Roadha Mihaaru
ހައްލު އަދިވެސް އޮތީ ސުޕްރީމް ކޯޓުގައި: މެމްބަރުން

މިއީ ބޭއިންސާފުގެ އިންތިހާ، ހައްލު އަދިވެސް އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގައި: މެމްބަރުން

14 މާޗް 2018

ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބޭރުވެ، "ހިތުހުރި ގޮތަކަށް" ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލަން އުޅުމަކީ ބޭއިންސާފުގެ އިންތިހާ ކަމަށާއި އެކަމަކު އެ މައްސަލައިގެ ހައްލު އަދިވެސް އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގައި ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބޭރުވެ، "ހިތުހުރި ގޮތަކަށް" ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުވާލަން އުޅުމަކީ ބޭއިންސާފުގެ އިންތިހާ ކަމަށާއި އެކަމަކު އެ މައްސަލައިގެ ހައްލު އަދިވެސް އޮތީ ސުޕްރީމް ކޯޓުގެ އަތްމަތީގައި ކަމަށް ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ބިލް އިއްޔެ ފާސްކުރީ، 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ.

އެ މެމްބަރުން ވިދާޅުވީ ގާނޫނު އަސާސީއާ ޚިލާފަށް، އެންޓި ޑިފެކްޝަން ބިލެއް ފާސްކުރީ، 12 މެމްބަރުންނާ ހެދި ރައީސް އަބްދުﷲ ޔާމީނަށް ސަލާމަތް ނުވެވިގެން ކަމަށެވެ. ގާނޫނާ ޚިލާފު އަމަލުތަކާ ހެދި ޕީޕީއެމުން ވަކިވެވަޑައިގަތުމުން، އަލުން ޕާޓީއަށް ގެންދަން ކުރެއްވި މަސައްކަތް ވެސް ރައީސަށް ނާކާމިޔާބުވީ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

ގޮނޑި ވިއްކުން ހުއްޓުވަން ކަމަށް ބުނެ ބިލްފާސްކުރިއިރު، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، އެ ބިލުގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން ފައިސާ އާއި "ޑީލް ހަދައިގެން" ޕީޕީއެމަށް ގެންދަން މަސައްކަތް ކުރި އެވެ. އެއާއެކު، ބިރުދައްކައި ގަދަކަމުން މެމްބަރުން ހިފަހައްޓަން ކުރި މަސައްކަތާއި ސުޕްރީމް ކޯޓުން ވެސް ރައީސް ޔާމީނަށް މި މައްސަލައިގައި އެކަށީގެންވާ ފަރުވާއެއް ނުލިބުނު ކަމަށް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ.

ގޮނޑި ގެއްލުނު ބައެއް މެމްބަރުން ވިދާޅުވީ ވަކި ތާރީޚަކަށް ފެތޭ ގޮތަށް ބިލް ފާސްކުރީ ވެސް އެ ސަބަބާ ހެދި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވި ގޮތުގައި، މާޒީއަށް ރުޖޫއަވާ ގޮތަށް އެއްވެސް ގާނޫނެއް ނުހެދޭނެ ކަން ގާނޫނު އަސާސީ އާއި ގާނޫނުތަކުން ވަރަށް ސާފެވެ.

ޕީޕީއެމުން ވަކިވި 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ބިލް ފާސްކުރިއިރު، އެހެން ޕާޓީތަކާއި މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން ޕީޕީއެމަށް ގެންދިއުން މައްސަލައަކަށް ނުވީ ކީއްވެތޯ އަމީތު ސުވާލުކުރެއްވި އެވެ.

"އަޅުގަނޑުމެން 13 ޖުލައިގެ މާ ކުރިން ވަކިވެއްޖައިން. ކުށަކީ އަޅުގަނޑުމެން ކުރި ކުށެއް ނޫން، ކުށް ކުރީ އިލެކްޝަންސް ކޮމިޝަނުން. އެހެންވެ، ކީއްވެތޯ އަޅުގަނޑުމެންނާ މެދު ފިޔަވަޅު އަޅަންވީ؟" އަމީތު ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވިދާޅުވީ އެންޓި ޑިފެކްޝަން ބިލެއް ހެދި އެއް ސަބަބަކީ، ދާއިރާގެ ރައްޔިތުންނަށް އެދޭ ގޮތަށް، ފެން ހޮޅި އާއި ބަނދަރާއި ކަންނެލި ދޯނި ހޯދަން ރައީސްގެ ގާތަށް ދާތީ، އެކަން ހުއްޓުވުން ކަމަށެވެ.

"މިހާރު ރައީސް މި އޮންނަނީ، ކޮންމެ މެމްބަރެއްގެ އަތަށް ފަންސުރެއް ދެއްވާފައި. އެ ފަންސުރުގައި އޮންނަނީ ރައީސް ބޭނުންވާ ފާހަގަ ޖަހާފައި. ދާއިރާގެ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ބަހެއް ނުބުނެވޭނެ، ވޯޓެއް ދެނެއް ނުދެވޭނެ. ކޮމިއުނިސްޓު ގައުމުތަކަށް ވުރެން ވެސް ނުބައިކޮށް، އާ ނިޒާމެއް މި ގެނައީ،" ލަތީފް ވިދާޅުވި އެވެ.

އެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތުގައި، 12 ދާއިރާގެ 60،000 އަށް ވުރެ ގިނަ ރައްޔިތުން ހިމެނޭ ގޮތަށް ރައްޔިތުންގެ ހައްގުތައް އަދިވެސް ހޯދައިދެވޭނީ ސުޕްރީމް ކޯޓަށެވެ. އިންސާފު ހޯދައިދިނުމުގެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައި ވަނީ ސުޕްރީމް ކޯޓާ ކަން މެމްބަރުން ފާހަގަކުރެއްވި އެވެ.

"މި މައްސަލަ މިހާ ހިސާބަށް ދިގުލައިގެން މިދިޔައީ ވެސް ސުޕްރީމް ކޯޓުން މައްސަލަ އަށް ހައްލެއް ނުހޯދައި ދިގުދެންމުމުގެ ސަބަބުން. މިކަމުގެ ފަރުވާ އަދިވެސް އޮތީ އެ ކޯޓުގެ އަތްމަތީގައި،" އަމީތު ވިދާޅުވި އެވެ.

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.

މަޖިލީހުގެ ޕީޕީއެމް/އެމްޑީއޭ މެމްބަރުންގެ އިއްތިފާގުން ފާސްކުރި އެންޓި ޑިފެކްޝަން ބިލް ގާނޫނަކަށް ވެއްޖެ ނަމަ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ.

އެކަމަކު ގާނޫނު އަސާސީގައި މެމްބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅާފައިވާ ސަބަބުތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކާ ގުޅޭ އެއްވެސް ބައެއް ނުހިމެނެ އެވެ. އަދި ގާނޫނު އަސާސީގެ ރައްޔިތުންގެ މަޖިލިހާ ބެހޭ ބާބުގައި ސިޔާސީ ޕާޓީއަށް އެއްވެސް ވަރަކަށް ބަލާފައެއް ނުވެ އެވެ. އެހެންކަމުން ގާނޫނީ މީހުންގެ ގަބޫލުކުރާ ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނު ގާނޫނު އަސާސީއާ މުޅިން ހިލާފެވެ.