Roadha Mihaaru

ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ބޭރުކުރަނީ

ލަންޑަން (މާޗް 14) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާ އިން ވިހަ ދިން ގޮތް ސާފުކޮށްދީފައި ނުވާތީ އެ ގައުމުގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ފޮނުވާލަން ނިންމައިފި އެވެ.

ރަޝިޔާގެ 23 ޑިޕްލޮމެޓުން އިނގިރޭސިވިލާތުން ބޭރުކުރަނީ
ހަސަން އާމިރު
ހަސަން އާމިރު

14 މާޗް 2018

ލަންޑަން (މާޗް 14) - ރަޝިޔާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާގީ ސްކްރިޕަލް އާއި އޭނާގެ އަންހެން ދަރިފުޅު ޔުލިއާ މަރާލުމުގެ ބޭނުގައި ރަޝިޔާ އިން ވިހަ ދިން ގޮތް ސާފުކޮށްދީފައި ނުވާތީ އެ ގައުމުގެ 23 ޑިޕްލޮމެޓުން އިނގިރޭސި ވިލާތުން ފޮނުވާލަން ނިންމައިފި އެވެ.

އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މެއި ވިދާޅުވެފައި ވަނީ ސްކްރިޕަލް އަށް ދީފައި ވަނީ ރަޝިޔާގައި އުފައްދާފައިވާ އަސްކަރީ ގްރޭޑުގެ ނާވް އެޖެެންޓެއް ކަމަށްވާ ނޮވިޗޮކް ކަމަށެވެ. ޑިޕްލޮމެޓުން އިނގިރޭސި ވިލާތް ދޫކޮށް ދިއުމަށް ވަނީ ހަފުތާއެއް ދީފަ އެވެ.

ސްކްރިޕަލް އާއި އޭނާގެ ދަރިފުޅަށް ވިހަ ނުދޭ ކަމަށް ރަޝިޔާ އިން ވަނީ ބުނެފަ އެވެ. އެކަމަކު އިނގިރޭސި ވިލާތުން ވަނީ އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދޭން އިއްޔެގެ ނިޔަލަށް ރަޝިޔާ އަށް މުހުމަތު ދީފަ އެވެ. ނަމަވެސް ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ރަޝިޔާ އިން އެއްވެސް އެއްބާރުލުމެއް ދީފައެއް ނުވެ އެވެ.

ސްކްރިޕަލް، 66، އާއި ޔުލިއާ، 33، އަށް އަދިވެސް ދަނީ ސެލިސްބަރީ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެ މީހުންގެ ހާލު ސީރިއަސް އެވެ. ސްކްރިޕަލްއާ ފުރަތަމަ އެޓެންޑްވި ފުލުސް މީހާ ނިކް ބެއިލީގެ ހާލު ވެސް ސީރިއަސްވެގެން އޭނާ އަށް ވެސް ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އޭނާ މިހާރު ދަނީ އާއިލާއާ ވާހަކަ ދައްކަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސްކްރިޕަލް އާއި އޭނާގެ ދަރިފުޅު ސެލިސްބަރީގެ ޝޮޕިން މޯލެއްގެ ބޭރުގެ ބެންޗެއްގައި ހޭނެތިގެން ވެއްޓިފައި އޮއްވާ ފެނިފައި ވަނީ މި މަހު 4 ވަނަ ދުވަހު އެވެ.

ރިޓަޔާކޮށްފައިވާ ރަޝިޔާގެ ކުރީގެ އިންޓަލިޖެންސް އޮފިސަރު ކާނަލް ސްކްރިޕަލް ވަނީ އިނގިރޭސި ވިލާތުގެ ޖާސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. ރަޝިޔާ އިން 2006 ވަނަ އަހަރު އޭނާ ވަނީ 13 އަހަރަށް ޖަލަށް ލައިފަ އެވެ. އޭނާގެ ކުށަކީ ރަޝިޔާގެ ޖާސޫސީ މައުލޫމާތު އިނގިރޭސި ވިލާތުގެ އިންޓެލިޖެންސް ސާވިސް އަށް ފޯރުކޮށްދިނުމެވެ. އެކަމަކު އެފްބީއައިގެ ބެލުމުގެ ދަށުގައިވާ ރަޝިޔާގެ 10 ޖާސޫސުން މިނިވަންކުރާ މަތިން ރަޝިޔާގެ ޖަލުން ނެރުނު ހަތަރު މީހުންގެ ތެރޭގައި ސްޕްރިކަލް ވެސް ހިމެނެ އެވެ. ވޭތުވެދިޔަ އަށް އަހަރު އޭނާ ދިރިއުޅުނީ އިނގިރޭސި ވިލާތުގަ އެވެ.