Roadha Mihaaru
ފަނޑިޔާރުން ވަކިކުރެވޭ ބިލް ކޮމިޓީން ފާސްކޮށްފި

ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް ހެދި ބިލު ކޮމިޓީން ފާސްކޮށްފި

12 މާޗް 2018

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ، އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އެ ބިލު ކޮމިޓީ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި އިރު މާ ބޮޑެތި ބަދަލުތަކެއް ނުގެނެ އެވެ. ހަމައެކަނި ކޮމިޓީގައި ބަދަލު ގެނައީ ބިލުގައި ހުރި ބައެއް އިބާރާތްތަކަށެވެ.

ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމޭ ހިސާބުން އޮޓަމެޓިކުން އެ ފަނޑިޔާރަކު މަގާމުން ވަކިވާ ގޮތަށް ބިލުގައި އޮތުމަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަމެއް ކަމަށާއި މިއީ ފާސް ކުރެވޭނެ ބިލެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން، ފަނޑިޔާރެއްގެ މައްޗަށް ކުށެއް ސާބިތުވިޔަސް އަދި ނުވިޔަސް، ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހަށެވެ.

އެކަމަކު، ބިލުގައިވާ ގޮތުން ބިލުގައި ބުނާ ހާލަތުގައި ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބުނާ އިޖްރާއާތުތައް ނުހިނގާނެ އެވެ. ކުށެއް ސާބިތުވެގެން ފަނޑިޔާރަކު ވަކިކުރާ ކުރުމަކީ ފަނޑިޔާރެއްގެ މައްޗަށް ސުލޫކީ ނުުވަތަ ތައުދީބީ ފިޔަވަޅެއް އެޅުން ކަމުގައި ނުވާތީ ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން ފަނޑިޔާރެއްގެ މައްޗަށް ކުށުގެ ދައުވާ އުފުލޭ މައްސަލަތަކުގެ އިސްތިއުނާފު މަރުހަލާތައް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ވެސް އެ އިސްލާހުގައި ބުނެފައިވެ އެވެ. އަދި އެފަދަ މައްސަލަތައް އިސްތިއުނާފަށް ހުށަހަޅަންޖެހޭ މުއްދަތު ވެސް އެ އިސްލާހުގައި ކަނޑައަޅާފައިވެ އެވެ.

އިސްލާހުގައިވާ ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ހައްޔަރުކޮށްފި ނަމަ މުސާރަ ލިބޭ ގޮތަށް އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނެ އެވެ. އަދި ކުށެއްގެ ދައުވާ އުފުލާ ހިސާބުން ފެށިގެން އެ މައްސަލައެއްގެ އިސްތިއުނާފު މަރުހަލާތައް ނިމެންދެން އެ ފަނޑިޔާރަކު ސަސްޕެންޑް ކުރަންޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.

އެ އިސްލާހު އެގޮތަށް ހުށަހެޅިއިރު ޖިނާއީ ތުހުމަތުތަކެއްގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މި ވަގުތު ތިއްބެވީ ހައްޔަރުކޮށްފަ އެވެ. އެހެންވެ، މި އިސްލާހު އެ ގޮތަށް ފާސް ކުރުމަށް ފަހު، އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ދައުވާއެއް ސާބިތުވެ، އިސްތިއުނާފު މަރުހަލާ ނިމިއްޖެ ނަމަ މަޖިލީހުގެ ދައުރެއް ނެތި އެ ބޭފުޅުން މަގާމުން ވަކިވާނެ އެވެ.

މި ބިލަށް ބަހުސް ކުރައްވަމުން އަބްދުއްރަހީމް މިއަދު ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅެން ނެތީމަ ކަމަށެވެ. މި ބިލަށް ބަހުސް ކުރެއްވި ޕީޕީއެމް/އެމްޑީއޭ ކޯލިޝަންގެ މެމްބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.