Roadha Mihaaru

ޖާސޫސް ކުރުމުގެ ތުހުމަތުގައި ޖަރުމަނުން އިނގިރޭސިއަކު ހައްޔަރުކޮށްފި

ޖަރުމަން ވިލާތުގައި ހުންނަ އިނގިރޭސި ވިލާތުގެ އެމްބަސީގައި ވަޒީފާ އަދާކުރާ އިނގިރޭސި ރައްޔިތަކު، ރަޝިޔާ އަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި، ޖަރުމަން ފުލުހުން، މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށް ތަހުގީގު ފަށައިފި އެވެ.

ރަޝިޔާއަށް ޖާސޫސްކޮށްދޭ މީހަކު ޖަރުމަނުން ހައްޔަރުކޮށްފި

ޖަރުމަން ވިލާތުގައި ހުންނަ އިނގިރޭސި ވިލާތުގެ އެމްބަސީގައި ވަޒީފާ އަދާކުރާ އިނގިރޭސި ރައްޔިތަކު، ރަޝިޔާ އަށް ޖާސޫސްކޮށްދޭ ކަމުގެ ތުހުމަތުގައި، ޖަރުމަން ފުލުހުން، މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށް ތަހުގީގު ފަށައިފި އެވެ.

ޖަރުމަން ވިލާތުގެ ޕްރޮސެކިއުޓާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ޑޭވިޑް އެސް ކިޔާ އެމީހާ ރަޝިޔާ އަށް ޖާސޫސްކޮށްދެނީ، ބަދަލުގައި ގިނަ އަދަދެއްގެ ފައިސާ ލިބޭތީ އެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، އޭނާ އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން އޭނާ އަށް ލިބުނު އިނގިރޭސި ވިލާތުގެ ސިއްރުތަކެއް އެކުލެވޭ ލިޔުންތަކެއް، ރަޝިޔާގެ ޖާސޫސަކަށް ދިނުމެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑޭވިޑްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން، އޭނާ ދިރިއުޅޭ އެޕާޓްމަންޓަށާއި އޭނާ މަސައްކަތްކުރާ އަމިއްލަ އޮފީހަށް ޖަރުމަނު ސިފައިން ވަދެ އެތަންތަން ބަލައި ފާސްކޮށްފައިވެ އެވެ. ޖަރުމަން ސަރުކާރުން ލަފާކުރާ ގޮތުގައި، އޭނާ ރަޝިޔާ އަށް ޖާސޫސްކޮށްދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހިސާބުން ފެށިގެންނެވެ.

ޖަރުމަން ވިލާތުގެ ބާލިންގައި ހުންނަ އިނގިރޭސި އެމްބަސީގެ ކުރިމަތިން، އޮގަސްޓް 11، 2021 ގައި ބަޔަކު ދަތުރުކުރަނީ. --އޭއެފްޕީ

ޖަރުމަން ވިލާތުގެ ބާލިންގައި ހުންނަ އިނގިރޭސި އެމްބަސީގެ ކުރިމަތިން، އޮގަސްޓް 11، 2021 ގައި ބަޔަކު ދަތުރުކުރަނީ. --އޭއެފްޕީ

ޖަރުމަން ވިލާތުގެ ހާރިޖިއްޔާ އިން ބުނި ގޮތުގައި، އެ މައްސަލަ އެ ގައުމުން ނަގަނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގަ އެވެ. ޖަރުމަނު ވިލާތުގެ ބިމުގައި ހުރެގެން، ޖަރުމަންގެ ގާތް އެކުވެރި ގައުމަކަށް ޖާސޫސް ކޮށްދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ހާރިޖިއްޔާ އިން ބުންޏެވެ.

ޑޭވިޑް ހައްޔަރު ކުރީ ބާލިންގެ ރަށްބޭރުގައި އޮންނަ ޕޮޓްސްޑަމް އިން މިދިޔަ އަންގާރަ ދުވަހު އެވެ. އޭނާ ހައްޔަރުކުރުމާ ހަމައަށް ހުރީ އިނގިރޭސި އެމްބަސީގެ މުވައްޒަފެއްގެ ގޮތުގަ އެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ތަހުގީގު ކުރަނީ ޖަރުމަން ސަރުކާރާއި އިނގިރޭސި ވިލާތުގެ ބައިވެރިވުން ވެސް އޮވެގެންނެވެ. ނަމަވެސް ތަހުގީގުގައި އިސް ދައުރެއް އަދާކުރަނީ ޖަރުމަން ސަރުކާރުންނެވެ.

އިނގިރޭސި ވިލާތުގެ ފުލުހުން ވެސް ބުނެފައިވަނީ، ސިއްރުތަކެއް ޖާސޫސް ކުރުމުގެ ހަރަކާތްތަކެއްގައި ޝާމިލުވާ، 57 އަހަރުގެ ފިރިހެނަކު، ޖަރުމަން ފުލުހުން ހައްޔަރުކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތަހުގީގު ހިންގަނީ ޖަރުމަން ވިލާތުގެ ގާނޫނުތަކާ އެއްގޮތަށެވެ.

ރަޝިޔާ އަށް ވެސް ޖާސޫސްކޮށްދިނުމުގެ ތުހުމަތުގައި، މިދިޔަ އަހަރުތަކުގައި، ޖަރުމަނު ފުލުހުން އެތައް ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އެ ގޮތުން، ޖަރުމަން ވިލާތުގެ ޔުނިވަސިޓީއެއްގައި މަސައްކަތް ކުރާ ރަޝިޔާގެ ސައެންޓިސްޓަކު، ރަޝިޔާގެ ސިއްރު އޭޖެންޓުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ތުހުމަތުގައި، މިދިޔަ ޖޫން މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ވެސް ޖާސޫސް ކޮށްދެމުން ދިޔައީ ފައިސާ އަށެވެ.