Roadha Mihaaru
"ބްލެކް ޕެންތާ" ގެ އާމްދަނީ ބިލިއަނަކަށް

"ބްލެކް ޕެންތާ" ގެ އާމްދަނީ ބިލިއަން ޑޮލަރު ފަހަނައަޅައިފި

11 މާޗް 2018

މިދިޔަ މަހުގެ 16 ގައި ރިލީޒްކޮށް، އެތައް ބައެއްގެ ތައުރީފު ލިބެމުން އަންނަ ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ" ގެ އާމްދަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ހިނގައްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުގެ 16 ގައި ރިލީޒްކޮށް، އެތައް ބައެއްގެ ތައުރީފު ލިބެމުން އަންނަ ސުޕަހީރޯ ފިލްމް "ބްލެކް ޕެންތާ" ގެ އާމްދަނީ ބޮކްސް އޮފީހުގައި އެއް ބިލިއަން ޑޮލަރު ފަހަނައަޅައި ހިނގައްޖެ އެވެ.

މިއީ މި އަހަރު ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމެވެ. "ބްލެކް ޕެންތާ" ގެ އާމްދަނީ އެއް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިޔައީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެންނެވެ. ބިލިއަން ޑޮލަރު އެ ފިލްމް ފަހަނައަޅައި ދިޔައީ މި ހަފުތާ ބަންދުގައި ފިލްމަށް ވަން އާމްދަނީއާ އެކުގަ އެވެ.

މާވެލް އިން ޕްރޮޑިއުސްކޮށް، ވޯލްޓް ޑިޒްނީން ޑިސްޓްރިބިއުޝަނާ ހަވާލުވި "ބްލެކް ޕެންތާ" އަކީ 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ރަޔަން ކޫގްލާ ޑައިރެކްޓް ކުރި ފިލްމެކެވެ. މީގައި ކިޔައި ދެނީ އެފްރިކާ ބައްރުގެ ހިޔާލީ ގައުމެއްގެ ބައެއްގެ މެދުގައި ހިނގާ ހާދިސާތަކެކެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ޑެނިއަލް ކަލޫޔާ، ލުޕިޓާ ނިޔޮންގޯ، މައިކަލް ބީ. ޖޯޑަން އަދި އެންޖެލާ ބެސޭ ފަދަ ތަރިން ހިމެނެ އެވެ.

"ބްލެކް ޕެންތާ" ބިލިއަން ޑޮލަރު ކުލަބަށް ވަނުމާ އެކު، ވެގެން ގޮސްފައި ވަނީ 2016 ގައި ރިލީޒް ކުރި "ކެޕްޓަން އެމެރިކާ ސިވިލް ވޯ" އަށް، ފަހު، މާވެލްގެ ފިލްމެއް ބިލިއަން ޑޮލަރު ކުލަބުން ޖާގަ ހޯދި ފުރަތަމަ ފަހަރަށެވެ. ހަމަމިއާ އެ މިއީ މާވެލް އާއި ޑިޒްނީގެ ގުޅުމުގެ ތެރެއިން ބިލިއަން ޑޮލަރު ކުލަބަށް ވަން ފަސް ވަނަ ފިލްމެވެ. ހަމަމިއާ އެކު، މިއީ ބިލިއަން ޑޮލަރު ކުލަބަށް ވަން 33 ވަނަ ފިލްމަށް އިރު، އެ ކުލަބުން ޖާގަ ހޯދި ޑިޒްނީޒްގެ 16 ވަނަ ފިލްމެވެ.

ފާހަގަކޮށްލެވޭ އަނެއް ކަމަކީ "ބްލެކް ޕެންތާ" އަކީ އުތުރު އެމެރިކާ އިން މާވެލް އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ދެވަނަ ފިލްމް ވެސް ކަމެވެ. ފިލްމް އުތުރު އެމެރިކާ މާކެޓުން ޖުމްލަ 520 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު، މާވެލްގެ ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމްގެ ރެކޯޑް އޮތީ 2012 ގެ ފިލްމް "ދި އެވެންޖާޒް" ގަ އެވެ. އެ ފިލްމަށް ނޯތު އެމެރިކާ އެކަނި ވެސް 620 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ.

"ބްލެކް ޕެންތާ" ފަސް ޖެހުމެއް ނެތި، ކުރިއަށްދާ އިރު، މި ހަފުތާގައި ވަނީ ޑިޒްނީގެ "އަ ރިންކަލް އިން ޓައިމް" ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ. މި ފިލްމްގެ ކާސްޓުންގެ ތެރޭގައި އޯޕްރޭ ވިންފްރީ، ރީސް ވިދަސްޕޫން، ކްރިސް ޕައިން އަދި މައިންޑީ ކޯލިން ހިމެނެ އެވެ.