Roadha Mihaaru
އެސްއޯއީ އުވާލަން 41 ގައުމަކުން ސަރުކާރަށް ގޮވާލައިފި

ކުއްލި ނުރައްކަލުގެ ހާލަތު އުވާލަން 41 ގައުމަކުން ސަރުކާރަށް ގޮވާލައިފި

08 މާޗް 2018

ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 5 ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް 41 ގައުމަކުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ 5 ގައި އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ވަގުތުން އުވާލުމަށް 41 ގައުމަކުން ސަރުކާރަށް މިރޭ ގޮވާލައިފި އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ގިނަ ގައުމުތަކެއް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ވީހާވެސް ބޮޑަކަށް އިންސާނީ ހައްގުތައް ރައްޔިތުންނަށް ކަށަވަރުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަސްޕެންޑްކުރި މާއްދާތައް އިއާދަކުރުމަށް ބަޔާނުގައި ގޮވާލި އެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓާއި ރާއްޖޭގެ އެހެން ކޯޓުތަކަށް މިނިވަންކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލި އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް މިނިވަންކަމާއިއެކު، ނުފޫޒެއް ނެތި މަސައްކަތް ކުރުމުގެ މިނިވަން ކަން ދިނުމަށް ވެސް ބަޔާނުގައި ބުންޏެވެ.

ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 1 ގައި 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމާ އެއްގޮތަށް، އެ މެމްބަރުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ގޮވާލައިފަ އެވެ. އަދި ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ހުރިހާ އެންމެންނާއި އާއިލާގެ މެމްބަރުން ދޫކޮށްލުމަށް ބަޔާނުގައި ގޮވާލި އެވެ.

ބަޔާނުގައި ބުނި ގޮތުގައި އެ ކައުންސިލުން ރާއްޖެ އަށް މީގެ ކުރިން ގޮވާލި ގޮވާލުންތަކަށް އިޖާބަ ދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި އިންސާނީ ހައްގުތައް ނިގުޅައިގަނެ ގާނޫނުއަސާސީން ލިބޭ ހައްގުތައް ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އދ ގެ ހިއުމަން ރައިޓްސް ކައުންސިލްގެ 34 ގައުމަކުން ގުޅިގެން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށް، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ލީޑަރުންނަށް ދިނުމަށް ގޮވާލައިފަ އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޖުޑިޝަރީގެ މިނިވަންކަމާއި ގާނޫނުއަސާސީ ނެގެހެއްޓުމަށް ސަރުކާރަށް އެ ގައުމުތަކުން ގޮވާލި އެވެ.

އެ ބަޔާނަށް ތާއީދު ކުރި ބޮޑެތި ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ބެލްޖިއަމް، އޮސްޓްރޭލިއާ، ފްރާންސް، ޖަރުމަނު، އިޓަލީ، ސްޕެއިން، ޕޯޗުގަލް، ކެނެޑާ ފަދަ ގައުމުތައް ހިމެނެ އެވެ.

ސިޔާސީ ބައެއް ބޭފުޅުން ހިމެނޭ ގޮތަށް 9 ގައިދީއަކު ދޫކޮށްލުމަށް އަމުރުކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައިފަ އެވެ. އަދި މަޖިލީހުގެ 38 މެމްބަރުންގެ ވޯޓުން ވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލައިފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަމަނުޖެހުންތަކުގައި އެތައް ބައެއްގެ އިންސާނީ ހައްގުތައް ގެއްލޭ ގޮތަށް ސަރުކާރުން އަމަލުކުރަމުންދާ ކަމަށް ބުނެ، އެކަންކަން ބެލުމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ވަފުދެއް ރާއްޖެއަށް ފޮނުވަން ވަނީ ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކެނޑި ނޭޅި ސަރުކާރަށް ގޮވަމުން ދިޔަ ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، އެ ކޯޓުގެ ބާކީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ސިޔާސީ އިދިކޮޅު އިސް ބޭފުޅުން ހިމެނޭ ގޮތުން ނުވަ ގައިދީ އަކު ދޫކުރުމަށް އެ އަމުރުގައި ބުނާ ބައި ބާތިލް ކޮށްފަ އެވެ. އެހެންވެ އެ ބަޔަށް އަމަލުކުރަން ސަރުކާރުން ދެކޮޅު ހަދަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ރިޝްވަތާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން އިތުރުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެންމެ ފަހުން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އަހުމަދު އަރީފް ވެސް އެ މައްސަލާގައި އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.