Roadha Mihaaru
"ކެޕްޓަން މާވެލް" ގެ އާމްދަނީ ބިލިއަނަކަށް

މި އަހަރު ބިލިއަން ޑޮލަރު ހޯދި ފުރަތަމަ ފިލްމުގެ މަގާމު "ކެޕްޓަން މާވެލް" އަށް

07 އެޕްރީލް 2019

މި އަހަރު ހޮލީވުޑްގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސްގެ އަންހެން ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ހޮލީވުޑްގެ ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުގެ މަގާމު ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސްގެ އަންހެން ސުޕަހީރޯ ފިލްމު "ކެޕްޓަން މާވެލް" އަށް ލިބިއްޖެ އެވެ.

މިދިޔަ މަހުގެ 8 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދައްކައިގެން ލިބުނު އާމްދަނީ ހޮނިހިރު ދުވަހާ ހަމައަށް ވަނީ 1.006 ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އަނާ ބޯޑެން ޑައިރެކްޓް ކުރި "ކެޕްޓަން މާވެލް" އަކީ ގާތްގަނޑަކަށް 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމުގެ ލީޑް ރޯލް ކުޅެފައި ވަނީ ބްރީ ލާޒަން އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސެމުއެލް އެލް ޖެކްސަން، ޖޫޑް ލޯ، ކްލާކް ގްރެގް އަދި ލީ ޕޭސް ފަދަ ތަރިން ހިމެނެ އެވެ.

ވެރައިޓީން ބުނި ގޮތުގައި "ކެޕްޓަން މާވެލް" އަކީ މާވެލްގެ ދުނިޔޭގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ފަހަނައަޅައި ދިޔަ ހަތް ވަނަ ފިލްމެވެ.

އެ ލިސްޓްގައި ދެން ހިމެނޭ ފިލްމުތަކަކީ އެވެންޖާޒް: އިންފިނިޓީ ވޯ (2.04 ބިލިއަން ޑޮލަރު)، ދި އެވެންޖާޒް (1.51 ބިލިއަން ޑޮލަރު)، އެވެންޖާޒް: އޭޖް އޮފް އަލްޓްރޯން (1.40 ބިލިއަން ޑޮލަރު)، ބްލެކް ޕެންތާ (1.34 ބިލިއަން ޑޮލަރު)، އަޔަން މޭން 3 (1.21 ބިލިއަން ޑޮލަރު) އަދި ކެޕްޓަން އެމެރިކާ: ސިވިލް ވޯ (1.15 ބިލިއަން ޑޮލަރު) އެވެ.

މާވެލްގެ ފުރަތަމަ އަންހެން ސުޕަހީރޯ ފިލްމު ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، އެ ސްޓޫޑިއޯ އާއި ޑިޒްނިގެ ފިލްމަކަށް ދެން އެންމެ އަވަހަށް ސިނަމާތަކަށް އަންނާނީ މި މަހުގެ 26 ގައި ރިލީޒް ކުރާ "އެވެންޖާޒް: އެންޑްގޭމް" އެވެ.