ ގޮތުން މުޅި ދައުލަތުގެ ވެރިޔަކު ހުންނަ ކަމަށް ވާނަމަ، އެހެން ބާރުތަކަށް ނުލިބޭ ބާރާއި އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތް އެކުލެވިގެން ވަނީ ތިން ބާރުގެ މައްޗަށް ނަމަވެސް އެ ތިން ބާރު ހިމެނޭ ގޮތުން މުޅި ދައުލަތުގެ ވެރިޔަކު ހުންނަ ކަމަށް ވާނަމަ، އެހެން ބާރުތަކަށް ނުލިބޭ ބާރާއި އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮންނާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، އެ މީހަކު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނު ބާތިލް ކަމަށް ކަނޑައެޅެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ. ގާނޫނު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ އިދިކޮޅު މެމްބަރުންތަކެކެވެ.

ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމް ކުރުމާއި ސަރުކާރުގެ ބާރުތައް ވަކި ކޮށްދީފައިވާ ކަން ފާހަގަ ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ދައުލަތުގެ އެންމެ މަތީ މަސްއޫލިއްޔަތުތައް ރައްޔިތުން ހަވާލުކޮށްފައިވަނީ އެ ގައުމެއްގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާ ކަމަށެވެ. ގައުމާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އިސްތިގްލާލާއި ސިޔާދަތު ހިމާޔަތް ކޮށްދިނުމަށް މަސައްކަތް ކުރެއްވުމުގެ ޒިންމާ ވެސް މަތިކޮށްފައި ވަނީ ވެރިއަކަށް ހުންނަވާ ބޭފުޅަކާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ޓުވީޓެއް.

ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމުން ރުމާލު 2 ޖަގަހައިގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން އާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންކަމުން، އޭނާ ވިދާޅުވީ ގާނޫނީ ދައުލަތެއް، ގާނޫނުގެ ބާރުން ހުއްޓުމަކަށް ގެނައުމުގެ ފުރުސަތެއް ދައުލަތުގެ ވަކި ބާރަކަށް ނުވަތަ މުއައްސަސާއަކަށް އޮވެގެން ނުވާނެ ކަމަށެވެ.

"އެފަދަ މަސައްކަތެއް ވަކި ބާރަކުން ނުވަތަ މުއައްސަސާއަކުން ކުރާ ނަމަ އެކަން ހުއްޓުވުމުގެ ބާރު މުޅި ދައުލަތުގެ އެންމެ އިސް ވެރިއަކަށް އޮންނަންވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދައުލަތުގެ އެންމެ ބާރުވެރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އަބްދުއްރަހީމް މި ވިދާޅުވީ، ސިޔާސީ ލީޑަރުން ދޫކޮށްލަން ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމް ސަރުކާރުން ތަންފީޒު ނުކުރި މައްސަލަ އާއި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުބާއްވާ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. ގާނޫނުއަސާސީން ވަކިކޮށްދީފައިވާ ތިން ބާރުގެ މައްޗަށް ރައީސް ޔާމީން ނުފޫޒު ފޯރުވަމުން އަންނަ ކަމަށާއި މިއީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.