Roadha Mihaaru
އެންމެ އަވަހަށް ބިލިއަން ޑޮލަރު ހޯދީ "އެންޑްގޭމް"

އެންމެ އަވަހަށް ބިލިއަން ޑޮލަރު ހޯދި ފިލްމަކީ "އެވެންޖާޒް: އެންޑްގޭމް"

01 މެއި 2019

މިހާތަނަށް އެންމެ އަވަހަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރި "އެވެންޖާޒް: އެންޑްގޭމް" އަށް ލިބިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާތަނަށް އެންމެ އަވަހަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު މިދިޔަ މަހުގެ 26 ވަނަ ދުވަހު ރިލީޒް ކުރި "އެވެންޖާޒް: އެންޑްގޭމް" އަށް ލިބިއްޖެ އެވެ.

ދެބެއިން ކަމަށްޗާ އެންތަނީ އާއި ޖޯއީ ރުޒޯގެ "އެވެންޖާޒް" ސީރިޒްގެ ފަހު ފިލްމު އަދި ހަތަރު ވަނަ ފިލްމު ބިލިއަން ޑޮލަރު ހަމަކުރީ ރިލީޒްކުރިތާ ފަސް ދުވަހުގެ ތެރޭގަ އެވެ. އެ ރެކޯޑް ކުރިން އޮތީ މިދިޔަ އަހަރު ރިލީޒްކުރި "އެވެންޖާޒް: އިންފިނިޓީ ވޯ" ގެ އަތުގަ އެވެ. އެއީ ރިލީޒް ކުރިތާ 11 ދުވަހުން ބިލިއަން ޑޮލަރު ހަމަކޮށްގެންނެވެ.

މާވެލްގެ ސުޕަހީރޯތައް އެއްކޮށް ދައްކުވައި ދޭ ޑިޒްނީގެ "އެވެންޖާޒް: އެންޑްގޭމް" ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދަމުން އަންނަ އިރު އަންގާރަ ދުވަހާ ހަމައަށް މި ފިލްމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބުނު އާމްދަނީ ވަނީ 1.223 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ މީހުން މިހާރު ލަފާ ކުރާ ގޮތުގައި "އެންޑްގޭމް" ރިލީޒް ކުރިތަނާ ލީކްވި ނަމަވެސް، މި ފިލްމު ބޮކްސް އޮފީހުގައި އާދަހިލާފު ވިޔަފާރިއެއްކޮށް، މުޅިން އާ ބެންޗްމާކްތަކެއް ގާއިމުކުރާނެ އެވެ. އެގޮތުން މި ފިލްމަކީ 2009 ގައި ޖޭމްސް ކެމެރެން ގެނެސް ދިން "އެވެޓާ" އިން ހަދާފައި އޮތް ރެކޯޑް މި ފަހަރު މުގުރައިލާނެ ފިލްމަކަށްވުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ދިރާސާރާކުރާ ފަރާތްތަކުން ލަފާކޮށްފައިވެ އެވެ.

"އެވެޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެ ފިލްމަށް ޖުމްލަ 2.788 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެ ރެކޯޑް "އެންޑްގޭމް" މުގުރައިލެވިއްޖެ ނަމަ މިއީ ވަރަށް ތާރީހީ ކާމިޔާބީއަކަށް ވެސް ވާނެ އެވެ.

އެ ފިލްމުގެ ދެ ޑައިރެކްޓަރުން ވެސް ވަނީ ފިލްމަށް މިހާރު ލިބެމުން އަންނަނީ އުންމީދު ކުރި ވަރަށް ވުރެ މާ ބޮޑު ތަރުހީބެއް ކަމަށް ބުނެފަ އެވެ.

"އެވެންޖާޒް: އެންޑްގޭމް" ހަދާފައި ވަނީ 356 މިލިއަން ޑޮލަަރުގެ ބަޖެޓަކުންނެވެ.