Roadha Mihaaru
އަޅުގަނޑުގެ އާއިލާގެ އެންމެން ދޫކޮށްލާ: ދުންޔާ

އަޅުގަނޑުގެ އާއިލާގެ އެންމެން ދޫކޮށްލާ: ދުންޔާ

15 މާޗް 2018

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، އާއިލާގެ ހުރިހާ ބޭފުޅުން ދޫކުރުމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ، އާއިލާގެ ހުރިހާ ބޭފުޅުން ދޫކުރުމަށް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިއަދު ގޮވާލައްވައިފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ދުންޔާ ކުރެއްވި ޓުވީޓެއްގައި އެގޮތަށް ގޮވާލެއްވިއިރު، ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ރިޝްވަތުގެ މައްސަލާގައި އެ ކަމަނާގެ ބައްޕާފުޅު މައުމޫނާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫން އަދި ޅިޔަނު މުހައްމަދު ނަދީމް ވެސް ވަނީ ދޫނިދޫގައި ބަންދުކޮށްފަ އެވެ.

މި މައްސަލާގައި، ދުންޔާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ތިން ބޭފުޅުން ދޫކުރުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ ގާނޫނުގެ ކުރިމަތިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމަށާއި އެންމެންނާ ދޭތެރޭ ވެސް އަމަލު ކުރަން ޖެހޭނީ އެއްގޮތަކަށް ކަމަށެވެ. އެހެންވެ އެބޭފުންގެ އެއްވެސް ކުށެއް ނެތްކަން ސާބިތުކޮށް ދިނުމަށް އިންސާފާވެރި ޝަރީއަތެއް ލިބެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ހައްޔަރު ކުރި ފަސް ބޭފުޅުންގެ ތެރޭގައި މައުމޫނާއި ނަދީމް ހިމެނެ އެވެ. މައުމޫނަށް ކުރާ ތުހުމަތުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމުގެ ތުހުމަތު ހިމެނެ އެވެ. ނަދީމަށް ވެސް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން މަސައްކަތް ކުރުމުގެ ތުހުމަތެވެ.

ދުންޔާގެ ޓްވީޓް.

ނަމަވެސް މައުމޫން ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.

ޖަލުގައި ހުންނެވި ފާރިސްގެ މައްޗަށް ދައުލަތުން ދަނީ ތަފާތު އެކި ދައުވާތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރުން ވައްޓާލަން ރިޝްވަތު ދިނުމާއި ޝަހުސު އޮޅުވައިލުމުގެ ތުހުމަތު ހިމެނެ އެވެ.