Roadha Mihaaru
ކުރީގެ ރައީސް ޒޫމާ އަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ

ސައުތު އެފްރިކާގެ ކުރީގެ ރައީސް ޒޫމާ އަށް ކޮރަޕްޝަނުގެ ދައުވާ ކުރަނީ

17 މާޗް 2018

ޕްރިޓޯރިއާ (މާޗް 17) - ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕްރިޓޯރިއާ (މާޗް 17) - ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ ކުރަން އެ ގައުމުގެ ޕްރޮސެކިއުޓާ ޖެނެރަލް ނިންމައިފި އެވެ.

އަމިއްލަ ޕާޓީން ކުރިމަތިކުރަމުން ދިޔަ ޕްރެޝަރާ ގުޅިގެން މިދިޔަ މަހު އިސްތިއުފާ ދެއްވި ޒޫމާގެ މައްޗަށް ކޮރަޕްޝަނުގެ 16 ދައުވާއެއް ކުރާނެ އެވެ. މީގެ ތެރޭން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ ގައުމުގެ އަސްކަރިއްޔާ ޒަމާނީ ކުރުމުގެ ބޭނުމުގައި 1990ގެ އަހަރުތަކުގެ ފަހުކޮޅު ހަތިޔާރު ގަންނަން ގާއިމްކުރި 30 ބިލިއަން ރޭންޑް (2.5 ބިލިއަން ޑޮލަރު) އެއްބަސްވުމުން ނާޖާއިޒް ފައިދާ ނެންގެވި މައްސަލައަށެވެ. ހަތިޔާރު ގަނެފައި ވަނީ ފްރާންސްގެ ހަތިޔާރު ސަޕްލަޔާ ތޭލްސް އިންނެވެ. އެ ކުންފުނިން ޒޫމާ ރިޝްވަތު ނެންގެވި ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޒޫމާ، 75، އިސްތިއުފާ ދެއްވާފައި ވަނީ އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ ނުވަ ވަނަ ވޯޓު ނަގަން ތައްޔާރުވެފައި ވަނިކޮށެވެ. ޒޫމާގެ ވެރިކަމުގެ ނުވަ އަހަރުގެ އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަނުގެ އެތައް ތުހުމަތެއް ކޮށްފަ އެވެ. ސައުތު އެފްރިކާގެ އެންޓި-ކޮރަޕްޝަން އެޖެންސީން 2016 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ވަނީ އިންޑިއާ ދަރިކޮޅުގެ ބިލިއަނާ ގުޕްތާ އާއިލާ އަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުމުގައި ޒޫމާ އެހީތެރިވެދީފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. ހަމަ އެ އަހަރު އެ ގައުމުގެ ސުޕްރީމް ކޯޓުން ވަނީ ޒޫމާގެ އަމިއްލަ ގޭގެ މަރާމާތަށް ހޭދަކުރި ފައިސާ އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެފަ އެވެ. ގޭގެ މަރާމާތަށް ސަރުކާރުގެ ފައިސާ އިން ޒޫމާ 23 މިލިއަން ޑޮލަރު ޚަރަދު ކުރި ކަމަށް އެންޓި ކޮރަޕްޝަން އެޖެންސީން ބުނެފައިވެ އެވެ. މީގެ ތެރޭން ބައެއް ޒޫމާ ފަހުން ވަނީ ދައްކަވައިފަ އެވެ.